Roadha Mihaaru
މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެދިއްޖެ

މާޗު 15 ގެ ކުރިން އިންޑިއާ ސިފައިން ބާލަން ރައީސް އެދިވަޑައިގެންފި

14 ޖެނުއަރީ 2024

އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގެ ނިންމުންތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު އެ ގޮތަށް ހުށަހެޅުއްވީ ފޮރިން މިނިސްޓްރީގައި މިހާރު ކުރިއަށް ގެންދާ ދެ ގައުމުގެ "ހައި ލެވެލް ކޮމިޓީ" ގެ ބައްދަލުވުމަށް ކަމަށެވެ. މިއަދު ކުރިއަށް ގެންދާ އެ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގެ އެޖެންޑާގައި ރައީސްގެ އެ ހުށަހެޅުއްވުން ހިމަނާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެ ދެންނެވި މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު ކުރިއަށް އެ ދަނީ،" އޭނާ ވިދާޅުވި އެވެ.

ދެ ގައުމުގެ މަތީ ފެންވަރުގެ ކޮމިޓީ އެކުލަވާލާފައި ވަނީ ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވެ.

"އިންޑިއާ ސިފައިންނަށް މި ގައުމުގައި ނުތިބެވޭނެ،" މިއަދުގެ މީޑިއާ ބްރީފިންގައި ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކުރާ ކަމަކީ އެ ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާއި އެ ގައުމުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެކުލަވާފައިވާ ކޯ ގުރޫޕް ނުވަތަ މަތީ ފެންވަރުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދިވެހި ސަރުކާރު ތަމްސީލު ކުރަނީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބެވެ.

މި ބައްދަލުވުމަށް އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޮދީ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަކެވެ.