Roadha Mihaaru
އަލީރަޝީދާއި ޝަކީލްގެ މައްސަލަ ނުބަލާތީ ފާޑުކިޔުން

ފަނޑިޔާރު އަލީ ރަޝީދާއި ޝަކީލްގެ މައްސަލަ ނުބާލާތީ ޔާމީން ފާޑުވިދާޅުވެއްޖެ

17 ސެޕްޓެމްބަރ 2024

މި ސަރުކާރުގެ ބައެއް އިސްވެރިން އެއީ "ހަރާމް ހުކުމެއް" ކަމަށް ސިފަކުރަމުން ދިޔަ ހުކުމް އިއްވެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު ޝަކީލްގެ މައްސަލަ ނުބަލާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މި ސަރުކާރުގެ ބައެއް އިސްވެރިން އެއީ "ހަރާމް ހުކުމެއް" ކަމަށް ސިފަކުރަމުން ދިޔަ ހުކުމް އިއްވެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު ޝަކީލްގެ މައްސަލަ ނުބަލާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ގއ. ވޮޑުމުލާ މައްސަލާގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އޭރު އެ ކޯޓުގެ ގާޒީ އަލީ ރަޝީދެވެ. އޭގެ ފަހުން އަލީ ރަޝީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ވ. އާރަށު ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވެވީ ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަހުމަދު ޝަކީލެވެ. އޭގެ ފަހުން ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ކައިރި ވެފައި ވަނިކޮށް އޭނާ އަމިއްލަ އަށް ރިޓަޔާ ކުރެއްވި އެވެ.

ޔާމީންގެ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެ ދެ ފަނޑިޔާރުންގެ މައްސަލަތައް ނުބަލާ ލަސްކުރާ ކަމަށް ވިދާޅުވެ، ސުވާލު އުފައްދަވައިފަ އެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް ނުހައްގުން އިއްވީ "ހަރާމް ހުކުމެއް" ކަމަށް އިދިކޮޅު ހަރަކާތުގައި އުޅުއްވި ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، މިހާރު އެ ހުކުމް ކުރެއްވި ބޭފުޅުންނާ މެދު ފިޔަވަޅު އެޅުން އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުމަތީގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

"ޖޭއެސްސީ، ރައްޔިތުންގެ މަޖިލިސް އަދި ވެރިކަން މި އޮތީ އަތްމަތީ. ކީއްވެގެންތޯ މުއިއްޒަށް، އަލީ ރަޝީދު އެ ކުރެއްވީ ކަނޑައެޅިގެން ހަރާމް ހުކުމެއް ކަމަށްވާ ނަމަ ނުބަލަނީ ކީއްވެތޯ،" ޔާމީން ސުވާލު އުފެއްދެވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު (ކ) އަދި ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައިވާ ޝަކީލް.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު (ކ) އަދި ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައިވާ ޝަކީލް.

ފަނޑިޔާރު އަލީ ރަޝީދު ހުކުމް އިއްވެވީ އިންސާފުވެރި ގޮތެއްގައި ނޫން ކަމަށް ޔާމީން ވިދާޅުވިއިރު، އެ މަނިކުފާނު ވަނީ ފަނޑިޔާރު ޝަކީލަށް ވެސް ބޮޑު ތުހުމަތެއް ކުރައްވައިފަ އެވެ. ޔާމީން ވިދާޅުވީ ރިޓަޔާ ކުރެއްވުމަށް ފަހު، ޝަކީލް މެލޭޝިއާ އަށް ދިރިއުޅުން ބަދަލު ކުރެއްވީ އެ ތަނުން އެޕާޓްމެންޓެއް ބައްލަވައިގެން ކަމަށެވެ.

"އެހެންވީމާ ކީއްވެގެންތޯ އެއްވެސް ގޮތަކަށް މިކަހަލަ ގޯސް ހަދާ މީހުންނަށް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތީ. ހަމައެކަނި ފަނޑިޔާރުންގެ ތެރޭގައި އުޅޭ މީހުން އެ މީހުންގެ އަންހެން ސެކްރެޓްރީއަކަށް ފުރައްސާކުރުން، މިއީ ތޯ ފަނޑިޔާރުންގެ ސުލޫކީ މައްސަލައަކަށް މިވަނީ. މި އަށް ވުރެ ބޮޑެތި ކަންކަމުން ސުލޫކީ މައްސަލައަކަށް ނުވަނީތޯ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވިގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ގޯސްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގާނޫނު ހަވާސާކޮށްފައި ކުރާ ކަންކަމާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހެ އެވެ. ފަނޑިޔާރުންގެ ތެރެއިން ގިނައީ ރަނގަޅު ބޭފުޅުން ކަމަށް ވިޔަސް، ނުފޫޒުގައި ޖެހިގެން ކަންކަން ކުރާ ފަނޑިޔާރުންގެ މައްސަލަތައް ނުބަލާ ނަމަ ރާއްޖޭގައި ދުވަހަކު ވެސް އިންސާފު ގާއިމް ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.