Roadha Mihaaru
ރެއާލާއި ޖިރޯނާ ވެސް ފަހު ވަގުތު ފެންވަރު ދައްކާލައިފި

ރެއާލާއި ޖިރޯނާ ވެސް ފަހު ވަގުތު ފެންވަރު ދައްކާލައިފި

04 ޖެނުއަރީ 2024

މެޑްރިޑް (ޖެނުއަރީ 4) - ލީގު ތާވަލްގެ އެންމެ ކުރީގައި އުޅޭ ރެއާލް މެޑްރިޑާއި ޖިރޯނާ ވެސް ސްޕެނިޝް ލީގުގައި އާއަހަރު ކުޅުނު ފުރަތަމަ މެޗުގައި ފަހުވަގުތު މޮޅުވެގެން ފެންވަރު ދައްކާލައިފި އެވެ.

މެޑްރިޑް (ޖެނުއަރީ 4) - ލީގު ތާވަލްގެ އެންމެ ކުރީގައި އުޅޭ ރެއާލް މެޑްރިޑާއި ޖިރޯނާ ވެސް ސްޕެނިޝް ލީގުގައި އާއަހަރު ކުޅުނު ފުރަތަމަ މެޗުގައި ފަހުވަގުތު މޮޅުވެގެން ފެންވަރު ދައްކާލައިފި އެވެ.

ރެއާލް މެޑްރިޑުން ރޭ މޮޅުވީ އަމިއްލަ ދަނޑުގައި މަޔޯކާއާ ދެކޮޅަށް ކުޅެ 1-0 އިންނެވެ. މަޔޯކާގެ ދެ ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވި މި މެޗުގައި ރެއާލްގެ ހަމައެކަނި ގޯލު 78 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ.

ރަށުން ބޭރުގައި ކުޅުނު ޖިރޯނާ މޮޅުވީ އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 3-4 އިންނެވެ. އެތުލެޓިކޯގެ އަލްވަރޯ މޮރާޓާ ތިން ގޯލު ޖަހައި ހެޓްރިކް ހެދިއަސް އެޓީމަށް ޖިރޯނާގެ މައްޗަށް ކުރިއެއް ނުހޯދުނެވެ.

ޖިރޯނާ އިން ރޭގެ މެޗުގައި ގޯލެއް ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޖިރޯނާ އިން ރޭގެ މެޗުގައި ގޯލެއް ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ދެވަނަ މިނިޓުގައި ވަލެރީ ފެނާންޑޭޒް ޖިރޯނާ އަށް ލީޑު ނަގައިދީފައި ވަނިކޮށް އެތުލެޓިކޯ އިން އެއްވަރުކުރީ 14 ވަނަ މިނިޓުގަ އެވެ. މެޗުގެ 26 ވަނަ މިނިޓުގައި ސަވިއޯ ޖަހައިދިން ގޯލާއި 39 ވަނަ މިނިޓުގައި ޑެލީ ބްލިންޑް ޖެހި ގޯލުން އަލުން ލީޑޫ ހޯދާފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮރާޓާ ވަނީ އެތުލެޓިކޯ އަށް ފަރަގު ކުޑަ ކޮށްދީފަ އެވެ.

އެތުލެޓިކޯ އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރީ ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނިޓުގަ އެވެ. ޖިރޯނާ މެޗުން މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އިވާން މާޓިން އެވެ.

މި ނަތީޖާއާ އެކު ރެއާލް މެޑްރިޑާއި ޖިރޯނާ ވެސް ވަނީ 19 މެޗުން 48 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން އެންމެ ކުރީގައި އޮތީ ރެއާލެވެ. ޖިރޯނާ އޮތީ ދެވަނައިގަ އެވެ. ތިންވަނައިގައި އޮތީ 38 ޕޮއިންޓް ލިބިފައިވާ އެތުލެޓިކޯ މެޑްރިޑެވެ.

ލީގުގެ ހަތަރުވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 38 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ. ބާސެލޯނާ ރަށުން ބޭރުގައި މިރޭ ދަންވަރު، ލަސް ޕާމާސްއާ ދެކޮޅަށް ކުޅޭނެ އެވެ.