Roadha Mihaaru
ސީޕްލޭން ޓާމިނަލްގެ މައްސަލަ އަށް މަންޓާ ވަދެއްޖެ!

ސީޕްލޭން ޓާމިނަލްގެ މައްސަލައިގެ ތެރެއަށް މަންޓާ ވަދެއްޖެ

13 ފެބުރުއަރީ 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލް އިން ހަދާ އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ދެއްކި ހައްލާ މެދު ނުރުހުންވެ، ޓީއެމްއޭ އިން ބޭނުން ވަނީ އޭވިއޭޝަން ދާއިރާގެ ވާދަވެރިކަން ނައްތާލައި ކޮންޓްރޯލް ނަގަން ކަމުގެ ތުހުމަތުތަކާ އެކު، އެ މައްސަލައިގެ ތެރެއަށް މަންޓާ އެއާއިން ވަދެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސީޕްލޭން ޓާމިނަލް ދޫކުރަން ނިންމައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ގުޅިގެން ޓީއެމްއޭ އިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކަމާގުޅޭ އެހެން އިދާރާތަކަށް މަންޓާ އިން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ވެސް ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި މައްސަލައިގައި ގޯސް ހަދާފައިވާ ކަމުގެ ތުހުމަތާ އެކު، ސަރުކާރާއި ޓީއެމްއޭ އަށް ފައިދާވާ ގޮތަށް އަވަހަށް ގޮތެއް ނިންމަން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނިކޮށް، މަންޓާ އިން އެމަނިކުފާނަށް ފޮނުވި ސިޓީގައި، އެ ކުންފުނީގެ ކަންބޮޑުވުންތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިއްސާކުރުމުގެ ފުރުސަތުތަކަށް އެދިފައި ވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސީ ޕްލޭން އޮޕަރޭޓްކުރާ، އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ މަންޓާގެ ސިޓީގައި ބުނީ، މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭ އިން މި ހަފުތާގައި ވާހަކަ ދައްކާފައި ވަނީ އެ މީހުންގެ ކޮޅަށް ބުރަވެ، ހަގީގަތް ވެސް އޮޅޭގޮތަށް ކަމަށެވެ.

އެ ކޮމިޓީގައި މައިގަނޑު ވާހަކަ އަކަށް ޓީއެމްއޭ އިން ބުނެފައި ވަނީ، އާ ސީޕްލޭން ޓާމިނަލުން އެ ކުންފުންޏަށް، މިހާރު ވެސް ބިން ދޫކޮށްފައިވާ އަގުގައި، ކުރިއަށް އޮތް ދެ އަހަރަށް ބޮޑު ޖާގައެއް ދޭން ފިނޭންސް މިނިސްޓްރީން ނިންމިޔަސް، އެއީ ހިތްހަމަޖެހޭ ވަރުގެ ސަރަހައްދެއް ނޫން ކަމަށެވެ. އާ ޓާމިނަލުގެ ޖާގައާ ގުޅޭ ގޮތުން 2017 ގައި އެމްއޭސީއެލް އިން އެ ކުންފުންޏަށް ފޮނުވި ސިޓީ އަކީ، ޓީއެމްއޭ އިން ގަބޫލުކުރާ ގޮތުގައި، އެއްބަސްވުމެކެވެ. އެކަމަކު އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް އެ ވާހަަކަ ދޮގުކުރެ އެވެ.

މަންޓާ އިން ގަބޫލުކުރާ ގޮތުގައި، އެމްއޭސީލް އިން ބޮޑު ހޭދައެއް ކޮށްގެން ހަދާ އާ ޓާމިނަލް ކުއްޔަށް ދޫކުރުމުގައި ސަރުކާރުން ނިންމައި ފިނޭންސް މިނިސްޓްރީން އާއްމުކުރީ ވާދަވެރި މާހައުލެއްގެ ތެރެއިން އޮޕަރޭޝަންތައް ހިންގޭނެ ހައްލެކެވެ. އެ ހައްލު ގަބޫލުނުކޮށް، މުޅި ޓާމިނަލްގެ ކޮންޓްރޯލް ނަގަން ޓީއެމްއޭ އިން ކުރާ މަސައްކަތާ ދެކޮޅު ކަމަށް ސިޓީގައިވެ އެވެ. މަންޓާ އިން ސުވާލު އުފައްދަނީ، ޓާމިނަލުން ބޮޑު އާމްދަނީއެއް ނުލިބޭ ކަމަށް ޓީއެމްއޭ އިން ބުނުމަށް ފަހު، މުޅި ޓާމިނަލްގެ ކޮންޓްރޯލް ހޯދަން ސަރުކާރުގެ މުއަައްސަސާތަކުގައި ލޮބީކުރަމުންދާ މައްސަލައިގަ އެވެ.

ޓީއެމްއޭ އިން ޑިމާންޑް ކުރަނީ އާ ޓާމިނަލުން އެ މީހުން މިހާރު ބޭނުންކުރާ ޖާގައަށް ވުރެން 200 ޕަސެންޓް ބޮޑުކޮށް، 20،000 އަކަ މީޓަރަށް ކަން ފާހަގަކޮށް، މަންޓާ އިން ތުހުމަތުކުރި ގޮތުގައި، އެއީ ވާދަވެރި މާހައުލު މުޅިން ނައްތައިލުމެވެ. މިއާއެކު، ޓީއެމްއޭގެ އަމާޒަކީ އާ ސީ ޕްލޭން ޓާމިނަލާ ގުޅިގެން ފަސް މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ 12،746 އަކަ މީޓަރުގެ އެމްއާރުއޯ ފެސިލިޓީގެ ވެސް ކޮންޓްރޯލް ނެގުން ކަމަށް ޓީއެމްއޭ އިން ތުހުމަތު ކުރެ އެވެ.

ސީޕްލޭން ޓާމިނަލް، މަލްޓި އޮޕަރޭޓާ ޓާމިނަލަކަށް ބަދަލުކުރަން ވަކާލާތު ކުރަަނީ ޓީއެމްއޭ އިން ކަމަށް ބުނާ ވާހަކަ އަށް ރައްދު ދީ، މަންޓާ އިން ސިފަކުރި ގޮތުގައި ޓީއެމްއޭގެ ވިސްނުމަކީ އެހެން ހުރިހާ އޮޕަރޭޓަރުންނަށް ފުރުސަތު ގެއްލުވައިލުމެވެ. އަދި މުޅި އޭވިއޭޝަން އިންޑަސްޓްރީ ޓީއެމްއޭ އިން ކޮންޓްރޯލް ކުރުމެވެ. ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ދޫކޮށްލުމުން، ވާދަވެރިކަމަށް ބުރޫއެރުމުގެ އިތުރުން މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް ގެއްލުންވާނެ ކަމަށް މަންޓާ އިން ބުންޏެވެ.

އާ ސީ ޕްލޭން ޓާމިނަލް ހިންގޭނީ، އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭ އަށް ކަމަށް ބުނާ ވާހަކަ އަކީ ވެސް ހަގީގަތެއް ނޫން ކަމަށް މުއައްސަސާތަކަށް ފޮނުވި ސިޓީގައި މަންޓާ އިން ދެކެ އެވެ.

އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށާއި އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އޭސީސީން މިއަދު ބުންޏެވެ.

ސީޕްލޭން ޓާމިނަލް، މަލްޓި އޮޕަރޭޓާ ޓާމިނަލަކަށް ބަދަލުކުރަން ވަކާލާތު ކުރަަނީ ޓީއެމްއޭ އިން ކަމަށް ބުނާ ވާހަކަ އަށް ރައްދު ދީ، މަންޓާ އިން ސިފަކުރި ގޮތުގައި ޓީއެމްއޭގެ ވިސްނުމަކީ އެހެން ހުރިހާ އޮޕަރޭޓަރުންނަށް ފުރުސަތު ގެއްލުވައިލުމެވެ. އަދި މުޅި އޭވިއޭޝަން އިންޑަސްޓްރީ ޓީއެމްއޭ އިން ކޮންޓްރޯލް ކުރުމެވެ. ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ދޫކޮށްލުމުން، ވާދަވެރިކަމަށް ބުރޫއެރުމުގެ އިތުރުން މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް ގެއްލުންވާނެ ކަމަށް މަންޓާ އިން ބުންޏެވެ.

މި މައްސަލައިގައި ގިނަ ކަންކަން އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާ ކަަމަށް އޭސީސީން ބުނެ އެވެ. އަދި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް ވެސް އޭސީސީން ބުންޏެވެ.