Roadha Mihaaru

ޣައްޒާ އަލުން ބިނާކުރަން ޓްރަމްޕްގެ ވިސްނުމަކީ ރައްޔިތުން ބާލައި، ތަން ވެރިކޮށްލުން

އިޒްރޭލުގެ އުދުވާންތަކުގައި ސުންނާފަތިވެފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރަން، އެ ތަނުން ފަލަސްތީނުގެ ރައްޔިތުން ބާލައި، އެ ސިޓީ ވެރިކޮށްލުމުގެ ވިސްނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.

ރައްޔިތުން ބާލައި، ޣައްޒާ ވެރިކޮށްލުމުގެ ވިސްނުން

އިޒްރޭލުގެ އުދުވާންތަކުގައި ސުންނާފަތިވެފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރަން، އެ ތަނުން ފަލަސްތީނުގެ ރައްޔިތުން ބާލައި، އެ ސިޓީ ވެރިކޮށްލުމުގެ ވިސްނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޣައްޒާ އަލުން ބިނާކުރުމުގެ ބޮޑު ޕްލޭނެއް އިއުލާނު ކުރައްވައިފަ އެވެ.

އެ ޕްލޭންގެ ދަށުން، ޣައްޒާގެ އިގުތިސާދީ ހަރަކާތްތައް ފުޅާކޮށް، ވަޒީފާ އާއީ ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އެމެރިކާއިން ޣައްޒާ އާ ހަވާލުވާނެ، އެއާ އެކު އަޅުގަނޑުމެން މަސައްކަތްތަކެއް ވެސް ކުރާނަން. އެތަން ވާނީ އަޅުގަނޑުމެންގެ މިލްކަކަށް،”ޓްރަމްޕް ވިދާޅުވި އެވެ.

"މިއީ ހަމަ ހުރެފައި ނިންމި ނިންމުމެއް ނޫން. އަޅުގަނޑު ވާހަކަ ދެއްކި އެންމެން ވެސް ވަރަށް ގަޔާވޭ އެ ތަނުގައި އެމެރިކާގެ މިލްކުވެރިކަން އޮންނަން. އެމެރިކާއިން އެތަން ތަރައްގީކޮށް، އެތައް ހާސް ވަޒީފާ އުފެއްދުމުގެ ހިޔާލަށް."

ޓްރަމްޕްގެ މި ޕްލޭންގެ ދަށުން، ޣައްޒާގައި ދިރިއުޅޭ ގިނަ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލައި، ޣައްޒާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ދިރިއުޅެވޭނެ ހިތްގައިމު ތަނަކަށް ހެދުމުގެ ވިސްނުން ވެސް ހާމަކުރެއްވި އެވެ.

ޣައްޒާ ހިންގާ، ހަމާސް ޖަމާއަތުން ވަނީ ޓްރަމްޕްގެ މި ޕްލޭން ކުށްވެރިކޮށްފަ އެވެ. އެކަމުން މުޅި ސަރަހައްދު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށް ހަމާސް އިން ވަނީ އިންޒާރު ދީފަ އެވެ.

ޓްރަމްޕް މީގެ ކުރިން ވެސް ވަނީ، ޣައްޒާއިން މީހުން ބާލައި، މިސްރު އަދި ޖޯޑަން އަށް ގެންދަން ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް، އެ ގައުމުން ވެސް ވަނީ ޓްރަމްޕްގެ އެ ވިސްނުމަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފަ އެވެ.