Roadha Mihaaru
ނައީޝް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

ނައީޝް ގެއްލުނުތާ ހަފުތާއެއް، ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

28 ޑިސެމްބަރ 2023

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު 18 އަހަރުގެ މުހަންމަދު ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު 18 އަހަރުގެ މުހަންމަދު ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ނާއިޝް ގެއްލުނީ ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް، އޭނަގެ ރައްޓެހިންނާ އެކު އިހިނަގަން ގޮސްގެން އުޅެނިކޮށެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 9916.46 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑު މަގުން 2386.51 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1.026 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.

ނަމަވެސް، ނައީޝްގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި އޮޕަރޭޝަންގައި ކުރިއަށް ގެންދަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ.

ނައީޝް ގެއްލުނު ސަރަހައްދަކީ ކަކޫތާ ފެނުގައި އޮންނަ އެކަމަކު، ވަޅުގަނޑުގަނޑު ގިނަ ސަރަހައްދެއް ކަމަށާއި، އެއިން ވަޅުގަނޑަކަށް ގެނބުނަސް، ސަލާމަތްވާން އުނދަގޫވާނެ ކަމަށް އެ ރަށު މީހުން ބުނެ އެވެ.

ނާއިޝްގެ ބައްފަ ނަސްރުއްނައީމް "މިހާރު" އަށް ބުނި ގޮތުގައި އޭނާ އާ އެކު ދިޔަ ކުދިން ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް އޮޔާ ދަމައިގަތުމުން ސަލާމާތް ނުކުރެވުނު ކަމަށް އެ ކުދިން ބުންޏެވެ. އެހެންވެ ކުދިން އެއްގަމަށް އެރުމަށްފަހު ފުލުހަށް ރިޕޯޓުކުރީ އެވެ.

ނާއިޝް ގެއްލުނު ސަރަހައްދަކީ މީގެކުރިން ވެސް އެފަދަ ހާދިސާތައް ހިނގާފައިވާ ތަނެކެވެ.