Roadha Mihaaru
ސެމްސަންގުގެ އާ ފޯނުގައި ކޯލްތައް ތަރުޖަމާކުރަން އޭއައި

ސެމްސަންގުގެ އާ ފޯނުގައި ކޯލްތައް ވަގުތުން ތަރުޖަމާކުރަން އޭއައި

18 ޖެނުއަރީ 2024

އެންމެ ގިނައިން ވިކޭ ސްމާޓް ފޯން ބްރޭންޑުގެ މަގާމުގައި 12 އަހަރު އޮތުމަށް ފަހު އެޕަލް އަށް އެ މަގާމު ލިބިފައި ވަނިކޮށް ސެމްސަންގުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތައް ހިމަނައިގެން އެ ކުންފުނީގެ އާ ފޯނުތައް ރޭ ދައްކާލައިފި އެވެ.

އެންމެ ގިނައިން ވިކޭ ސްމާޓް ފޯން ބްރޭންޑުގެ މަގާމުގައި 12 އަހަރު އޮތުމަށް ފަހު އެޕަލް އަށް އެ މަގާމު ލިބިފައި ވަނިކޮށް ސެމްސަންގުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތައް ހިމަނައިގެން އެ ކުންފުނީގެ އާ ފޯނުތައް ރޭ ދައްކާލައިފި އެވެ.

"ފޯން އިންޑަސްޓްރީއަށް އާޓިފިޝަލް އިންޓެލިޖެންސުން ބޮޑު ބަދަލެއް ގެންނާނެ،" ކެލިފޯނިއާގެ ސިލިކަން ވެލީ ސިޓީގެ ސެން ހޯސޭގައި ބޭއްވި ފޯނުތައް ދައްކާލުމުގެ ހާއްސަ ހަފްލާގައި ސެމްސަންގުގެ ރައީސް ޓީ.އެމް ރޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭއައި އަށް އެކްސެސްވުމުގެ މައިގަނޑު ވަސީލަތަކަށް ވާނީ މޯބައިލް ފޯނު ކަމަށާއި ސެމްސެންގުން ބޭނުންވަނީ އެކަން ކުރުމުގައި އެންމެ ހާއްސަ ބަޔަކީ ސެމްސްސަންގަށް ވުން ކަމަށެވެ.

ސެމްސަންގުން މިފަހަރު ފޯނު ހެދީ ވަގުތުން ކޯލްތައް އެކި ބަސްބަހަށް ތަރުޖަމާވާ ގޮތަށް. -- ފޮޓޯ: އޭއެފްޕީ

ސެމްސަންގުން މިފަހަރު ފޯނު ހެދީ ވަގުތުން ކޯލްތައް އެކި ބަސްބަހަށް ތަރުޖަމާވާ ގޮތަށް. -- ފޮޓޯ: އޭއެފްޕީ

ރޭގެ ހަފްލާގައި ތައާރަފްކުރި އެސް24 އަލްޓްރާ ފޯނަކީ ފޯނު ކޯލްތަކާއި މެސެޖުތައް ލިބޭ ވަގުތު، އެ މީހަކު ބޭނުންވާ ބަހަކަށް ވަގުތުން ތަރުޖަމާވެގެން އައުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެއް ކަމަށް ސެމްސަންގުން ބުންޏެވެ. ސެމްސަންގުން މިކަން ސިފަކުރީ އެކި ބަސްތަކުން ވާހަކަ ދައްކާ ބައެއްގެ މެދުގައި ހުންނަ ތަރުޖަމާނެއްގެ ގޮތަށެވެ.

ސެމްސަންގުން ބުނީ މި ފޯނުގައި 13 ބަހަކުން ތަރުޖަމާކޮށްދޭނެ ކަމަށާއި މިއީ ސެމްސަންގުގެ އަމިއްލަ އޭއައި ޓެކްނޮލޮޖީއަކުން ގެނައި ފީޗާއެއް ކަމަށެވެ.

ސެމްސަންގަށް އޯއެސް ހަދައިދޭ ގޫގުލްއާ ގުޅިގެން މިފަހަރު ވަނީ ގޫގުލް ސާޗްކުރުމުގައި ވެސް ހާއްސަ އެކި ފީޗާތައް ހިމަނައިފަ އެވެ. މި ފީޗާތަކުގެ ތެރޭގައި، ބޭނުންވާ އިމޭޖެއް ނުވަތަ ބަހެއްގައި ބޮޅެއް އަޅާލުމުން އަމިއްލައަށް އެޔާ ބެހޭ މައުލޫމާތު އިންޓަނެޓުން ހޯދައިދިނުން ހިމެނެ އެވެ. ސެމްސަންގުން ބުނީ މިހާރު އިންޓަނެޓުން މައުލޫމާތެއް ސާޗްކުރުމަށް ކޮޮޕީކޮށް ޕޭސްޓުކުރުމާއި ގޫގުލްގެ އެހެން އެޕްތަކަށް ވަކިވަކިން ވަނުން ނިމުނީ ކަމަށެވެ.

މެސެޖުކުރުމާއި ކާރު ސިސްޓަމް ފީޗާތަކަށް ވެސް ސެމްސަންގުން ވަނީ އޭއައި ގެނެސްފަ އެވެ. އަދި ކެމެރާއަށް ވެސް އޭއައި ފީޗާތައް ލައި، ބެކްގްރައުންޑް ރީތިކޮށްލުން ނުވަތަ އެއްކޮށް ފިލުވައިލުން ފަދަ ކަންކަން ކުރެވޭނެ އެވެ.

ވާދަވެރި އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 15 ގޮތަށް، އެސް24 އަލްޓްރާގައި ވެސް ހިމަނާފައި ވަނީ ޓައިޓޭނިއަމް ފްރޭމެކެވެ. އަދި ބެޓެރީގެ ބާރު ވެސް މިފަހަރު މާ ގިނައިރު ހިފަހައްޓާނެ ކަމަށް ބުންޏެވެ.

ގެލެކްސީ އެސް24 ޝިޕްކުރަން ފަށާނީ މި މަހު 31 ގަ އެވެ. އަލްޓްރާ ފޯނުތަކުގެ ފެށޭ އަގަކީ 1،299 ޑޮލަރު (20،000ރ.) އެވެ. --އޭއެފްޕީ