Roadha Mihaaru
ވެލެންސިއާގެ އަނެއް ފެކްޝަނުން އަޒުމީނަށް ތުހުމަތުތަކެއް

ވެލެންސިއާއިން މުފާ ފަޅީގައި ތިބި ދޮނާ އާއި މައު، އަޒުމީނަށް ބޮޑެތި ތުހުމަތުތަކެއް!

07 ޖެނުއަރީ 2024

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ މުފާވިޒް ހާޝިމް (މުފާ) އަށް ތާއީދުކުރާ، ވެލެންސިއާގެ ނައިބު ޗެއާމަން އިލްމާއު ހުސެއިން އިބްރާހިމް (މައު) އާއި ޑިރެކްޓާ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) އެ ކްލަބްގެ ޗެއާމަން އަބްދުﷲ އަޒްމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ މުފާވިޒް ހާޝިމް (މުފާ) އަށް ތާއީދުކުރާ، ވެލެންސިއާގެ ނައިބު ޗެއާމަން އިލްމާއު ހުސެއިން އިބްރާހިމް (މައު) އާއި ޑިރެކްޓާ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) އެ ކްލަބްގެ ޗެއާމަން އަބްދުﷲ އަޒްމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

އަޒްމީނަށް ތުހުމަތުތަކެއް ކޮށްފައި ވަނީ އެފްއޭއެމް އިންތިހާބުގައި ވާދަކުރައްވާ މުފާވިޒްގެ ކެންޑިޑެސީ ހުށަހެޅި އިރު އޭނާ ހުށަހަޅާފައިވަނީ ވެލެންސިއާގެ "ފޯޖް" ސިޓީ އެއް ކަމަށް ބުނެ މައްސަލަ ޕޮލިހަށް ހުށަހަޅާފައި ވަނިކޮށެވެ.

މިއަދު މެންދުރު ސަސް ކޮފީ ކްލަބްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ވަހީދު ވިދާޅުވީ، "ޕްރެޝަރު ބޮޑު ވެގެން" މަގާމުން އިސްތިއުފާ ދޭން ނިންމައި އަޒްމީން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަޓްސްއެޕް މެދުވެރިކޮށް ކްލަބްގެ ދެ މެމްބަރަކަށް އިސްތިއުފާ ސިޓީ ފޮނުވައި، ފަހުން ޑިލީޓް ކޮށްލައިފައި ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބުގައި މުފާވިޒްގެ އިދިކޮޅު ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް)، އޭނާގެ ކެންޑިޑެސީ ފޯމު ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ހުށަހެޅުއްވީ ވެލެންސިއާގެ ވެސް ތާއީދު ސިޓީއާ އެކު އެވެ. ތޯރިގު ފޯމު ހުށަހަޅުއްވަން ވަޑައިގެންނެވި އިރު އޭނާ އާ އެކު އަޒްމީން ވެސް ވަޑައިގަތެވެ.

ހަސަން ވަހީދު ވިދާޅުވީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އަޒްމީން އަށް ވެލެންސިއާ ތަމްސީލު ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށާއި އޭނާ އެކަން ކުރީ ނުގަވައިދުން ކަމަށެވެ. ސަބަބަކީ 26 ވަނަ ދުވަހު އަޒްމީންގެ އިސްތިއުފާ ސިޓީއެއް ލިބިފައި ވާތީ އާއި އޭގެ ކުރިން ހަމަ އެ ދުވަހު ކްލަބްގެ ބޯޑުން، ނޯ ކޮންފިޑެންސް ވޯޓަކުން އަޒްމީން މަގާމުން ދުރުކޮށްފައި ވާނެ ކަމަށެވެ. އަދި ވެލެންސިއާގައި އޮންނާނީ ކްލަބްގެ އެންމެ ތައްގަނޑެއް ކަމަށާއި، 26 ވަނަ ދުވަހަށް ފަހު އަޒްމީން އަތުން އެ ތައްގަނޑު އަތުލާފައި ވާނެ ކަމަށް ވެސް ހަސަން ވަހީދު ވިދާޅުވި އެވެ.

ހަސަން ވަހީދުގެ އިތުރުން ނައިބު ޗެއާމަން އިލްމާއު ވެސް ވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އަޒްމީން އޭނާ އަށް ގުޅުއްވައި، ޕްރެޝަރު ބޮޑުވެގެން ވެލެންސިއާގެ މަގާމުން ދުރަށް ޖެހިލަން ބޭނުންވާ ކަން ހާމަ ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.

ވަޓްސްއެޕް މެދުވެރިކޮށް ފޮނުވި އެ ސިޓީ ފަހުން ޑިލީޓް ކޮށްލި ނަމަވެސް އޭގެ ކުރިން، އެ ސިޓީ ވެލެންސިއާގެ މެއިލް މެދުވެރިކޮށް އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފްގެ ރަސްމީ މެއިލް އަށް ފޮނުވާފައި އެކަން އަންގާފައި ވާނެ ކަން ހަސަން ވަހީދު ހާމަ ކުރެއްވި އެވެ.

ނަމަވެސް އެ ސިޓީ ވެލެންސިއާގެ ރަސްމީ މެއިލްގެ "ސެންޓް" ފޯލްޑާގައި ވެސް ފެންނަން ނެތް ކަމަށް އަޒްމީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ވެލެންސިއާގެ އީމެއިލްގެ އެކްސެސް ފަސް މީހެއްގެ އަތުގައި އޮންނަ ކަމަށް އަޒްމީން މީގެ ކުރިން ވިދާޅުވެފައި ވިއަސް، ހުސެއިން ވަހީދު ވަނީ މިއަދު އެކަން ދޮގު ކުރައްވައިފަ އެވެ.

ހަމަ އެއާ އެކު ނައިބު ޗެއާމަން އިލްމާއު ވެސް ވަނީ އޭނާ އަތުގައި ވެސް ކްލަބްގެ މެއިލްގެ އެކްސެސް ނޯންނަ ކަން ހާމަ ކުރައްވައިފަ އެވެ. އަދި މި ސިޓީގެ މައްސަލައިގައި އިލްމާއު ވަނީ ފުލުހަށް ހާޒިރުވެ، ކަން ހިނގިގޮތް ފުލުހަށް ހިއްސާ ކުރައްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހުސެއިން ވަހީދު ވިދާޅުވީ އަޒްމީންގެ އިސްތިއުފާ ސިޓީ އެޓޭޗްކޮށް އެފްއޭއެމަށް އަންގައި މެއިލް ކުރީ އޭނާ ކަމަށާއި، އެކަން ކުރީ އަޒްމީން އަތުން ކްލަބްގެ މެއިލްގެ އެކްސެސް ހޯދައިގެން ކަމަށެވެ.

މެއިލް ކުރިތާ މާ ގިނައިރެއް ނުވެ، އަޒްމީން މެއިލްގެ ޕާސްވޯޑް ބަދަލު ކުރުމާ ގުޅިގެން އޭނާ އަށް މެއިލްގެ އެކްސެސް ގެއްލިފައި ވާކަމަށާއި އަޒްމީން އުޅެނީ ވެލެންސިއާގެ މެއިލް "ހިސޯރު ކޮށްގެން" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މެއިލްގެ ރިކަވަރީ އަށް ވެސް އަޒްމީންގެ ޕާސަނަލް މޯބައިލް ނަމްބަރު ބޭނުން ކުރައްވާ ކަން އޭނާ ހާމަ ކުރެއްވި އެވެ.

ވެލެންސިއާގެ ޗެއާމަންކަމަށް އަޒްމީން އައްޔަނު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އަދި 26 ވަނަ ދުވަހަކީ ސްޕޯޓްސް ކޮމިޝަނުން އެ ކްލަބްގެ އާ ހިންގާ ކޮމިޓީ ރަޖިސްޓްރީ ކުރެވި، ރަސްމީކޮށް އަޒްމީން މަގާމާ ހަވާލުވި ދުވަހެވެ.

އަދި ހަމަ އެއާ އެކު، އިތުބާރު ނުހިފޭ ކަންތައްތަކެއް އަޒްމީންގެ ފަރާތުން ފާހަގަ ކުރެވޭތީ ކަމަށް ބުނެ ހަމަ އެ ދުވަހު އޭނާގެ ނޯ ކޮންފިޑެންސް ވޯޓަކަށް ގޮސް ބޯޑުގެ އަގުލަބިއްޔަތުން އެކަން ފާސްކޮށް އަޒްމީން މަގާމުން ދުރުކޮށްފައި ވާކަން ވެސް ހަސަން ވަހީދު ހާމަ ކުރެއްވި އެވެ.

އެހެން ނަމަވެސް އަޒްމީން ވަނީ އޭނާ ވެލެންސިއާގެ ޗެއާމަން ކަމުން އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެފަ އެވެ.

ހަސަން ވަހީދު ހާމަ ކުރެއްވި ގޮތުގައި އަޒްމީންގެ ނޯ ކޮންފިޑެންސް ވޯޓަކަށް ދާން ޖެހުނީ، ފައިސާގެ މައްސަލައެއްގަ އެވެ. އެފްއޭއެމް އިންތިހާބުގައި އަޒްމީން ތާއީދު ކުރައްވާ ކެންޑިޑޭޓް ތޯރިގް ވެލެންސިއާގެ ދަރަނިތައް ފުއްދައިދޭން އެއް މިލިއަން ރުފިޔާ ދީފައިވާ ކަމަށް ބުނި ނަމަވެސް އެ ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށް ހަސަން ވަހީދު ވިދާޅުވި އެވެ.

"އިތުބާރު ނެތް ކަމަށް އަޅުގަނޑުމެން ނިންމީ އަޒްމީން، ޓޮމް އަތުން ފައިސާ ނެގިކަން ތުހުމަތު ކުރެވުމުން،" ހަސަން ވަހީދު ވިދާޅުވި އެވެ.

މި ތުހުމަތުތަކާ ގުޅިގެން އަޒްމީން "މިހާރު" އަށް ވިދާޅުވީ، ކްލަބްގެ ބޯޑުން މިހާރު މަސައްކަތް އެ ކުރައްވަނީ ކުލަބްގެ މަސްލަހަތު އިސްކޮށްގެން ނޫން ކަމަށާއި، ވަރަށް އަވަހަށް ކަންކަން ސާފު ވެގެންދާނެ ކަމަށެވެ.

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ކަމަށްބުނާ، ވެލެންސިއާގެ ހިންގާ ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ފަސް މެމްބަރުން ވެގެން ވަނީ އަޒްމީންގެ އިތުބާރު ނެތްކަމަށް ފާސް ކޮށްފަ އެވެ. އެ ފަސް މެމްބަރުންނަކީ އިލްމާއު އާއި ހަސަން ވަހީދުގެ އިތުރުން، ބޯޑް މެމްބަރުން ކަމަށްވާ ޔޫސުފް ރަމީޒާއި އަލީ މަމްދޫހު އަދި މިސްބާހު މުހައްމަދެވެ. ހަމަ އެހެންމެ އެފްއޭއެމްގެ އިންތިހާބުގައި ވޯޓު ދެއްވާނީ އިލްމާއު އާއި ހަސަން ވަހީދު ކަމަށް ވެސް އެ ޖަލްސާގައި ނިންމާފައި ވެއެވެ.