Roadha Mihaaru

ހިޔާވަހި ލޯނު ސްކީމްގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމްގެ ދެވަނަ ބުރުގައި، އެ ލޯނުގެ ޝަރުތުތަކަށް ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމްގެ ދެވަނަ ބުރުގައި، އެ ލޯނުގެ ޝަރުތުތަކަށް ލުއި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނު ރައްޔިތުންނާ ރޭ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ވަނީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާ ކޮށްފަ އެވެ.

މިގޮތުން، ހިޔާވަހި ސްކީމްގެ ދަށުން އާމްދަނީ ލިބެންޖެހޭ ނިސްބަތް ބޮޑުވުމުގެ ސަބަބުން އެ ލޯނަށް އާންމުންގެ ތެރެއިން ގިނަ މީހުން ޝަރުތު ހަމަނުވާ ކަމަށް ބުންޏެވެ.

ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އެ ލޯނު ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަން އެ މަނިކުފާނުގެ ސަމާލުކަމަށް މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ވެސް ގެނެސްފައިވާ ކަމަށެވެ.

"އެ ސްކީމްގެ ދެވަނަ ބުރަކަށް ހުޅުވާލާއިރު، ހިޔާވަހި ލޯނަށް ލުއިތަކެއް ދޭ ގޮތަށް އަޅުގަނޑު ވާނީ ބީއެމްއެލްގައި ދަންނަވާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކަށް ހިޔާވަހި ފައިނޭސިންގެ ލޯނު ދޫކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ، މާލޭގައި ނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށާއި އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށެވެ. އެއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް ލޯނު ނެގޭނެ ފުރުސަތެކެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން ދެން ފާޅުކުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ހިއްކުމަށް، ކުރިން އިއުލާނުކުރެއްވި ގޮތަށް ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު ގެނެސް، ބިން ހިއްކުމުގެ މަސައްކަތުގެ ސްޕީޑު ވަނީ ތިން ގުނަ އަވަސްކޮށްފަ އެވެ.

އެއާ އެކު، އެ މަނިކުފާނު މިހާރު ކަނޑައަޅާފައިވާ ތާރީހުތަކަށް އެ ބިންތައް ހިއްކައި ނިމުމާ އެކު، ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ވެސް ރައީސް ރޭ އަނެއްކާވެސް ދެއްވި އެވެ.