ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމަށް "ފަހި ފަތުރުވެރިކަމަށް އަންހެނުން" ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
18 ޖެނުއަރީ 2024
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމަށް "ފަހި ފަތުރުވެރިކަމަށް އަންހެނުން" ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރު ކުރުމަށް މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
މިއަދު އިފުތިތާހުކުރި "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމްގެ ބޭނުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރު ކުރުމަށް އެ ދާއިރާ އަށް ނުކުތުމަށް ބާރު އެޅުމެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ޝައުގުވެރިވާ ދާއިރާތައް ދަނެގަނެ އެ ދާއިރާއަކުން ކުރިއަށް ދިއުމަށް މައުލޫމާތުދީ، ފުރުސަތު ހޯދައިދޭނެ އެވެ.
އަހަރަކު ދެ ފަހަރަށް އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.
1. ޓޫރިޒަމް ދާއިރާއަށް އަހުލުވެރި ކުރުވުން.
2. ޓޫރިޒަމް ދާއިރާއަށް ނިކުތުމަށް މަގު ކޮށައިދިނުން.
3. ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ސެޓްފިކެޓް ދިނުމާއި ފުރަތަމަ މަރުހަލާ [ޓޫރިޒަމް ދާއިރާއަށް އަހުލުވެރި ކުރުވުން] އަލުން ކުރިއަށް ގެންދިއުން.
އެ ޕްރޮގްރާމް ނިމުމުން ޓޫރިޒަމް ދާއިރާ އަށް އަންހެނުން ނުކުތުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ ސެޓްފިކެޓް، ޑިޕްލޮމާ ފުރިހަމަ ކޮށްފައިވާ ދިވެހި އަންހެނުންނަށެވެ. ބައިވެރިވާން ބޭނުން ނަމަ [email protected] އަށް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
"ފަހި ފަތުރުވެރިކަމަށް އަންހެނުން" ނަމުގައި ފެށި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިޮންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެފައި ވާއިރު މިއީ އެންމެ ގިނަ ވަޒީފާގެ ފުރުސަތުތައް ފަހިވެފައިވާ ދާއިރާ ކަމަށެވެ.
މީގެ ދެ އަހަރު ކުރިއަށް ބަލާއިރު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އަންހެނުން މަދު ކަމަށާއި މިއަދު ފެށި ޕްރޮގްރާމުގައި އަންހެނުން އެ ދާއިރާގައި މަސައްކަތް ކުރުމަށް ދުރުރާސްތާގެ ޕްލޭނެއް ހަދާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު މި އިފްތިތާހު ކުރެވޭ "ފަހު ފަތުރުވެރިކަމަށް އަންހެނުން" މި ޕްރޮގްރާމް ފަރުމާ ކޮށްފައި ވަނީ މި ލަނޑުދަނޑިތައް [އަންހެނުންނަށް މި ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދީ އަންހެނުން މި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމަ ކުރުމަށް] ހާސިލް ކުރެވޭނެ ގޮތަށް، ދުރުރާސްތާ ޕްލޭނަކާ އެކު،" ފައިސަލް ވިދާޅުވި އެވެ.
"ފަހި ފަތުރުވެރިކަމަށް އަންހެނުން" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ޕްރޮގްރާމްގެ ތެރެއިން، ޓޫރިޒަމްގެ އެކި ދާއިރާތަކާއި ގެސްޓްހައުސް ތަކާއި ހޮޓާތަކާއި ޑައިވިން ފަދަ މަސައްކަތްތަކަށް ތަޖުރިބާކާރުންގެ ތަޖުރިބާ އާއި އެ މީހުން މަސައްކަތް ކުރާ ތަންތަނުގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އަމާޒަކީ ޒުވާނުން މިކަމުގެ ބޭނުން ހިފައި އަންހެނުން އެ ޕްރޮގްރާމްގެ ތެރެއިން މި ދާއިރާއަށް ނިކުތުމަށް އެހީތެރިވުން ކަމަށް ފައިސަލް ވިދާޅުވި އެވެ. މީގެ ސަބަބުން އަންހެނުން މި ދާއިރާ އަށް ނުކުތުމަށް އިތުރު ހިތްވަރަކަށް ވެ، ދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ފައިސަލްގެ ވާހަކައިގައި ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރީގެ ބޯހިމެނުމުން ދެއްކި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ރިސޯޓުތަކުގައި 52،483 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ދިވެހިންގެ ގޮތުގައި މަސައްކަތް ކުރަނީ 15،597 މުވައްޒަފުންނެވެ. ދިވެހިންގެ ތެރެއިން ޓޫތިޒަމް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަކީ އެންމެ 891 މުވައްޒަފުންނެވެ.
އާއިލާ ކައިރިއަށް ދިއުމަށް ޕޮޕިއުލޭޝަން ސެންޓަރުތަކެއް
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި، ބަދަލު ފެންނާނެ
"އަމާޒަކީ ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން"
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް
ސްޕޯޓްސް ޓޫރިޒަމަށް ޔުވެންޓަސްއާއެކު މަޝްވަރާ ކޮށްފި
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
މަސައްކަތް ނުހިނގާ 22 ރަށެއް އަތުލަން ލަފާ ހޯދަނީ
ދުރު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ލުއި ދެނީ
އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއި ފައިސަލް ބައްދަލުކޮށްފި
އަމާޒަކީ އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުން: ފައިސަލް