Roadha Mihaaru
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޕޮޑޮލްސްކީއަށް ކިޔައިދީފި

ރާއްޖޭގެ ފުޓްބޯޅައިގެ "މިހާރުގެ ހާލަތު" ޕޮޑޮލްސްކީ އަށް ކިޔައިދެއްވައިފި!

02 ޖެނުއަރީ 2024

ޖަރުމަނަށް 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި ހިއްސާވި ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތު ކިޔައިދެއްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޖަރުމަނަށް 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި ހިއްސާވި ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތު ކިޔައިދެއްވައިފި އެވެ.

ފިނި މޫސުމުގެ ޗުއްޓީ، ހޭދަ ކުރަން މި ވަގުތު ރާއްޖޭގައި ހުރި ޕޮޑޮލެސްކީއާ އެކު ރާފިއު ބޭއްވި ބައްދަލުވުމާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓްރީން ބުނީ ފުޓްބޯޅައިގެ ކުރިމަގުގެ ޕްލޭންތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެ މަސައްކަތައް އާސެނަލް އާއި އިންޓަ މިލާނަށް ކުރިން ކުޅުނު ފޯވާޑްގެ އެއްބާރުލުން ދެވޭނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ވަނީ، ރާއްޖޭގެ ގައުމީ ޓީމުގެ ޖޯޒީއެއް ވެސް ޕޮޑެލްސްކީ އަށް ހަދިޔާ ކުރައްވައިފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތާ ބެހޭގޮތުން ޕޮޑޮލެސްކީ އަށް ކިޔައި ދެއްވި އިރު، އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅައިގެ ތެރޭގައި ބޮޑު މައްސަލަތަކެއް ވަނީ ފެންމަތި ވެފަ އެވެ.

ބައިނަލްއަގުވާމީ އިދާރާތަކުން، އެފްއޭއެމް އަށް ފޮނުވާ ފައިސާ އަށް، އެތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލާގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރިމަތި ވެފަ އެވެ.

އެ މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގާ ގުޅިގެން، ރާއްޖޭން ބޭރަށް ފުރުން މަނާކޮށް، ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ފެށި އެ ތަހްގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީއެއް،  ޕޮޑޮލްސްކީ (ކ އަށް ) ރާފިއު (ވ) ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓަރު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީއެއް، ޕޮޑޮލްސްކީ (ކ އަށް ) ރާފިއު (ވ) ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓަރު

ބައްސާމަށް ކުރެވޭ ތުހުމަތުގައި، އޭނާ މަގާމުން ދުރު ކުރުމަށް މަސައްކަތް ފެށި ދަނޑިވަޅުގައި އިންތިހާބު އަވަސްކޮށް، މި މަހު 31 ގައި ބާއްވަން އެފްއޭއެމުން ނިންމި އެވެ. އެކަމަކު އިންތިހާބު ބާއްވަން ފާސް ކުރުމުގައި އެކްސްކޯ އާއި އެ ކޮމިޓީގެ ނިންމުން ސައްހަ ކަމާ މެދު ސުވާލު އުފައްދައި އިންތިހާބުގެ މަސައްކަތް ހުއްޓާލަން ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވަނީ އަންގައިފަ އެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އާއި ބައްސާމްގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ) އިންތިހާބަށް ކުރިމަތިލައްވާފައި ވަނިކޮށް، ސްޕޯޓްސް ކޮމިޝަނާ އޮފީހުން އަންގާފައި ވަނީ ފީފާ އާއި އޭއެފްސީ އަދި އޮލިމްޕިކް ކޮމިޓީއާ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ކަނޑައެޅެން ދެން، އިންތިހާބުގެ މަސައްކަތް މަޑުޖައްސާލުމަށެވެ.