Roadha Mihaaru
ހުޅުމާލޭގައި 500 އުޅަނދު ޕާކުކުރެވޭނެ އިމާރާތެއް އަޅަނީ

ހުޅުމާލޭގައި 500 އެއްހާ އުޅަނދު ޕާކުކުރެވޭނެ އިމާރާތެއް އަޅަނީ

01 އޯގަސްޓް 2021

ހުޅުމާލޭގައި މަދުވެގެން 500 ވެހިކަލްގެ ޖާގައިގެ ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި މަދުވެގެން 500 ވެހިކަލްގެ ޖާގައިގެ ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި ހުޅުމާލޭ ރައްޔިތުންގެ ވެހިކަލްތައް ޕާކުކުރުމަށް މަދުވެގެން 500 ވެހިކަލްގެ ޕާކިން ބިލްޑިންއެއް އެ ރަށުގައި އެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ޕާކިން ބިލްޑިން އަޅާނީ ހުޅުމާލެއިން ކުރީގެ ކައުންސިލުން ހޯދާފައިވާ ބިމުގަ އެވެ. އެގޮތުން އެ ބިލްޑިންގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއުގެ އިތުރު ތަފްސީލު ދެއްވާފައި ނުވި ނަމަވެސް މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ސުޖާއު ވަނީ ހުޅުމާލޭގައި އެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބިމަށް މިއަދު ޒިޔާރާތް ކުރައްވައިފަ އެވެ.

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނައިރު މިހާތަނަށް ކުރެވުނު މަސައްކަތުން 6،000 އަށް ވުރެ ގިނަ ވެހިކަލް މަގުމަތިން ނަގައި، ޕާކިން ޒޯންތަކަށް ވެއްދިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.