Roadha Mihaaru
ގުޅީފަޅާއި ގިރާވަރުފަޅަށް އިތުރު 135 ހެކްޓަރު

ގުޅީފަޅާއި ގިރާވަރުފަޅަށް އިތުރު 135 ހެކްޓަރުގެ ބިން އިތުރުކުރަނީ

18 ޑިސެމްބަރ 2023

ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ހިއްކަން ފެށި ގިރާވަރުފަޅަށް 50 ހެކްޓަރުގެ ބިން އަދި ގުޅީފަޅަށް 85 ހެކްޓަރުގެ ބިން އިތުރު ކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ހިއްކަން ފެށި ގިރާވަރުފަޅަށް 50 ހެކްޓަރުގެ ބިން އަދި ގުޅީފަޅަށް 85 ހެކްޓަރުގެ ބިން އިތުރު ކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ގުޅީފަޅާއި ގިރާވަރުފަޅަށް ޖުމްލަ 135 ހެކްޓަރުގެ ބިން އިތުރު ކުރަން ނިންމާފައިވާކަން ރައީސް އިއުލާން ކުރެއްވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ގުޅީފަޅުގައި އިތުރަށް 85 ހެކްޓަރު ހިއްކާނަން، ގިރާވަރުގަ އިތުރަށް 50 ހެކްޓަރު ހިއްކާނަން. އަދި އެ ސަރަހައްދުތައް ގުޅުވާލާނަން،" ރައީސް ވިދާޅުވި އެވެ.

"ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫއު ވެސް އެއީއެއް ނޫނޭ އަޅުގަނޑުމެންގެ ޕްލޭނުގައި އޮތް މިންވަރަކީ. މިހާރު އެ ހިއްކަމުން އެދާ މިންވަރަށްވުރެ މާބޮޑު ތަން ހިއްކަން ނިންމައިފައިވާނެ. 24 ކިއުބިކް މީޓަރުގެ ވެލި މިހާރު އަޅަނީ. އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ވޮލިއަމް ރީކްލެމޭޝަންގެ ގޮތުގައި ކުރިއަށް ދާނެ، އޭގެ ސަބަބުން 85 ހެކްޓަރުގެ ބިން އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

"ހަމައެހެން ގިރާވަރުފަޅުގައި ވެސް މިހާރު އެ ކުރިއަށްދާ މިންވަރަށްވުރެ މާބޮޑުތަން އިތުރު ކުރެވި އިތުރު 50 ހެކްޓަރު ގިރާވަރުފަޅުން ވެސް ހިއްކާނަން."

ރައީސް ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅު މާލެއާ ގުޅުވައި އެތަންތަން ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން ދޭން ބުނި ގޯތިތަކާއި ފްލެޓްތައް މި ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް އަރުވާ ކަމަށާއި ނުހިއްކާ ހުރި ފަޅުތައް ހިއްކައިގެން އެ ގޯތިތަކުގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ހިއްކަން ފެށި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިއްކާ އެންމެ ބޮޑު ބިމަށްވާއިރު މި ތަން ތަރައްގީ ކުރާނީ، ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެގެ ނަމުގަ އެވެ. އަދި އެ ސިޓީ ވެގެންދާނީ ތިމާވެއްޓާ ރައްޓެހި، ރައްކާތެރި ސިޓީއަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަސްމާލެއާ އެކު ގުޅީފަޅު އަދި ގިރާވަރުފަޅު ވެސް ތަރައްގީވެގެން ދިޔުމުން ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ސަރުކާރުގެ ތަސައްވުރަކީ ރަސްމާލެ ސިޓީ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިނެނޭ ގޮތަށް ގޯއްޗާއި ފްލެޓް ހިމެނޭ 65،000 ހައުސިން ޔުނިޓް އުފެއްދުމެވެ.

"މާލޭގެ ރައްޔިތުންނަށް މި ޒަމާންވީ ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލަ ތާއަބަދަށް ދާއިމަށް އިރާދަކުރެއްވިއްޔާ ހައްލު ވެގެންދާނެ، ހައްލު ކޮށްދޭނަން މި ތަނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްގީ ކުރާ އާ ސިޓީތަކުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ހަމަހަމަކަމާ އެކު ހުޅުވާލާނެ ކަމަށެވެ.