Roadha Mihaaru
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ

ފައިސާ ދިނުމުގައި ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރޭ: ކްލަބްތައް

29 އޮކްޓޯބަރ 2023

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ފައިސާ ދިނުމުގައި ޔޫތު ސްޕޯޓްސް މިނިސްޓްރީން ތަފާތު ކުރުން ގެންގުޅެފައިވާ ކަމަށް ބައެއް ކްލަބްތަކުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ފައިސާ ދިނުމުގައި ޔޫތު ސްޕޯޓްސް މިނިސްޓްރީން ތަފާތު ކުރުން ގެންގުޅެފައިވާ ކަމަށް ބައެއް ކްލަބްތަކުން ބުނެފި އެވެ.

ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދިނުމަށް، މިދިޔަ އަހަރު ސަރުކާރުން ވައުދުވި ފައިސާ، ޓީމުތަކަށް ދޫކުރި އިރު ހުރިހާ ކްލަބަކަށް ހަމަހަމަ އަށް ދީފައެއް ނުވެ އެވެ.

"ތިން ކްލަބަަކަށް (ކޮންމެ ކްލަބަކަށް) އެއް މިލިއަން ރުފިޔާ އެއް ފަހަރާ ދީފައިވޭ. އެކަމަކު ބައެއް އެހެން ކަލްބަތަކަށް އެ ފައިސާ ހަމަކޮށްދީފައެއް ނެތް،" ޔޫތު މިނިސްޓްރީން ފައިސާ ދިން އިރު ކްލަބްތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރި ޓީމެއްގެ އޮފިޝަލަކު ބުންޏެވެ.

ކްލަބް ވެލެންސިއާގެ އޮފިޝަލް ބުނީ، ޔޫތު މިނިސްޓްރީން އެ ކްލަބަށް ޖަމާކޮށް ދިނީ 250،000 ރުފިޔާ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް ފޮނުވީ ސިޓީއެއް. އެ ސިޓީގައި ބުނެފައި ވަނީ މިވަގުތު މި މިނިސްޓްރީ އަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވުމުން އެ ފައިސާއިން މި ވަގުތު ޖަމާ ކުރެވޭނީ ވަކި މިންވަރެކޭ،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާ އަށް އެގޮތަށް އެންގި އިރު ބައެއް އެހެން ކްލަބްތަކަށް އެއްކޮށް އެ ފައިސާ ޖަމާކޮށް ދީފައިވާ ކަމަށެވެ.

"ޔޫތު މިނިސްޓްރީ އަށް އަހަރަކަށް 300 މިލިއަން ރުފިޔާގެ ބަޖެޓެއް އެބަ ދޭ. އޭގެ ތެރެއިން ބޭކާރު ހަރަދު ކުރަނީ ކޮންމެހެން ބާއްވަން ނުޖެހޭ ހަފުލާތައް ބާއްވަން،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ އެ ފައިސާ އަކީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކްލަބްތަކަށް ދެއްވާނެ ކަމަށް ވިދާޅުވި ފައިސާ ކަމަށެވެ. ރައީސްގެ ވައުދު ފުރިހަމަ ކުރުމުގައި މިނިސްޓްރީން ތަފާތު ކުރުން ގެންގުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އެ ފައިސާ ހަމަ އަށް ނުލިބުނު އަނެއް ކްލަބަކީ ގްރީން ސްޓްރީޓްސް އެވެ. އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ކުޅިވަރުގެ އިދާރާތަކުން ތަފާތު ކުރުން ގެންގުޅެން ފެށުމުން އެ ކުޅިވަރު ހަލާކު ވެގެންދާ ކަމަށެވެ.

"ކުޅިވަރުގެ އެތޯރިޓީ އޮންނަ މުއައްސަސާތަކުން ހަމަކަން ގާއިމު ކުރުން ވަރަށް މުހިންމު. އެ ހަމަހަމަކަން ގާއިމު ނުކުރެވުނީމަ އޭގެ ގެއްލުން ލިބޭނީ ކުޅިވަރަށް،" ނިސާތާރު ބުންޏެވެ.

އެ ފައިސާ ހަމަހަމަ އަށް ކްލަބްތަކަށް ނުދެވޭކަން ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވެސް ވިދާޅުވި އެވެ. މިކަމާ ބެހޭގޮތުން މިނިސްޓަރު އަހުމަދު މަހްލޫފްގެ ބަހެއް ހޯދަން ދެ ދުވަސް މަތިން ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.