Roadha Mihaaru
ބައްސާމަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކޮށްފި

ބައްސާމަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކޮށްފި

01 ފެބުރުއަރީ 2024

އެފްއޭއެމް އަށް، ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކުރުމަށް ޕްރޮސިކިއުާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެފްއޭއެމް އަށް، ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކުރުމަށް ޕްރޮސިކިއުާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ފުލުހުންގެ އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވަނީ ފީފާ އާއި އޭއެފްސީން ފޮނުވި ފައިސާއަށް އެފްއޭއެމްގެ ބައެއް ވެރިން ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ވަރަށް ގިނަ ޓްރާންސެކްޝަތަކުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. މީގެ ތެރޭގައި މިލިއަން ޑޮލަރުގެ މުއާމަލާތްތައް ވެސް ހުރި އިރު މި 10،000 ޑޮލަރުގެ މައްސަލަ އަކީ މިހާތަނަށް އަދި ތަހުގީގު އެއްކޮށް ނިމި ފުރިހަމަ ހެއްކާ އެކު ޕީޖީއަށް ފޮނުވި މައްސަލަ ކަމަށް ފުލުހުން ބުންޏެވެ. އިތުރު މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރު ޖުލައި އާއި އޯގަސްޓާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 26، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. މި ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.

އެފްއޭމް ހައުސް އަށް ފުލުހުން ވަދެ ފާސްކުރާއިރު ބޭރުގައި ދެ ފުލުހަކު މަޑުކޮށްލައިގެން. --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭމް ހައުސް އަށް ފުލުހުން ވަދެ ފާސްކުރާއިރު ބޭރުގައި ދެ ފުލުހަކު މަޑުކޮށްލައިގެން. --- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.

Mihaaruge hoadhun: Jamaavee, husvaan hindhukolheh!

Mihaaruge hoadhun: Jamaavee, husvaan hindhukolheh!

The most trusted news source in the Maldives

Mihaaru

އެފްއޭމްގެ ފައިސާ ދައުރުކުރި ގޮތް "މިހާރު" ގެ "މެދުސަފުހާ" އިން ހާމަކޮށް ޝާއިއުކުރި ލިޔުމެއް

މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެފްއޭއެމުން ނެގި ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މި ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.

މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އެފްއޭއެމް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްދާއިރު، ބައްސާމް އެފްއޭއެމް އޮފީސް ކައިރީގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭއެމް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްދާއިރު، ބައްސާމް އެފްއޭއެމް އޮފީސް ކައިރީގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މި މައްސަލައިގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ ބޭންކް އޮފް ސިލޯންގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައި ވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމް އަށް ލިބިފައި ނެތުމުން އެއީ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދަައުވާ ވެސް ކުރީ އެވެ.

މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް މީޑިއާގައި އޭނާ ވަނީ ތަކުރާރުކޮށް އިންކާރު ކުރައްވައިފަ އެވެ. އަދި އެފްއޭއެމްގެ އެއްވެސް ފައިސާއެއް އަމިއްލަ އެކައުންޓަށް ނުވަތަ ތަނުގެ އެހެން ވެރިއެއްގެ އެކައުންޓަށް ވެސް ސައްހަ ނޫން ގޮތެއްގައި ޖަމާވެފައި ނުހުންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެފްއޭއެމްގެ ފައިސާގެ މައްސަލަ ތަހުގީގުކުރަން ފެށީ ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަށެވެ. މީގެ ކުރިން ތަހުގީގުގައި ފުލުހުން ވަނީ އެފްއޭއެމްގެ އިމާރާތަށް ވެސް ފާސްކޮށް، ހެކީގެ ގޮތުގައި ބައެއް ތަކެތި ގެންގޮސްފަ އެވެ.

މިމައްސަލައަކީ އަދިވެސް ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އިތުރަށް ފެންނަ ނުރަނގަޅު ކަންތައްތަކުގެ މައްޗަށް އަޅާނެ ގާނޫނީ ފިޔަވަޅުތައް ނިންމަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.