Roadha Mihaaru
ޔާމީނަށް ދީފައިވާ ލުއިތައް ރިވިއު ކުރަނީ

ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ލުއިތައް ރިވިއު ކުރަނީ

26 ޑިސެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދުގައި ހުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ލުއިތައް ރިވިއު ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން މިރޭ ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދުގައި ހުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ލުއިތައް ރިވިއު ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން މިރޭ ބުނެފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމް ކޮށްފައިވާ ޔާމީން ގޭ ބަންދަށް ބަދަލު ކުރަން ނިންމި ނަމަވެސް އެ މަނިކުފާނު އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންފް) ގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެ އެވެ.

އެހެން ނަމަވެސް އެއާ ހިލާފަށް ޔާމީން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވި މައްސަލައެއް ކަރެކްޝަނުން ބެލި އެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ކަރެކްޝަނުން މިރޭ ބުނި ގޮތުގައި ޔާމީނަށް ދީފައިވާ ލުއިތައް ރިވިއު ކުރުމުގެ މަސައްކަތް އެ އިދާރާ އިން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރު ތަފްސީލެއް ވެސް ނުދެ އެވެ.

ޔާމީންގެ ފަރާތުން މީގެ ކުރިން ވަނީ އިތުރު ލުއިތަކެއް ދިނުމަށް ވެސް ކަރެކްޝަންސްގައި އެދިފަ އެވެ. އޭގެ ތެރޭގައި ޕާޓީ އޮފީހަށް ވަޑައިގެން މީހުންނާ ބައްދަލު ކުރުމާއި މީޑިއާތަކާ ބައްދަލު ކުރެއްވުމާއި ޓީވީ ޕްރޮގްރާމްތަކަށް އެރުމުގެ ހުއްދަ އަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.

ނަމަވެސް ކަރެކްޝަންސް އިން އެ ހުއްދައެއް ނުދެ އެވެ.

ޔާމީން މިނިވަން ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިނުގައި އެންމެ ބޮޑަށް ދެއްކެވި ވާހަކަ އެވެ. ނަމަވެސް އެ ވައުދު އަދިވެސް ނުފުއްދުމާއި ސިޔާސީ އެހެން މައްސަލަތަކާ ހެދި އެމަނިކުފާނާއި ޔާމީން އޮތީ މައްސަލަ ޖެހިފަ އެވެ. ޔާމީން ޕީއެންއެފް އުފެއްދެވީ ވެސް އެ މައްސަލަ ބޮޑުވެ، ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށްފަހު އެވެ.