Roadha Mihaaru
ޔުނައިޓެޑްގެ އޮނާނާ ނުވަ މަހަށްފަހު ގައުމީ ޓީމަށް

ޔުނައިޓެޑްގެ އޮނާނާ ނުވަ މަހަށްފަހު އަލުން ކެމެރޫންގެ ގައުމީ ޓީމަށް

30 އޯގަސްޓް 2023

ޔައުންޑޭ (އޯގަސްޓް 30) - މެންޗެސްޓާ ޔުނައިޓެޑްގެ އާ ކީޕަރު އަންޑްރޭ އޮނާނާ ނުވަ މަހަށް ފަހު އަލުން ކެމެރޫންގެ ގައުމީ ޓީމަށް ނަގައިފި އެވެ.

ޔައުންޑޭ (އޯގަސްޓް 30) - މެންޗެސްޓާ ޔުނައިޓެޑްގެ އާ ކީޕަރު އަންޑްރޭ އޮނާނާ ނުވަ މަހަށް ފަހު އަލުން ކެމެރޫންގެ ގައުމީ ޓީމަށް ނަގައިފި އެވެ.

އޮނާނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ، މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކެމެރޫންގެ ފުރަތަމަ މެޗުގައި ސްވިޒަލެންޑާ ދެކޮޅަށެވެ. އެ މެޗަށް ފަހު އޭނާ އާ ކެމެރޫންގެ ކޯޗު ރިގޯބާޓް ސޯންގްއާ މައްސަލަ ޖެހުމުން، އޮނާނާ ސްކޮޑުން ބޭރުކޮށް ރަށަށް ފޮނުވާލި އެވެ.

އޭގެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ވެސް އިއުލާންކޮށްފަ އެވެ. އޮނާނާ އާއި ސޯންގްއާ މައްސަލަ ޖެހުނީ ޓީމުގެ ޓެކްޓިކްސް އާއި ޓްރޭނިންއާ މެދު އޮނާނާ ހިތްހަމަނުޖެހުން ފާޅު ކުރުމުންނެވެ. އެކަމާ ގުޅިގެން ކެމެރޫންގެ އެފްއޭއިން ވެސް އޭނާ ސަސްޕެންޑް ކުރި އެވެ.

އެކަމަކު އިއްޔެ ވެރިރަށް ޔައުންޑޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޯންގް ވަނީ އޮނާނާ އާ މައްސަލައެއް އޮތް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ލިބެން ހުރި އެންމެ މޮޅު ގޯލްކީޕަރު އަބަދުވެސް ސްކޮޑަށް ނެގުމަކީ އާންމު އުސޫލެއް ކަމަށެވެ.

ކެމެރޫންގެ ކޯޗު ރިގޯބާޓް ސޯންގް: އޭނާ ބުނީ އޮނާނާ އާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް

ކެމެރޫންގެ ކޯޗު ރިގޯބާޓް ސޯންގް: އޭނާ ބުނީ އޮނާނާ އާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް

""އަންޑްރޭ [އޮނާނާ] ގެ އެއްވެސް މައްސަލައެއް ނެތް. އޭނާ އަށް އަބަދުވެސް ދޮރު ހުޅުވިފައި އޮތީ. އޭނާ އެނބުރި މި ގުރޫޕާ ގުޅެން އަންނާތީ ވަރަށް އުފާވޭ،" ސޯންގް ބުންޏެވެ.

އަލުން ގައުމީ ޓީމަށް އޮނާނާ ނެގީ އެފްރިކަން ކަޕް އޮފް ނޭޝަންގެ ކޮލިފައިވުމަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އަންނަ މަހު 12 ގައި ބުރުންޑީ އާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލިޔަސް، އައިވަރީކޯސްޓްގައި އަންނަ ޖެނުއަރީގައި ބާއްވާ މުބާރާތަށް ކެމެރޫން ކޮލިފައި ވާނެ އެވެ.

މިދިޔަ ސީޒަނުގައި އިންޓަ މިލާނަށް ކުޅުނު ކީޕަރު ޔުނައިޓެޑަށް ގެންދިޔައީ، އެ ކްލަބްގެ އެއްވަނަ ކީޕަރު ޑޭވިޑް ޑެހެއާ 12 އަހަރަށް ފަހު ކްލަބް ދޫކޮށްލުމުންނެވެ.