Roadha Mihaaru
ތެލެސީމިއާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަނީ

ތެލެސީމިއާ ކުދިންގެ އަދަދު ދަނީ އިތުރުވަމުން: އެމްބީއެސް

13 ސެޕްޓެމްބަރ 2018

މުޅި އުމުރަށް ލޭ އަޅަންޖެހޭ، ލޭގެ އުނިކަމެއް ކަމަށްވާ ތެލެސީމިއާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުޅި އުމުރަށް ލޭ އަޅަންޖެހޭ، ލޭގެ އުނިކަމެއް ކަމަށްވާ ތެލެސީމިއާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން މިއަދު ބުނެފި އެވެ.

އެތަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ތެލެސީމިއާ ދަފުތަރުގައި 13 ކުއްޖަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ރަޖިސްޓްރީކުރި އަދަދަކީ 11 އެވެ.

ތެލަސީމިއާ ކުދިންގެ އަދަދު އިތުރުވާތީ ކަންބޮޑުވުން ފާޅުކުރައްވައި، އެމްބީއެސް އިން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ހުރިހާ ފަރުވާއަކަށްހެން ހަރަދުކުރަނީ ދައުލަތުން ކަމަށް ވާއިރު ތެލަސީމިއާ ކުދިން އިތުރުވުމުން ފަރުވާ ދިނުމުގައި ދަތިވާ ކަމަށެވެ.

ތެލެސީމިއާ ދަފްތަރުގައި މިހާތަނަށް 874 ކުދިން ވަނީ ރަޖިސްޓްރީވެފަ އެވެ. އޭގެ ތެރެއިން އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހެއްގެ ފަރުވާއަށް، ދައުލަތުން ކޮންމެ މަހަކު ގާތްގަނޑަކަަށް 12،000ރ. ހަރަދުކުރެ އެވެ.

"ތެލެސީމިއާ ކުދިންގެ އަދަދު އިތުރުވަންޏާ އެ ކުދިންނަށް ބޭނުންވާ ކޮލިޓީ އޮފް ލައިފަށް އެކަށީގެންވާ ވަރަކަށް ހަރަދެއް ނުކުރެވޭ. އެއިން ކޮންމެ ކުއްޖެއްގެ ފަރުވާއަށް ވެސް ވަރަށް ބޮޑު ހަރަދެއް އެބަ ހިނގާ،" އޮފިޝަލް ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިން ތަހައްމަލްކުރާ ވޭނާއެކު މުޖުތަމައުގެ ތެރެއިން ދިމާވާ އެކި ކަންކަމުގެ ސަބަބުން ނަފްސާނީ ބޮޑު ބައްޔަކަށް އެ ކުދިން ވެއްޓިގެންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މިސާލަކަށް، އެ ކުދިން ވެސް ކައިވެނިކުރަން ބޭނުންވާއިރު، ތެލެސީމިއާ ކުއްޖަކަށް ވީތީ ކައިވެނިކުރާން ބޭނުމެއް ނުވޭ. އެ ބޮޑު ވޭން ތަހައްމަލުކުރުމާއެކު ނަފްސާނީ ބޮޑު ބައްޔަކަށް އެ ވެއްޓިގެން ދަނީ،" އޭނާ ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިން ދުނިޔޭގައި އުޅޭނީ އެންމެ ގިނަ ވެގެން ވެސް 14-15 އަހަރު ވަންދެން ކަމަށް 1990ގެ އަހަރުތަކުގައި މުޖުތަމައު ގަބޫލުކުރިޔަސް މިހާރު އެކަން ބަދަލުވެފައިވާކަން ވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ. އޭގެ ސަބަބެއް ކަމަށް ފާހަގަކުރެއްވީ، ތެލެސީމިއާއާ ގުޅޭގޮތުން އާއްމުން ހޭލުންތެރިވެފައި އެކަމަށް ދޭ ސަމާލުކަން އިތުރުވުމެވެ.

ރާއްޖޭގައި މިވަގުތު ހުރި ތެލެސީމިއާ ބަލީގެ އެންމެ ދޮށީ މީހަކީ 38 އަހަރުގެ ފިރިހެނެކެވެ.

ތެލަސީމިއާ ކުދިންނަށް ދޭ ފަރުވާ ހަރުދަނާކޮށް ރަނގަޅުކުރަން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އެ ކުއްޖަކު ހުރި ރަށަކުން ދަގަނޑުގެ ބައި ދަށްކުރަން ބޭނުންވާ ބޭހާއި ފިލްޓަރު ލިބޭނެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ކައިވެނީގެ ކުރިން ތެލަސީމިއާ އަށް ޓެސްޓްކުރަން މިހާރު ލާޒިމްކުރެ އެވެ. އެކަމަކު ތެލަސީމިއާ ދެ ކެރިއަރުން ކައިވެނިކުރުމަށް ހުރަހެއް ނޯވެ އެވެ. ތެލަސީމިއާ ދެ ކެރިއަރުން ކައިވެނިކޮށްގެން ލިބޭ ދަރިފުޅަކީ ތެލަސީމިއާ ބަލީގެ ނުވަތަ ލޭ އަޅާ ކުއްޖަކަށް ވުމުގެ 25 ޕަސެންޓް ޗާންސް އޮވެ އެވެ.