Roadha Mihaaru
ބޭހުގެ ފެންވަރު ކަށަވަރުކުރަން ގާބިލްކަން އިތުރުކުރަނީ

ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފަހައްޓަން ތަހުލީލުތައް ހަރުދަނާކުރަނީ

04 ފެބުރުއަރީ 2024

ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ ބޭހުގެ ފެންވަރު ކަށަވަރުކޮށް، އެއް ހަމައެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކޮށް އެކަމަށް ބޭނުންވާ ގާބިލްކަން އިތުރުކުރުމަށް ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ ބޭހުގެ ފެންވަރު ކަށަވަރުކޮށް، އެއް ހަމައެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކޮށް އެކަމަށް ބޭނުންވާ ގާބިލްކަން އިތުރުކުރުމަށް ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވަނީ، މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހަށް ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

ބޭސް ގަތުމަށް 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ނިޒާމުގެ ތެރެއިން އަސާސީ ބޭސްތައް ސިއްހީ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ބޭސްފިހާރަތަކުން މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ބޭސް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާ ކުރުމާއި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް އެކަމަށް ވަސީލަތް އިތުރުކޮށް ތަރައްގީ ކުރަން ވެސް ނިންމާފައިވާ ރައީސް އޮފީހުން ބުންޏެވެ.

"މި ނިޒާމަށް ބޭނުންވާ، ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓާ ކުރާނެ ނިޒާމެއް ގާއިމުކުރުމަށް ވެސް މިއަދު ނިންމެވި،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

ފެންވަރު ދަށް ބޭސް އެތެރެކުރާ މައްސަލަ ހުއްޓުވުމަށް ޔޫރަޕުން، ފެންވަރު ރަނގަޅު ބޭސް ގެނެވޭ ގޮތަށް އެމްއެފްޑީއޭގެ އުސޫލުތައް ރިވިއުކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.