Roadha Mihaaru
ބިލްތަކުގައި ތައްގަނޑުޖެހުމުގެ ވިސްނުމެއް ނެތް: ރޮޒޭނާ

ސަރުކާރުން ފޮނުވާ ބިލްތަކުގައި ތައްގަނޑު ޖަހައިގެން ފާސްކުރުމުގެ ވިސްނުމެއް ނެތް: ރޮޒެއިނާ

13 ޑިސެމްބަރ 2018

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ހުރިހާ ބިލްތައް "ތައްގަނޑު" ޖަހައިގެން މަޖިލީހުން ފާސް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ހުރިހާ ބިލްތައް "ތައްގަނޑު" ޖަހައިގެން މަޖިލީހުން ފާސް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިހާރު އެންމެ ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އެއް ކޮމިޓީއަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އެވެ. އެ ކޮމިޓީން ގާނޫނީ ހިދުމަތުގެ ބިލް ދިރާސާކޮށް ނިންމައިލި އިރު، ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރުތަކެއް ދިނުމާ ގުޅޭ ބިލް ވެސް އޮތީ ނިންމުމުގެ މަރުހަލާގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުނު ފަސް އަހަރުގެ ތެރޭގައި، ސަރުކާރުން މަޖިލީހަށް ހުށަހަޅައި ކޮންމެ އެއްޗެއްގައި "ރަބަރު ސްޓޭމްޕެއް" ހެން ތައްގަނޑު ޖެހުމަކީ އާންމު ކަމެކެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ އާއި ހިޔާލެއް ނުހޯދަ އެވެ. އެއާއެކު، ސަރުކާރު ޒިންމާދާރު ކުރުވުމުގެ ހުރިހާ ބާރެއް އޭރު މަޖިލީހުން ކެނޑުނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލްތަކަށް މަޝްވަރާ ނުކޮށް ފާސް ކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ގެންގުޅެމުން ނުދާ ކަމަށެވެ.

އެކަމަކު، ބިލްތައް މަޖިލީހަށް ހުށަހެޅީމަ، އެ ބިލްތައް ދިރާސާ ކުރުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރަމުން ދަނީ މަޖިލިސް ޗުއްޓީ އަށް ދާން ކައިރިވާތީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުއްދަވަން ހުރި ގިނަ ވައުދުތަކެއް ހުރީމަ، އެކަމަށް ސަމާލުކަން ދޭތީ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ސަރުކާރުން ގެނައި ބިލެއް ތައްގަނޑު ޖަހައިގެން ނެރެނީކީ ނޫން،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި، ކިތަންމެ އަވަހަކަށް މަސައްކަތް ކުރަން ޖެހުނަސް، ބިލްތަކުގެ މަސައްކަތް ނިންމާނީ މަޝްވަރާކޮށްގެންނެވެ. މެމްބަރުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއަހައިގެން ވީހާވެސް ފުޅާ ދާއިރާއެއްގައި މިކަންކަން ކުރަން ބޭނުންވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

"މި ކޮމިޓީ އާ ހަވާލުވި ފަހުން އެއްވެސް ބިލެއް މަޝްވަރާ ނުކޮށް، ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްފައި ނުވާނެ. ނުރަސްމީކޮށް މަޝްވަރާކޮށްގެން ހިޔާލު އެއްގޮތް ކުރެވޭތޯ މަސައްކަތް ކުރަމުން މި ދަނީ. އަޅުގަނޑަށް ތިޔަ މެމްބަރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރަން،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާގެ ވާހަކަތަކަށް ބާރު ދެއްވައި، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ މިއަދު ފެނިގެން ދަނީ ކޮމިޓީތަކުން މީގެކުރިން ނުފެންނަހާ ސުލްހަވެރިކަމާ އެކު، މަޝްވަރާކޮށްގެން ކަންކަން ނިންމަމުންދާ ތަން ކަމަށެވެ. އަދި ކުރިން ނަމަ، އޭރެއްގައި އޮންނަ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ގޮތަކަށް ކަންތައްތައް ފާސް ކުރާ މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ މަސައްކަތްތައް ނިންމައި، މެމްބަރުން އަންނަ ހޮނިހިރު ދުވަހު ޗުއްޓީ އަށް ވަޑައިގަންނަވާ އިރު، އާ ދައުރުގެ މަސައްކަތްތައް ދެން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެހެންވެ، ސަރުކާރުން ވަނީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކެއް މަޖިލީހަށް ފޮނުވައިފަ އެވެ. އަދި ސަރުކާރުން ފޮނުވި ބައެއް ބިލްތައް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.