Roadha Mihaaru
ޖޭއެސްސީއަށް ލަފާދޭން ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލައިފި

ޖޭއެސްސީ އަށް ލަފާދޭން ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލައިފި

19 ފެބުރުއަރީ 2024

ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށް، ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށް، ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޯޓުތަކުގެ އިދާރީ ހިންގުމާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަން ބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކޮށްގެން އެކުލަވާލެވޭ ސިޔާސަތުތަކެއް ކަމަށް ހެދުމަށް ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު" އުފައްދަން ހަމަޖައްސާފައިވާ ކަމަށެވެ.

އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ؛

1. އުއްތަމަފަނޑިޔާރު

2. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް

3. ހައި ކޯޓުގެ އިސްފަނޑިޔާރު

4. ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލް ކުރައްވާ ފަނޑިޔާރު

5. ޖޭއެސްސީގައި ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު

6. ޖޭއެސްސީގައި ދަށު ކޯޓުތައް ތަމްސީލު ކުރައްވާ ފަނޑިޔާރު

7. ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަން ކުރައްވާ ފަނޑިޔާރު

8. މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރު

9. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު

ޖޭއެސްސީން ބުނީ ސުޕީރިއާ ކޯޓު އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަރާތުން އެ ބޯޑަށް ބޭފުޅުން އައްޔަންކުރާނީ ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން ކޮންމެ އަހަރަކު އެއް ފަހަރު ބަދަލުވާ ގޮތަށް ކަމަށެވެ.