އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެ ވަންނަން މިއަދު ނިންމައިފި އެވެ.
28 ޖެނުއަރީ 2024
އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެ ވަންނަން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުގައި ގެންދިޔަ ކެބިނެޓް ބައްދަލުވުމުގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ މުއާހަދާއާ ހިލާފަށް، އަމަލުތައް ހިންގާތީ ހުށަހެޅި މައްސަލައިގެ ތެރެއަށް ވަންނަން ނިންމައި އެކަމުގެ ރާއްޖޭގެ އެޖެންޓަކަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ހަމަޖައްސަވާފައިވާ ކަމަށެވެ.
އެފްރިކާއިން ހުށަހެޅި މައްސަލައިގައި، އދ. ގެ އެންމެ މަތީ ކޯޓުން ވަނީ މިދިޔަ ހުކުރު ދުވަހު ވަގުތީ އަމުރު ނެރެފަ އެވެ. އެ އަމުރުގައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އަމުރު ނެރެފަ އެވެ.
އެ އަމުރު ނެރުމަށް ނިންމެވީ ކޯޓުން ފަހުގެ ނިންމުން ނިންމުމުގެ ކުރިން ޣައްޒާގެ ހާލަތު މިހާރަށް ވުރެ ވެސް ނުރައްކާ ހާލަތަކަށް ހިނގައިދާނެ ސަބަބުތައް ހުރުމުން ކަމަށާއި މިހާރު ވެސް ޣައްޒާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.
އިޒްރޭލުގެ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްތޯ ކަނޑައެޅުމަކީ ދެ ވަނަ މަރުހަލާގެ ކަމެކެވެ. ރާއްޖެއިން ބައިވެރިވި މި މައްސަލައަށް ގޮތެއް ނިންމަން އަދި އެތައް އަހަރެއް ހޭދަވެދާނެ އެވެ.
ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރު ޖޯން ޑޮނޮޚުވޭ ވަނީ އިޒްރޭލުން މިއަދުން ފެށިގެން މަސް ދުވަސް ތެރޭގައި، އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކުރައްވައިފަ އެވެ.
މި ފަހަރު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކެއްގައި 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. މި ހަމަލާއަށް ފަހު ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ހަމަލާދޭން ފަށައި މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު މިއީ އިޒްރޭލުން މިހާތަނަށް ޣައްޒާއަށް ދިން އެންމެ އަނިޔާވެރި ހަމަލާތަކެވެ.
އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން މެންބަރު ގައުމުތަކަށް ލާޒިމެވެ. އެކަމަކު އަމުރުތައް ތަންފީޒުކުރުމުގައި ކޯޓަށް މާ ބޮޑު ބާރެއް ނޯވެ އެވެ. ގިނަ ގައުމުތަކުން ކޯޓުގެ އަމުރުތައް ބޮލައިލައި ޖަހަނީ އެވެ. ރަޝިއާ އިން ޔުކްރެއިންނަށް ހަމަލާ ދޭން ފެށުމުން ވެސް އެކަން ހުއްޓާލަން ކޯޓުން އަމުރުކުރި އެވެ. އެކަމަކު ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.
ޣައްޒާއަށް އެހީ ވެއްދުން ފަސޭހަކޮށްދޭންޖެހޭނެ: އައިސީޖޭ
ހަމަލާތައް ހުއްޓުނަސް އިޒްރޭލު ޕާސްޕޯޓް މަނާވާނެ: އޭޖީ
ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން ޣައްޒާއަށް އެހީވަނީ
އިޒްރޭލްގެ ނިންމުން ރައީސް ކުށްވެރިކުރައްވައިފި
ޒިންމާއިން ރެކެން އިޒްރޭލުން ދައްކަނީ ބަހަނާ: ރާއްޖެ
އައިސީޖޭގައި އުޝާމް މާދަމާ ބަޔާނެއް ދެއްވަނީ
ޣައްޒާއަށް އެހީ ނުވެއްދޭތީ ބައިނަލްއަގުވާމީ ކޯޓަށް
ރައްޔިތުން ބާލައި، ޣައްޒާ ވެރިކޮށްލުމުގެ ވިސްނުން
މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖޭން ބަޔާނެއް ދީފި
ލުބްނާނު ވެސް ސުންނާފަތި ކޮށްލާނެކަމުގެ އިންޒާރު ދީފި