Roadha Mihaaru
ޑިވެލޮޕްމެންޓް ބޭންކް މިއަހަރު އުފައްދާނަން: ސައީދު

ޑިވެލޮޕްމެންޓް ބޭންކް މިއަހަރު އުފައްދާނަން: ސައީދު

23 ފެބުރުއަރީ 2024

މިއަހަރު ތެރޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމެންޓް ބޭންކެއްގެ ހިދުމަތް ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަހަރު ތެރޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމެންޓް ބޭންކެއްގެ ހިދުމަތް ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެސްޑީއެފްސީ އިން "ފަށާ މަދަދު" ލޯނާއި "ފަށާ މަދަދު ލީޒިން" ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފަންޑިން ހޯދައިދިނުމަށް ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލު "މިހާރު" އަށް ދެއްވަމުން ސައީދު ވިދާޅުވީ، މިވަގުތު ކުރިއަށްދަނީ، ޑިވެލޮޕްމެންޓް ބޭންކް އުފެއްދުމަށް ބޭނުންވާ ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އެ ބޭންކްގައި ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމުން، ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ފަންޑިން ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ސަރުކާރުން ވަނީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއް އުފައްދައިފަ އެވެ. އެ އޮތޯރިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާ އެކު ވެސް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އެ ދާއިރާއިން ފުރުސަތުތައް އިތުރު ކުރުމަށްޓަކައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރުމާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކާ އެ ކަމާބެހޭ ބިލެއް ޑްރާފްޓްކޮށް، އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ފާސްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.