Roadha Mihaaru
ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި

ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި

22 ޖެނުއަރީ 2024

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ތާވަލްކުރި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ އިންތިހާބުގެ ކަންކަން ހުއްޓާލަން ފީފާ އަދި އޭއެފްސީ އިން އެފްއޭއެމަށް އަންގައިފި އެވެ.

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ތާވަލްކުރި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ އިންތިހާބުގެ ކަންކަން ހުއްޓާލަން ފީފާ އަދި އޭއެފްސީ އިން އެފްއޭއެމަށް އަންގައިފި އެވެ.

ކްލަބް ވެލެންސިއާގެ ތާއީދު ސިޓީތަކާ ގުޅިގެން އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ގަޑުބަޑު ވެފައި ވާއިރު، އިންތިހާބުގައި ވާދަކުރާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގެ ކެންޑިޑެސީ ވަނީ ބާތިލް ވެފަ އެވެ.

ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރި މައްސަލައިގައި އޭނާ އެޕީލް ކޮށްފައި ވެ އެވެ. ނަމަވެސް އެފްއޭއެމްގައި އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން އެ މައްސަލައަށް އޮތީ ގޮތެއް ނުނިންމިފަ އެވެ.

އެހެންވެ، އެފްއޭއެމުން ފީފާ އާއި އޭއެފްސީގެ ލަފަޔަކަށް އެދުނީ އެވެ. އޭގެ ޖަވާބުގައި ފީފާ/ އޭއެފްސީ އިން ވަނީ އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފަށް އެޑްރެސްކޮށް ޖަވާބެއް ފޮނުވައިފަ އެވެ.

ފީފާ އާއި އޭއެފްސީން އެފްއޭއެމަށް ދިން ލަފާ:

• އެފްއޭއެމްގެ އިންތިހާބީ ކަންކަން ސައްހަ ނޫން ކަމާއި އިންތިހާބުގެ ކަންކަން ހުއްޓާލުން.

• އިލެކްޓޯރަލް ކޮމިޓީ އާއި އެޕީލް ކޮމިޓީއަށް މެމްބަރުން އަލުން އިންތިހާބުކުރަން ކޮންގްރެސްއެއް ބޭއްވުން.

• އިލެކްޓޯރަލް ކޮމިޓީ އާއި އެޕީލް ކޮމިޓީއަށް މެމްބަރުން އައްޔަނު ކުރުމުގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑުގައި ވާ ގޮތުގެ މަތިން އަމަލު ކުރުން.

• އިންތިހާބުގެ ކަންކަން އަލުން ފަށައިގެން، އެފްއޭއެމްގެ އާ އެގްޒެކެޓިވް ކޮމިޓީއެއް އިންތިހާބު ކުރުން.

ފީފާ އާއި އޭއެފްސީން ވަނީ އެފްއޭއެމް އިންތިހާބުގެ ކަންކަން ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް އެ އެސޯސިއޭޝަނަށް އަންގައިފަ އެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސަކީ ބައްސާމް އަދީލް ޖަލީލެވެ. ފީފާ އާއި އޭއެފްސީ އިން އެފްއޭއެމަށް ދޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާކަމުގެ ތުހުމަތުގައި ބައްސާމުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ބައްސާމް ވަނީ މި އިންތިހާބުގައި، ތިންވަނަ ދައުރަކަށް ކުރިމަތި ނުލާން ނިންމައިފަ އެވެ. ތޯރިގުގެ އިތުރުން އިންތިހާބުގައި ވާދަ ކުރަނީ ބައްސާމްގެ އެކްސްކޯގައި ހިމެނޭ މުފާވިޒް ހާޝިމް (މުފާ) އެވެ.