Roadha Mihaaru
އަބްދުﷲ ރަޝީދަށް އިންސާފު ނުލިބި އެތައް ދުވަހެއް!

އަބްދުﷲ ރަޝީދަށް އިންސާފު ނުލިބި ފަސް އަހަރު މަޑުކުރާކަށް ނުޖެހޭނެ: ރައީސް

24 ފެބުރުއަރީ 2024

ހުކުމް ތަންފީޒު ކުރަން މާފުށީ ޖަލަށް ލާފައި ވަނިކޮށް ނިޔާވި އަބްދުﷲ ރަޝީދަށް އިންސާފު ނުލިބި މިދިޔަ ފަސް އަހަރު ނިމި، އަދިވެސް އޭގެ ކޮޅެއް މެދެއް ނޭނގިގެން އޭނާގެ އާއިލާގެ ޝަކުވާ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިމައްޗަށް ރޭ ބަންޑުންކޮށްލައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުކުމް ތަންފީޒު ކުރަން މާފުށީ ޖަލަށް ލާފައި ވަނިކޮށް ނިޔާވި އަބްދުﷲ ރަޝީދަށް އިންސާފު ނުލިބި މިދިޔަ ފަސް އަހަރު ނިމި، އަދިވެސް އޭގެ ކޮޅެއް މެދެއް ނޭނގިގެން އޭނާގެ އާއިލާގެ ޝަކުވާ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިމައްޗަށް ރޭ ބަންޑުންކޮށްލައިފި އެވެ.

އުމުރުން 51 އަހަރުގައި ގ، ކީމާ އަބްދުﷲ ރަޝީދު ޖަލަށް ލީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި އެންމެ ބޮޑު މުޒާހަރާ މޭ 1، 2015 ގެ އެއްވުމުގައި ފުލުހަކަށް ހަމަލާދިނުމުގެ ކުށް ސާބިތުވުމުންނެވެ. އޭނާގެ މައްޗަށް އައީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.

އެކަމަކު އަބްދުﷲ ރަޝީދު ނިޔާވީ ޖަލު ބަލަައްޓާ އިދާރާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ކަމަށް އާއިލާ އިން އެންމެ ކުރިއްސުރެ ވެސް އައީ ބުނަމުންނެވެ. އެ އިދާރާގެ ކަމާ ގުޅޭ މުވައްޒަފުން އަބްދުﷲ ރަޝީދުގެ ފަރުވާ ލަސްކޮށް އެންމެ ފަހުން މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކިއިރު އޮތީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ދެން އެ މައްސަލަ އާއިލާ އިން ވެއްދީ، ކުރީގެ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހަށެވެ.

"އިންސާފު ހޯދަން ދާނީ ކޮންތާކަށް؟"

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒު ރޭ ބޭއްވި އެ މަނިކުފާނުގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އަބްދުﷲ ރަޝީދުގެ އަންހެނުން ވަނީ އެ މައްސަލައިގެ ޝަކުވާ ރައީސާ ހިއްސާ ކޮށްފަ އެވެ.

އެކަނިމާއެކަނި ފަސް ކުދިން ގެންގުޅެމުން އަންނަ ޝެހެނާޒް އަބްދުއްރަހީމް ބުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮފީސް ގާނޫނުގައިވާ ގޮތަށް، އެ ދައުރު ހަމަވުމާ އެކު އުވިގެން ދިޔައިރު އިންސާފު ނުލިބުނު ކަމަށެވެ.

ޝެހެނާޒް ބުނީ، މައްސަލައިގެ ރިޕޯޓު އާއިލާ އަށް ލިބޭ ވަރުވީ، އިންތިގާލީ އިންސާފުގެ އޮފީހަށް ހިނގާތާ ތިން ދުވަސް ފަހުން ކަމަށާއި އޭގައި އޮތީ އަބްދުﷲ ރަޝީދަށް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ. ސަރުކާރުން އާއިލާގެ ފަރާތުން މާފަށް އެދެން ޖެހޭނެ ކަމަށާއި ބަދަލު ވެސް ލިބެން ޖެހޭނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި އޮތް ކަމަށް ޝެހެނާޒް ބުންޏެވެ.

"އެކަމަކު އަޅުގަނޑު ދެން ކޮންތާކަށްތޯ ދާނީ؟ އަޅުގަނޑަކަށް ނޭނގޭ ދެން އަޅުގަނޑު ދާނީ ކޮން ތާކަށް ކަމެއް. އަޅުގަނޑު ރައީސް އޮފީހަށް ވެސް ވާނެ ސިޓީއެއް ލާފައި ރިޕޯޓާ އެކީގައި. އަޅުގަނޑަކީ ފަސް ކުދިން ގޮވައިގެން އެކަނިމާއެކަނި ދިރިއުޅެމުންދާ މީހެއް،" ގިސްލަމުން ޝެހެނާޒް ބުންޏެވެ.

މާޔޫސްވެފައި ހުރި ޝެހެނާޒް ބުނީ، އާއިލާގެ ޒާތީ އެތައް މައުލޫމާތެއް ވެސް ކުރީގެ ސަރުކާރުގައި އިންތިގާލީ އިންސާފުގެ އޮފީހުން ނެގުމަށް ފަހު އިންސާފު ނުލިބުނު ކަމަށެވެ.

"ތިޔައީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް. އެހެންވީމާ އަޅުގަނޑު އާދޭސް ދަންނަވަން މަނިކުފާނުގެ އަރިހުގައި. ކޮން އިރަކުންތޯ؟ އަނެއްކާވެސް ފަސް އަހަރު އަޅުގަނޑުމެން މަޑުކުރަންވީތޯ؟ މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑަށް އިންސާފު ލިބޭނެތޯ،" ސަލްޓަން ޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި ޝެހެނާޒް ރައީސް މުއިއްޒާ ކުރި ސުވާލުގައި ބުންޏެވެ.

ފަސް އަހަރު މަޑުކުރާކަށް ނުޖެހޭނެ: ރައީސް

ޝެހެނާޒްގެ ސުވާލާ ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމްއާ ވަގުތުން މަޝްވަރާ ކުރެއްވުމަށް ފަހު، ރައީސް ރޭ ވިދާޅުވީ އަބްދުﷲ ރަޝީދަށް އިންސާފު ހޯދަން ފަސް އަހަރު މަޑުކުރަން ނުޖެހޭނެ ކަމަށެވެ.

"ނޫން.. ފަސް އަހަރު ވަންދެން [އަބްދުﷲ ރަޝީދަށް އިންސާފު ނުލިބިގެން] މަޑުކުރާކަށް ނުޖެހޭނެ. އަޅުގަނޑު ދެންނެވިން ދެންމެގައި އޯގާތެރި ސަރުކާރެއް ގާއިމުކުރަންށޭ އަޅުގަނޑު އައީ. ރައްޔިތުން އަޅުގަނޑާ [ވެރިކަން] ހަވާލުކުރީ އަޅުގަނޑު އެހެން ދެންނެވީމާ،" ރައީސް ވިދާޅުވި އެވެ.

"ތި ކަމަށް [އަބްދުﷲ ރަޝީދަށް އިންސާފު ހޯދުން] ހައްލު ގެނެސްދޭނަން އިރާދަކުރެއްވިއްޔާ."

ރައީސް މުއިއްޒު އާންމު މީހެއްގެ ސުވާލަކަށް ރޭ ޖަވާބު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް މުއިއްޒު އާންމު މީހެއްގެ ސުވާލަކަށް ރޭ ޖަވާބު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދުމާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުން ގާނޫނު ހަދާފައި އޮތީ އެ ވެރިކަމުގެ ފަހު ދުވަހު އެ ގާނޫނު އުވޭ ގޮތަށެވެ.

"އެހެންވީމާ އެ ދުވަހު އޮފީސް އުވިއްޖެ. ވެރިކަން ބަދަލުވެގެން ވީ ގޮތެއް ނޫން. ގާނޫނު ހަދާފައި އޮތް ގޮތުން. އެހެންވީމާ އެކަމަށް އަޅުގަނޑު ވެސް ހިތާމަކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ހުރިހާ ކޭސްތަކެއް ވެސް ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް ވެސް ބަންޑާރަ ނައިބު އުޝާމްއާ އެ މައްސަލާގައި ބައްދަލުކޮށްފައިވާކަން އުޝާމްއާ ހަވާލާ ދެއްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދު އިންސާފު ލިބެން ޖެހޭނެ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ނިންމުމުގެ ކުރިން ވެސް އޭނާގެ އާއިލާ އިން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހިނގި އެވެ. އެކަމަކު، އެއްވެސް ތަނަކުން އިންސާފެއް ނުލިބުނު ކަމަށް އާއިލާ އިން ބުނެފައި ވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑިސެމްބަރު 17، 2020 ގައި އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ 65 އަހަރުގެ އިންސާފު ހޯދައިދނުމަށެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކުރީ ވެސް އެ މުއްދަތުގައި ސަރުކާރުތަކުން ހިންގި އަނިޔާތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމުމަށެވެ. އެއީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ ހިންގާފައިވާ މައްސަލަތައް ބެލުމަށެވެ.