Roadha Mihaaru
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް

އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް

06 ޖުލައި 2023

ދުނިޔޭގެ ފެންވަރުގައި ފިނިހޫނުމިނުގެ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން، މުޅި ދުނިޔޭގެ ނިސްބަތުން މިހާތަނަށް ހޫނުމިން އެންމެ މަތިވި ކަމަށް ރެކޯޑް ކުރެވުނީ މިދިޔަ ހޯމަ (ޖުލައި 3، 2023) ދުވަހު އެވެ. ނަމަވެސް ޖެހިގެން އައި 24 ގަޑިއިރުގެ ތެރޭގައި ހޫނުމިން ވަނީ އޭގެ ކުރީ ދުވަހަށް ވުރެ ވެސް މަތިވެފަ އެވެ.

ދުނިޔޭގެ ފެންވަރުގައި ފިނިހޫނުމިނުގެ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން، މުޅި ދުނިޔޭގެ ނިސްބަތުން މިހާތަނަށް ހޫނުމިން އެންމެ މަތިވި ކަމަށް ރެކޯޑް ކުރެވުނީ މިދިޔަ ހޯމަ (ޖުލައި 3، 2023) ދުވަހު އެވެ. ނަމަވެސް ޖެހިގެން އައި 24 ގަޑިއިރުގެ ތެރޭގައި ހޫނުމިން ވަނީ އޭގެ ކުރީ ދުވަހަށް ވުރެ ވެސް މަތިވެފަ އެވެ.

އެމެރިކާގެ ނޭޝަނަލް ސެންޓާސް ފޯ އެންވަޔަރްމެންޓަލް ޕްރެޑިކްޝަން (ޔޫއެސްއެންސީއީޕީ)ގެ ފަރާތުން، މުޅި ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ބަލަހައްޓަން ފެށީ 1979 ވަނަ އަހަރު އެވެ. އޭގެ ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މުޅި ދުނިޔޭގެ ނިސްބަތުގައި އެވްރެޖް ހޫނުމިން އެންމެ މައްޗަށް ދިޔައީ، އޮގަސްޓް 13، 2016 ގަ އެވެ. އެ ދުވަހު އެންމެ މަތީ އެވްރެޖް ހޫނުމިނެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވަނީ 16.92 ޑިގްރީ ސެލްސިއަސް (62.46 ފެރަންހައިޓް) އެވެ.

ނަމަވެސް، މި މަހުގެ 3 ވަނަ ދުވަހު ދުނިޔޭގެ އެވްރެޖް ހޫނުމިން ހުރީ 17.01 ޑިގްރީ ސެލްސިއަސް (62.62 ފެރަންހައިޓް)ގަ އެވެ. އެ ދުވަހަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އާދަޔާ ޚިލާފަށް ހޫނު ދުވަހެއް ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކޮޕޯނިކަސް ކްލައިމެޓް ޗޭންޖް ސާވިސް އިން ވެސް ބުނެފައިވަނީ، ޖުލައި މަހުގެ 3 ވަނަ ދުވަހަކީ، މުޅި ދުނިޔޭގެ އެވްރެޖް ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ދިޔަ ދުވަހެއް ކަމަށެވެ.

އެއީ ރެކޯޑް މިންވަރެއް ކަމަށް ބަލައިގެން ތިއްބައި، ޖެހިގެން އައި ޖުލައި 4 ވަނަ (އަންގާރަ) ދުވަސް ވީ އޭގެ ކުރީ ދުވަހަށް ވުރެ ވެސް ހޫނު ދުވަހަކަށެވެ. ޔޫއެސްއެންސީއީޕީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ދުވަހު ދުނިޔޭގެ އެވްރެޖް ހޫނުމިން ހުރީ 17.18 ޑިގްރީ ސެލްސިއަސްގަ އެވެ.

އެމެރިކާގެ ދެކުނު ސަރަހައްދުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާތާ މިހާރު ހަފުތާތަކެއް ވެއްޖެ އެވެ. ޗައިނާގައި ވެސް އެވްރެޖް ހޫނުމިން 35 ޑިގްރީ އަށް ވުރެ މަތީގައި ހުންނަތާ ދުވަސްކޮޅެއް ވެފައިވާ އިރު، އެފްރިކާގެ އުތުރު ސަރަހައްދުގެ ހޫނުމިން ވެސް މިދުވަސްކޮޅު ހުރީ އެވްރެޖް ގޮތެއްގައި 50 ޑިގްރީ ގަ އެވެ.

އެންޓާޓިކާ ސަރަހައްދުގައި މި ދުވަސްވަރަކީ ފިނި މޫސުން ކަމަށް ވިޔަސް، މި މޫސުމުގައި ފިނިހޫނުމިން ހުންނަ މިންވަރަށް ވުރެ މި ދުވަސްކޮޅުގެ ހޫނުމިން ހުރީ މަތީގަ އެވެ.

"މިއީ އަހަރެމެން އެކަން ފާހަގަކުރަން ޖެހޭ ފަދަ ކުރިއެރުމެއް ނޫން. މިއީ އިންސާނުންނާއި ދުނިޔޭގެ މާހައުލީ ނިޒާމަށް ކުރިމަތިވެފައިވާ މަރުގެ ހުކުމެއް،" އިނގިރޭސި ވިލާތުގެ އިމްޕީރިއަލް ކޮލެޖްގެ ގްރަންތަމް އިންސްޓިޓިއުޓް ފޯ ކްލައިމެޓް ޗޭންޖް އެންޑް ދަ އެންވަޔަރަންމެންޓްގެ މޫސުމާ ބެހޭ ސައެންސްވެރިޔާ ފްރެޑްރީކް އޮޓޯ ވިދާޅުވި އެވެ.

މުޅި ދުނިޔޭގެ އެވްރެޖް ހޫނުމިން، މި މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހު އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާ ކަން ފާހަގަކުރެވުނު އިރު، މި މަހުގެ 2 ވަނަ ދުވަހު އިރުން ވަނީ ވަރަށް ބިޔަ ހުޅުގަނޑެއް ފަޅައިގެން ގޮސްފަ އެވެ. އެ ހުޅުގަނޑުން އުފެދުނު ރޭޑިއޭޝަންގެ ސަބަބުން، އެމެރިކާ އާއި ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދުތަކުގައި ރޭޑިއޯ ސިގްނަލްތައް 30 މިނެޓަށް މެދުކެނޑިގެން ދިޔަ އެވެ.