Roadha Mihaaru
ދެމަހަށް ފަހު ފުވައްމުލަކުގެ ކަރަންޓަށް ދާއިމީ ހައްލެއް

އަމިއްލަ މީހެއްގެ އަތުން ޖެންސެޓެއް ގަނެ، ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް

11 ފެބުރުއަރީ 2024

އަމިއްލަ މީހެއްގެ އަތުން ޖެންސެޓެއް ގަނެ، ފުވައްމުލަކު ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަމިއްލަ މީހެއްގެ އަތުން ޖެންސެޓެއް ގަނެ، ފުވައްމުލަކު ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.

ފުވައްމުލަކުގެ ޖަނެރޭޓަރަކަށް ގެއްލުން ލިބި ލޯޑު މަތިވާ ގަޑިތަކުގައި ކަރަންޓު ކެނޑެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ އެ މައްސަލަ ހައްލު ނުވެ، ފެނަކައިން ދަނީ ކޮންމެ ދުވަހަކު ވަކި ވަގުތުތަކެއްގައި ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންނެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހަލެއް ގެނައުމަށް 800 ކިލޮވޮޓުގެ ޖަނަރޭޓަރެއް އަމިއްލަ މީހެއްގެ އަތުން ގަނެފައިވާ ކަމަށެވެ.

އޭރުން ފުވައްމުލަކުގެ ކަރަންޓު މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައްދޫގައި ހުރި އެއްޗެއް ނޫން މި ބޭނުން ކުރަނީ. އަޅުގަނޑުމެން ގަތީ، އަމިއްލަ މީހެއްގެ އަތުން 800 ކިލޮވޮޓުގެ ޖެންސެޓެއް. މިހާރު އެ ޖެންސެޓް ވަނީ އެ ރަށަށް ގެންގޮސްފައި، ކުރެވެމުން ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް އަވަހަކަށް އެ ރަށުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށެވެ.

"މިހާރު ވެސް މަސައްކަތް ކުުރެވެމުން އެ ދަނީ، މިއަދު ވިޔަސް އެއްކޮށް އިންސްޓޯލް ކުރެވުނީމާ މިއަދު ވެސް ހަމަ އެ މައްސަލަ ހައްލު ވާނެ، މާދަމާ އަށް މި މައްސަލަ އެއްކޮށް ހައްލު ކުރެވިގެން ދާނެ،" މުއާޒް ވިދާޅުވި އެވެ.

ޑިސެމްބަރު މަހުން ފެށިގެން ފުވައްމުލަކުގެ ކަރަންޓަށް ދިމާޥެފައިވާ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އައީ ގައްދޫގައި ހުރި ޖެނެރޭޓަރު ފުވައްމުލަކަށް ގެންދަން މަސައްކަތް ކުރަމުންނެވެ. އެ ޖަނަރޭޓަރު ރަށުން ބާލަން ގައްދޫގެ މީހުން ދެކޮޅު ހެދުމުން ފަހުން އެ ރަށުން އެ ބާލަން ފެނަކައިން މަސައްކަތެއް ނުކުރެ އެވެ.

އޭގެ ފަހުން އިންޖީނެއް ހަލާކުވެ، ފުވައްމުލަކުގައި ކަރަންޓްގެ މައްސަލަ ދިމާވެފައި ވަނިކޮށް، ޓްރާންސްފޯމަރު ފަޅައިގެން ގޮސް ފުވައްމުލަކުގެ ދެ އަވަށަކުން ކަރަންޓު ކެނޑުނެވެ. އެ ދުވަހު ދިމާވި މައްސަލަ ހައްލުކުރީ އައްޑޫ އިން ޓްރާންސްފޯމަރެއް ގެންގޮސް ގެންނެވެ.