Roadha Mihaaru
ތެލެސީމިއާ ކުދިން އުފަންވާ ވަރު ކުރިއަށްވުރެ މަދުވެއްޖެ

ތެލެސީމިއާ ކުދިން އުފަންވާ ވަރު ކުރިއަށް ވުރެ މަދު: ޑރ. އުމަރު

13 ފެބުރުއަރީ 2024

ތެލެސީމިއާ ކުދިން އުފަންވާ ވަރު ކުރީ އަހަރުތަކާ އަޅާބަލާއިރު ދަށްވަމުން އަންނަ ކަމަށް، މޯލްޑިވިއަން ބްލަޑް ސާވިސް އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތެލެސީމިއާ ކުދިން އުފަންވާ ވަރު ކުރީ އަހަރުތަކާ އަޅާބަލާއިރު ދަށްވަމުން އަންނަ ކަމަށް، މޯލްޑިވިއަން ބްލަޑް ސާވިސް އިން މިއަދު ބުނެފި އެވެ.

ތެލެސީމިއާ ސޮސައިޓީން ބާއްވާ ނޭޝަނަލް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތަށް ފަހު، އެ ސެންޓަރުގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު "މިހާރު" އަށް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ތެލެސީމިއާ ކުދިން އިތުރުވަމުން ދިޔަ ކަމަށެވެ. އެކަމަކު، ފާއިތުވި އަހަރުތަކަށް ވުރެ އެއް އަހަރުން އަނެއް އަހަރަށް ތެލެސީމިއާ ކުދިން އުފަންވާ ރޭޓް މިހާރު ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިދިޔަ އަހަރު ތެލެސީމިއާ މޭޖާ 10 ކުދިން އުފަންވި ކަމަށެވެ. އެ އަދަދު 2022 ގައި ހުރީ 16 ގަ އެވެ.

ފާއިތުވި އަހަރުތަކުގައި ރަޖިސްޓްރީވި ކުދިންގެ އަދަދު

2016: 14

2017: 11

2018: 19

2019: 11

2020: 5

2021: 22

2022: 16

މި އަހަރުގެ މިހާތަނަށް: 2

"..ހަމައެކަނި ކެއާގެ އިތުރަށް ކޮންޓްރޯލް ވެސް ހަރުދަނާކުރަންޖެހޭ. ކޮންޓްރޯލްގެ ތެރެއިން މިހާރު ވަރަށް ރަނގަޅު ޕްރޮގްރާމެއް، ނޭޝަނަލް އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް އެބަދޭ. އޭގެ ތެރޭގައި ގްރޭޑު 10 ގެ ކުދިންނަށް ތެލެސީމިއާ ޓެސްޓުކުރުމުގެ ޕްރޮގްރާމެއް އެބަ ކުރިއަށްދޭ. އެއީ ވަރަށް މުހިއްމު ކަމެއް، 10 ނިންމާއިރު ތެލެސީމިއާއަށް ޓެސްޓުކުރެވި އަދި ތެލެސީމިއާގެ މައުލޫމާތު ރަނގަޅަށް ލިބިފައި އޮތުން." އުމަރު ވިދާޅުވި އެވެ.

ތެލެސީމިއާ ސެންޓަރު. ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ތެލެސީމިއާ ސެންޓަރު. ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވީ ތެލެސީމިއާ ކުދިންނަށް މިހާރު ފޯރުކޮށްދޭ ބޭހާއި ދަގަނޑު ދަށްކުރުމަށް ބޭސް ދިނުން ސިސްޓެމިޓެކޮށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

ރަށްރަށުގައި ތެލެސީމިއާ ކުދިންނަށް ބޭސް ދޫކުރަމުން ދިޔައީ އެސްޓީއޯ ފާމަސީ މެދުވެރިކޮށެވެ. ނަމަވެސް، އެ ބޭސް ދޫކުރަން ވެސް، އެ ފާމަސީއަކުން، މާލޭގައި ހިންގާ އެސްޓީއޯ މެޑިކަލް އިން ހުއްދަ ނަގަން ޖެހެ އެވެ. އެކަމަށް ވަގުތު ނަގާތީ، ބްލަޑް ސާވިސް އިން ވަނީ ބޭސް ނެގުން އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ. އެހެންވެ، މާލޭގައި ތެލެސީމިއާ ސެންޓަރުން މިހާތަނަށް ދެމުންދިޔަ ބޭސް ދޫކުރުން ވެސް ފާމަސީތަކަށް ބަދަލުކުރި އެވެ.

އުމަރު ވިދާޅުވީ އެ ކުދިންގެ ކަންބޮޑުވުންތަކާ ހެދި ބޭސް ދޫކުރުން އަނެއްކާ ވެސް ތެލެސީމިއާ ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ތެލެސީމިއާ ކުދިންނަށް ލޭ އެޅުމުގެ އިތުރުން އެހެން ދާއިރާތަކުގެ ޑޮކްޓަރުންގެ އެހީ ލިބެންޖެހެ އެވެ. އެގޮތުން، ދަރުމަވަންތަ ހޮސްޕިޓަލް ގްރޫޕުގެ އެހީތެރިކަން ބޭނުންވާ ތެލެސީމިއާ ކުދިން ދެނެގަނެ، ފަސޭހައިން އެޕޮއިންޓްމަންޓް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އެ ކަމަށް ހާއްސަކޮށް ސަރުކާރުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ އާ ހޮސްޕިޓަލް ނިމުމުން އާ ފަރުވާތައް ފެށި، ތެލެސީމިއާ ކޮންޓްރޯލްކުރުމަށް އިތުރު މަސައްކަތް ކުރެވިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.