Roadha Mihaaru
ހައުސިންގެ ލުއިލޯން ސްކީމްތައް މާޗުގެ ނިޔަލަށް ނިންމަނީ

ހައުސިން އަށް ދޭ ލުއި ލޯން ސްކީމްތައް މާޗު ނިމުމުގެ ކުރިން އެކުލަވާލަނީ

07 ޖެނުއަރީ 2024

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ލުއި ލޯން ސްކީމްތައް އެކުލަވާލުމުގެ މަސައްކަތް އަންނަ މާޗު މަހުގެ ނިޔަަލަށް ނިންމާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ލުއި ލޯން ސްކީމްތައް އެކުލަވާލުމުގެ މަސައްކަތް އަންނަ މާޗު މަހުގެ ނިޔަަލަށް ނިންމާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ ޓްރަސްޓް ފަންޑެއް ގާއިމްކުރުމާއި ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ލުއި ލޯން ސްކީމެއް ފެށުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުން މިއަދު މަޝްވަރާކުރި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކަންކަމާ ގުޅޭ އިތުރު މަޝްވަރާތައް އިކޮނޮމިކް ކައުންސިލްގައި ވެސް ކުރިއަށް ގެންދާނެ އެވެ. ސަރުކާރުން އަލަށް ގާއިމްކުރާ ޑިވެލޮޕްމަންޓް ބެންކާއި މިހާރު ހުރި ބޭންކިން ނިޒާމުގެ ތެރެއިން ސޯޝަލް ހައުސިން ލޯންތަކެއް ތައާރަފު ކުރެވޭނެ ގޮތްތައް ދެނެގަނެ، އެކަމާ ގުޅޭ ގޮތުން ވެސް އެ ކައުންސިލުން މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ލޯނުތަކަކީ ފަސް ޕަސެންޓް އިންޓްރެސްޓަށް ވުރެ ކުޑަކޮށް ދޫކުރެވޭ ލޯންތަކެއް ކަން ޔަގީންކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.

އިމާރާތް ކުރަން ފަށައި ނުނިމި ހުރި ތަންތަން ނިންމުމަށް ހާއްސަ ލޯނު ސްކީމެއް ތައާރަފު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ސޯޝަލް ހައުސިން ކެޓަގަރީއެއް ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން ވަކި ޕަސެންޓެއް ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެއްސުމަށް މަޝްވަރާކުރި ކަމަށެވެ.

މި ސަރުކާރުގެ "ހަފްތާ 14"ގެ މަގު ޗާޓުގައި ހިމެނޭ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރެގިއުލޭޓްކުރުމަށް ގެދޮރުވެރިކަމުގެ މިނިވަންކަމުގެ ބިލެއް އެލުލަވާލުމުގެ މަސައްކަތްކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.