Roadha Mihaaru
ކުރީގެ ސިއްހީ ހިދުމަތްތެރިން އަލުން ހިދުމަތަށް ނެރެނީ

ސިއްހީ ދާއިރާގެ ކުރީގެ ހިދުމަތްތެރިން އަލުން ހިދުމަތަށް ނުކުމެވޭނެ ގޮތް ހަދަން ނިންމައިފި

02 ޖެނުއަރީ 2024

ސިއްހީ ދާއިރާ އަށް ކުރިން ހިދުމަތްކޮށް، އެކި ސަބަބުތަކާ ހުރެ ވަޒީފާ އިން ދުރުގައި ތިބި ތިބި ސިއްހީ ހިދުމަތްތެރިން އަލުން މަސައްކަތަށް ނުކުމެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކެބިނެޓުން ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސިއްހީ ދާއިރާ އަށް ކުރިން ހިދުމަތްކޮށް، އެކި ސަބަބުތަކާ ހުރެ ވަޒީފާ އިން ދުރުގައި ތިބި ތިބި ސިއްހީ ހިދުމަތްތެރިން އަލުން މަސައްކަތަށް ނުކުމެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކެބިނެޓުން ފާސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މިދިޔަ އަހަރުގެ ފަހުގެ ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރައްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ހެލްތް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ބިނާކޮށް ވަރަށް ފުޅާކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ މިހާރުން މިހާރަށް ވަޒީފާ އަށް ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އެކަމަށް ޓަކައި، ހާއްސަ ސްކީމެއްގެ ދަށުން ސިއްހީ ދާއިރާ އަށް އަވަސް ރެކްރޫމަންޓް ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާ ހަމަޖައްސައިދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީފާ އަށް ނުކުންނަން ބޭނުންވާ ހިދުމަތްތެރިންގެ ތެރެއިން 8 ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރެވޭނެ މީހުންނަށް ވެސް ފުރުސަތު ފަހިކޮށްދީ، މަސައްކަތް ކުރާ ވަގުތަށް ވަކި އުޖޫރައެއް ދިނުމަށް ކަނޑައަޅައި ސިވިލް ސާވިސް ގަވައިދުގައި ހިމެނުމަށް ވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އުމުރުން 55 އަހަރުން މަތީގެ ނުވަތަ ރިޓަޔާ ކޮށްފައިވާ ސިއްހީ ހިދުމަތްތެރިންގެ ސިއްހީ ގޮތުންނާއި ތައުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ގާބިލު ނަމަ ކޮންޓްރެކްޓު އުސޫލުން ވަޒީފާ ދިނުމަށް ވެސް ހަމަޖައްސައިފައިވާ ކަމަށެވެ.

ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ ފަދަ އިތުރު ދާއިރާތަކުގަައި ވެސް ކުރީގެ ހިދުމަތްތެރިން މަސައްކަތަށް ނެރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ދިރާސާއެއް ކޮށް، ހަފުތާ 14 ނިމުމުގެ ކުރިން ކެބިނެޓަށް ހުށަހަޅަން ނިންމާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.