Roadha Mihaaru
މިދިޔަ އަހަރަކީ އެންމެ ހޫނުގަދަ އަހަރު

މިދިޔަ އަހަރަކީ އެންމެ ހޫނުގަދަ އަހަރު

10 ޖެނުއަރީ 2024

މިދިޔަ އަހަރަކީ މިހާތަނަށް ރެކޯޑް ކުރެވުނު ދުނިޔެ އަށް އެންމެ ހޫނުގަދަ އަހަރު ކަމަށް ޔޫރަޕިއަން ޔޫނިއަންގެ މޫސުމީ ބަދަލުތަކާ ބެހޭ އިދާރާއިން އިއްޔެ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ އަހަރަކީ މިހާތަނަށް ރެކޯޑް ކުރެވުނު ދުނިޔެ އަށް އެންމެ ހޫނުގަދަ އަހަރު ކަމަށް ޔޫރަޕިއަން ޔޫނިއަންގެ މޫސުމީ ބަދަލުތަކާ ބެހޭ އިދާރާއިން އިއްޔެ ބުނެފި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މޫސުމީ ބަދަލުތަކާ ބެހޭ އިދާރާއިން ބުނީ ދުނިޔޭގައި ހަކަތަ އުފެއްދުމަށް ތެޔޮ އަންދައި ޖައްވަށް ކާބަންޑައިއޮކްސައިޑް ކަހަލަ ވިހަ ގޭސްތައް ބޭރުކުރަން ފެށުމުގެ ކުރިއާ އަޅާބަލާއިރު، އެވްރެޖް ގޮތެއްގައި މިދިޔަ އަހަރު 1.48 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން މައްޗަށް ގޮސްފައިވާ ކަމަށެވެ.

ދުނިޔޭގެ ފިނިހޫނުމިނުގެ ރިކޯޑް ބަލަހައްޓަން ފެށީ 1،850 ވަނަ އަހަރެވެ. އޭގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން އަންދާޒާކުރަމުން އައި މިންގަނޑުތަކުން ބެލިޔަސް، މިދިޔަ އަހަރަކީ މީގެ 100,000 އަހަރު ކުރިއާ އަޅާބަލާއިރު ވެސް، ދުނިޔެ އަށް އެންމެ ހޫނުގަދަވި އަހަރު ކަމަށް ސައިންސްވެރިން ބުންޏެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ގާތްގަނޑަކަށް ކޮންމެ ދުވަހަކު ދުނިޔޭގެ ވައިގެ ފިނިހޫނުމިން މައްޗަށް ގޮސްފައިވާ ކަމަށް ބީބީސީގެ ތަހުލީލުތަކުން ވެސް ދައްކަ އެވެ. އަދި ކަނޑުގެ ފިނިހޫނުމިން ވެސް ރިކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް އެ ތަހުލީލުތަކުން އެނގެ އެވެ.

ސައިންސްވެރިން އަންދާޒާ ކުރާ ގޮތުގައި، މިދިޔަ އަހަރު ރިކޯޑް މިންވަރަކަށް ފިނިހޫނުމިން މައްޗަށް ދިޔައީ ހަމައެކަނި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ނޫނެވެ. ގުދުރަތީ މޫސުމީ ހާލަތެއް ކަމަށްވާ "އެލް ނީނޯ"ގެ ދައުރު ވެސް އޭގައި ވަރަށް ބޮޑެވެ.

"އެލް ނީނޯ" އަކީ އިރުމަތީ ޕެސިފިކް ކަނޑުގެ މަތީ ފެންފަށަލައިގެ މާ ބޮޑަށް ހޫނުވުމުން ޖައްވަށް އިތުރު ހޫނު ދޫކުރާ ގުދުރަތީ ހާދިސާއެކެވެ.

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އުފުލުގެ ފުރުސަތު ނުދިނުމަށް 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް މުއާހަދާގެ ދަށުން ގައުމުތަކުން އެއްބަސްވި އެވެ. ނަމަވެސް، އެ މިންވަރާ ވަރަށް ގާތަށް ދުނިޔޭގެ ފިނިހޫނުމިން މިހާރު މި ވަނީ އުފުލިފަ އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހޫނުގަދަވުމުގެ ސަބަބުން މޫސުމީ ބޮޑެތި ކާރިސާތައް ވެސް ހިނގި އެވެ. އޭގެ ތެރޭގައި ޗައިނާ އާއި ވިލާތުގެ ގައުމުތަކަށް ކުރިމަތިވި ހޫނުގެ ތޫފާންތަކާއި ލީބިޔާ އަށް ކުރިމަތިވި ފެންބޮޑުވުމާ އަދި ކެނެޑާގެ ޖަންގަލިތަކުގައި ރޯވުން ހިމެނެ އެވެ.