Roadha Mihaaru
އެގްރިމެންޓް އާ ނުކުރިޔަސް ކުޑަ ކުރި ކުލި ދެއްކޭނެ

އެގްރީމަންޓް އާ ނުކޮށް ވެސް ވިނަރެސް އަށް ދައްކަން ޖެހޭނީ ކުޑަކުރި ކުލި

05 ފެބުރުއަރީ 2024

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ މިހާރުގެ އަގުން 4،200ރ. އެޗްޑީސީން އުނިކޮށްފައިވާއިރު އެގްރީމަންޓް އަލުން ނުހެދިޔަސް، އުނިކުރި އަދަދުން ފައިސާ ބަލައިގަންނަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ މިހާރުގެ އަގުން 4،200ރ. އެޗްޑީސީން އުނިކޮށްފައިވާއިރު އެގްރީމަންޓް އަލުން ނުހެދިޔަސް، އުނިކުރި އަދަދުން ފައިސާ ބަލައިގަންނަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ޑިސެމްބަރު މަހު ވައުދުވެވަޑައިގެންނެވި ގޮތަށް ވިނަރެސްގެ އަގު ކުޑަކުރިކަން އިއުލާންކުރީ މި މަހު އެވެ. އެ ބަދަލާ އެކު، ވިނަރެސް ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 9،000ރ. އާއި 13،000ރ. އާ ދެމެދުގެ އަދަދުތަކަކަށް ކުޑަވާނެ އެވެ. އެކަމަކު، އެކަން އާންމުންނަށް ސާފުވާ ގޮތަށް އެޗްޑީސީން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެކަމަކު މިމަހު އެޗްޑީސީ އަށް ވިނަރެސްގެ ކުލި ދެއްކި ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ކުލި ވަކި ކުޑަ ނުވާ ކަމަށެވެ. އެ މީހުން ކަންބޮޑުވުން ފާޅުކުރީ ކުލި ކުޑަވި ކަމަށް ބުނެ ކުރިއެކޭ އެއްގޮތަށް ފައިސާ ދައްކަން ޖެހުމުންނެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ އަގުހެޔޮ ރޭޓުން ކުލި ނަގަން ފަށާނީ އެގްރިމެންޓް އާކޮށްގެން ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ.

ވިނަރެސްގެ ކުއްޔާ ބެހޭ ގޮތުން އާންމުންނަށް އަރާފައިވާ އޮޅުންތަކާ ބެހޭ ގޮތުން އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އާ އެގްރީމަންޓް ނެތަސް ސިސްޓަމުން އެ ބަދަލު ދައްކާ ނަމަ، ކުލިން އެ އަގު އުނިވާނެ ކަމަށެވެ. އެކަމަކު ސިސްޓަމަށް ބަދަލު ގެނައުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި އެ މަސައްކަތް އަންނަ އާދިއްތަ ދުވަހާ ހިސާބަށް އެއްކޮށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީން އެކަމާ ގުޅިގެން ކުރި އިއުލާނުގައި ބުނީ ބޭންކު މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާ އިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ވިނަރެސް ފްލެޓްތައް ގަނެފައިވާ މީހުންނަށް ވެސް، އާންމުކުރި ލުއިތައް ލިބޭނެ ކަމަށެވެ. ބޭންކު ލޯނަށް އެވްރެޖުކޮށް ދައްކަން ޖެހޭ އަދަދުން 4،200ރ. އެވްރެޖުކޮށް ކުޑަކުރާނެ ގޮތަށް ފްލެޓުގެ އަގުން ޑިސްކައުންޓް ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އަމިއްލަ ފައިސާ އިން އެއްފަހަރާ އަގު އަދާކުރާ މީހުންނަށް ފްލެޓުގެ އަގުން ވެސް އެ ވަރުގެ ޑިސްކައުންޓެއް ދޭނެ ކަމަށް ބުނެފައިވެ އެވެ.

ވިނަރެސް ފްލެޓްތަކުގެ މަހު ކުލި 10،000 ރުފިޔާއަށް ކުޑަކޮށްދޭން އެދި، އެ ފްލެޓް ލިބުނު މީހުންގެ ފަރާތުން ރައީސަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.