Roadha Mihaaru
ޕާކިން ބިލްޑިންގުތައް އަންނަ މަހު އަޅަން ފަށަނީ

މާލޭގައި ޕާކިން ބިލްޑިންގުތައް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

25 ޑިސެމްބަރ 2023

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދަން ހަތަރު ޕާކިން ބިލްޑިންގު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދަން ހަތަރު ޕާކިން ބިލްޑިންގު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ) ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ޕާކިން ބިލްޑިންތައް އެޅުމުގެ ތައްޔާރީތައް ވާން ފަށާފައިވާ ކަމަށެވެ. ހަތަރު ބިލްޑިންގުގެ މަސައްކަތް އެއްފަހަރާ އަންނަ މަހު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކާއި ގިނަ ދުވަސްވެގެން ހަލާކުވެ، ނައްތާލަން ޖެހޭ ގޮތަށް މާލޭ މަގުތަކުގައި ހުރި އުޅަނދުތައް ނަގަން ވެސް ކައުންސިލުން އަންނަނީ މަޝްވަރާކުރަމުންނެވެ. މިއީ މާލެ ސަރަހައްދުގެ ސާފުތާހިރުކަމާއި ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ރަސްމިއްޔާތެއްގައި މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވާހަކަ ދައްކަވަނީ.  -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ސިޓީ ކައުންސިލްގެ ރަސްމިއްޔާތެއްގައި މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވާހަކަ ދައްކަވަނީ. -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

މަގުތަކުގައި ގިނަ ދުވަސްވެފައި ހުރި ވެހިކަލްތައް ނައްތާލުމާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކާ އެކު މާދަމާ ބާއްވާ ބައްދަލުވުމުގައި، އުޅަނދުތައް ޓޯ ކުރުމަށް ފަހު ނައްތާލެވޭނެ ނިޒާމަކީ ކޮބައިތޯ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިކަމަށް [ޕާކިން މައްސަލައަށް] މިވަގުތު އަޅުގަނޑުމެންނަށް ގެނެވެން އޮތް އެންމެ ބޮޑު ހައްލަކީ ކޮބައިތޯ؟ ހައްލު ތަކެއް ގެނައުމުގެ މަސައްކަތް ފަށަނީ، އަންނަ މަސްތެރޭ ކައުންސިލާއި ސަރުކާރާއި އެކުގައި ޕާކިން ބިލްޑިން ތަކުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް މިހާރު ވަމުން މިދަނީ،" ނަރީޝް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ. އޭގެ ތެރޭގައި ޕާކިން އިމާރާތް ނުވަތަ ޕާކިން ބިލްޑިން އެޅުން ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، މާލެ އާއި ހުޅުމާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް މެކޭނިލަކް ޕާކިން ސިސްޓަމްތަކެއް ގާއިމް ކުރި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ތަންތަން ބޭނުން ނުކުރާތީ ވަނީ ދަބަރަށް ވެފަ އެވެ.