Roadha Mihaaru
މޫސުން ގޯސްވެ ބޯޓު ނުޖެއްސި، ބައެއް ފްލައިޓް ޑިލޭ

މޫސުން ގޯސްވެ ބޯޓު ނުޖެއްސި، ބައެއް ފްލައިޓްތައް ޑިލޭވެއްޖެ

12 ޖެނުއަރީ 2024

ރާއްޖޭގެ މޫސުން ގޯސްވުމުން އެއާޕޯޓުތަކަށް ޖެއްސުމުގައި ދަތިތަކެއް ދިމާވެ، ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ މޫސުން ގޯސްވުމުން އެއާޕޯޓުތަކަށް ޖެއްސުމުގައި ދަތިތަކެއް ދިމާވެ، ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ އެވެ.

ފްލައިޓްތައް ޓްރެކްކުރާ "ފްލައިޓްރާޑާ" އިން ފެންނަ ގޮތުގައި ރާއްޖޭގެ ވައިގެ ސަރަހައްދުގައި ފްލައިޓްތައް ނުޖެއްސިގެން ވޭތުވެދިޔަ ފަސް ވަރަކަށް ގަޑިއިރު ވަރަށް ގިނަ ވަގުތު ވައިގެ ތެރޭގައި ދުއްވާފައި ވެ އެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު "މިހާރު" އަށް ވިދާޅުވީ މޫސުން ގޯސްވުމުން ބައެއް ފްލައިޓްތައް ޑިލޭ ވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ބޯޓުތައް ޖެއްސުމަށް ވަރަށް ގިނަ ވަގުތު ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގެ ފްލައިޓް ޝެޑިއުލް ވެބްސައިޓުން ފެންނަ ގޮތުގައި އެރައިވަލްގެ 17 ވަރަކަށް ފްލައިޓް ވަނީ ޑިލޭ ވެފަ އެވެ. އަދި ފުރަން އޮތް 11 ފްލައިޓް ޑިލޭވި އެވެ.

ހެނދުނު 10:30 އިން ފެށިގެން ފަސް ގަޑިއެއްހާއިރަށް ފްލައިޓްތައް ޑިލޭވެފައިވާ ކަމަށް ވެސް އޭގެން ދައްކަ އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ މަތިން ހުރަސްކުރާތީ، އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

ރ. އަތޮޅުން ފެށިގެން ލ. އަތޮޅުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާ ކޮށްފައިވެ އެވެ.

އަދި ކ. އަތޮޅުން ފެށީގެން ދ. އަތޮޅަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.