Roadha Mihaaru
އެޓޫ އިސްތިއުފާ ދޭން ހުށަހެޅުމުން ބޯޑުން ދެކޮޅުހަދައިފި

ކެމެރޫން އެފްއޭގެ ރައީސްކަމުން އިސްތިއުފާ ދޭން އެޓޫ ހުށަހެޅުމުން ބޯޑުން ދެކޮޅު ހަދައިފި

07 ފެބުރުއަރީ 2024

ޔައުންޑޭ، ކެމެރޫން (ފެބްރުއަރީ 7) - ކެމެރޫން އެފްއޭގެ ރައީސް ސެމިއުލް އެޓޫ މަގާމުން އިސްތިއުފާ ދޭން ހުށަހެޅުމުން، ބޯޑުން ދެކޮޅު ހަދައިފި އެވެ.

ޔައުންޑޭ، ކެމެރޫން (ފެބްރުއަރީ 7) - ކެމެރޫން އެފްއޭގެ ރައީސް ސެމިއުލް އެޓޫ މަގާމުން އިސްތިއުފާ ދޭން ހުށަހެޅުމުން، ބޯޑުން ދެކޮޅު ހަދައިފި އެވެ.

މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންގައި، ކެމެރޫންގެ ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބާ އެކު އެޓޫ، ބޯޑަށް ހުށަހެޅި އޭނާ އާ އެކު ބޯޑުގެ ހުރިހާ މެންބަރުން އެކުއެކީގައި އިސްތިއުފާ ދިނުަމަށެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި އެފްއޭގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކީ އެފްރިކަން ކަޕުގެ ދެވަނަ ބުރުން ކެމެރޫން ކަޓައިގެން ދިއުމުން އެކަން ދިރާސާކޮށް ނާކާމިޔާބުވި ސަބަބުތައް ދެނެގަތުމުގެ މަޝްވަރާ އަށް ބޭއްވި ބަދަލުވުމެކެވެ. އެ ބަދަލުވުމުގައި އެޓޫ، 42، ހުށަހެޅީ ކުރިމަތިވި ނާކާމިޔާބުގެ ޒިންމާނަގައި އިހްލާސްތެރިކަން ހާމަ ކުރުމަށް، ބޯޑް އެއްކޮށް އިސްތިއުފާ ދިނުމަށެވެ.

"އެ ހުށަހެޅުމާ ބޯޑްގެ އެހެން މެންބަރުން އިއްތިފާގުވެ ދެކޮޅު ހެދި އަދި އޭނާ އާ މެދު ބޯޑްގެ އިތުބާރު އޮތްކަން ބޯޑްގެ މެންބަރުން ހާމަ ކުރި،" ކެމެރޫން އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބާސެލޯނާ އާއި އިންޓަ މިލާނާ އެކު ގިނަ ކާމިޔާބުތަކެއް ހޯދި ކުރީގެ ފޯވާޑް އެޓޫ، ކެމެރޫން އެފްއޭގެ ރައީސް ކަމަށް ވަޑައިގެންނެވީ ޑިސެމްބަރު 2021 ގަ އެވެ.

އެ މަގާމަށް އޭނާ ވަޑައިގަތުމަށް ފަހު ނިންމި އެންމެ ބޮޑު ނިންމުމަކީ، އެ ގައުމުގެ ޓީމުގެ ކޯޗަކަށް އޭރު ހުރި ޓޯނީ ކޮންސީއޯ މަގާމުން ވަކި ކުރުމަށް ފަހު، އެޓޫ އާއެކު ކެމެރޫންގެ ގައުމީ ޓީމަށް ކުޅުނު ރޮބަޓް ސޯންގަށް ކޯޗުކަން ދިނުމެވެ.

ޕޯޗުގަލްގެ ކޮންސިއޯ މަގާމުން ވަކި ކުރީ ފެބްރުއަރީ 2022 ގައި އެ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންގެ ނާކާމިޔާބަށް ފަހު އެވެ. ސޯންގް ޓީމާ ހަވާލުވެ ވޯލްޑް ކަޕަށް ކެމެރޫން ކޮލިފައިކޮށް ދިނެވެ. ގަތަރުގައި ބޭއްވި އެ އަހަރުގެ ވޯލްޑް ކަޕް ކެމެރޫން ނިންމާލީ ހަތަރު ޕޮއިންޓް ހޯދައިގެނެވެ. ގުރޫޕްގެ ފަހު މެޗުގައި އެ ޓީމުން ވަނީ ވަރުގަދަ ބްރެޒިލް ބަލިކޮށްފަ އެވެ.

އެކަމަކު ސޯންގްގެ ކޯޗުކަމުގެ ދަށުން ކެމެރޫނުން ނެރުނު ޖުމުލަ ނަތީޖާތައް ދަށެވެ. އޭނާ ކޯޗުކޮށްދިން 23 މެޗުގެ ތެރެއިން މޮޅުވީ ހަ މެޗުންނެވެ.