Roadha Mihaaru
ގޯތި/ފްލެޓު ރަޖިސްޓަރީ ހަވާލުކުރަން މިހަފުތާގައި ފަށާނެ

ގޯއްޗާއި ފްލެޓުގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް މި ހަފުތާގައި ފަށާނެ: ރައީސް

02 ޖެނުއަރީ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ރަޖިސްޓަރީ ނުލިބޭ މީހުންގެ ރަޖިސްޓަރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް މި ހަފުތާގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ރަޖިސްޓަރީ ނުލިބޭ މީހުންގެ ރަޖިސްޓަރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް މި ހަފުތާގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީ ވެސް ދޫކޮށްފައިވެ އެވެ.

އެ ބިންތަކުގެ އިތުރުން، ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. ވެރިކަން ނިމުމުގެ ކުރިން، އޭގެ ތެރެއިން ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭ ފްލެޓް ވެސް ވަނީ ކަނޑައަޅައިފަ އެވެ. މިކަން ކުރި ގޮތާ މެދު ހިތްހަމަނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވަނިކޮށް، ފްލެޓު ދޫކުރުމުގެ ކަންކަން އޭސީސީން ވަނީ ހުއްޓުވައިފަ އެވެ.

އެ މައްސަލާގައި ވަކި ގޮތެއް ނުނިމި ދިގުލާފައިވާ އިރު، ގިނަ ބަޔަކު މިއަދު ވެސް އޭސީސީއަށް ވަދެ ވަނީ އަޑުގަދަކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައިވާ މީހުންނަށް ރަޖިސްޓްރީ ހަދައިދީ، އެ ތަންތަން ހަވާލުކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމެއް ކަމަށެވެ.

"މި ހަފުތާ އާއި މި އަންނަ ހަފުތާގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ގޯއްޗާއި ފްލެޓު ދޫކޮށްފައިވަނީ އަދި ނުހިއްކާ ހުރި ތަންތަނުން ކަމުން، އެ ތަންތަން ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

ރައީސް ޑރ. މުއިއްޒު އެހެން ވިދާޅުވި އިރު، މާލޭގެ މީހުންނަށް ގޯތި ދިނުމަށް ހުޅުމާލެ ފަޅުތެރެއިން ހުޅުމާލެ 3 ގެ ދެވަނަ ބައި ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ރައީސް ޑރ. މުއިއްޒުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ ކ. ފުށިދިއްގަރުފަޅު ހިއްކައިގެން އެތަނުގައި ރަސްމާލެ ނަމުގައި ބޮޑު ސިޓީއެއް ތަރައްގީކުރުމެވެ.

އެ މަސައްކަތް ފަށާފައިވިޔަސް، ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގައި ހިމެނޭ ތަނަކުން ގޯއްޗެއް އަތުނުލައްވާނެ ކަމަށާއި ރަސްމާލެއަށް ބަދަލުވެސް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.

އޭގެބަދަލުގައި، ގުޅިފަޅާއި ގިރާވަރުފަޅުން ކުރީގެ ސަރުކާރުން ޕްލޭންކޮށްފައި އޮތް މިންވަރަށް ވުރެ އިތުރަށް ހިއްކާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.