Roadha Mihaaru
ރޯދައިގެ ކުރިން އާސަހަރާ ބޭނުންކުރަން ފެށޭނެ: މޭޔަރު

ރޯދައިގެ ކުރިން އާސަހަރާ ބޭނުންކުރަން ފެށޭނެ: މޭޔަރު

25 ފެބުރުއަރީ 2024

މަރާމާތު ކުރަމުން އަންނަ އާ ސަހަރާ ރޯދަައިގެން ކުރިން ބޭނުން ކުރަން ފެށޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަރާމާތު ކުރަމުން އަންނަ އާ ސަހަރާ ރޯދަައިގެން ކުރިން ބޭނުން ކުރަން ފެށޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާ ސަހަރާ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެތަނުގައި ހުރި ބާ އިމާރާތް ތަޅާލައި މިސްކިތުގެ ޖާގަ ބޮޑުކޮށް، ލައުންޖަކާއި ހިނަވާގެއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސަހަރާގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާޒިމް "މިހާރު" އަށް ވިދާޅުވީ އެ ތަނުގައި މިހާރު ކުރަމުން އަންނަނީ ސަހަރާގެ ސްޓަރަކްޗާގެ މަސައްކަތް ކަމަށެވެ. ކައުންސިލްގެ ވިސްނުމަކީ ވީހާވެސް އަވަހަކަށް އެކަން ނިންމޭނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަސް ފެށޭނީ މާޗު 11ގަ އެވެ.

އާ ސަހަރާ މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ: މޭޔަރު ވިދާޅުވަނީ ރޯދައިގެ ކުރިން އެ މަސައްކަތް ނިމޭނެ ކަމަށް.

އާ ސަހަރާ މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ: މޭޔަރު ވިދާޅުވަނީ ރޯދައިގެ ކުރިން އެ މަސައްކަތް ނިމޭނެ ކަމަށް.

"ސްޓްރަކްޗާގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުން އެބަ ބުނޭ އަންނަ ހަފްތާގެ ކުރިން ނިންމާލަދޭނެ ކަމަށް. އެއާއެކު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެތެރެއިން އަޅުގަނޑުމެންގެ ޓީމަކާއި އެހެން ޓީމަކާއެކު އަމިއްލައަށް މަސައްކަތް ކޮށް ވެސް ނިންމަން. އެއީ އަވަސް ކުރަން،" އޭނާ ވިދާޅުވި އެވެ.

"ރޯދަ މަހަށް އެތަން ބޭނުން ކުރެވޭ ވަރުވާނެ. އެއްކޮށް މަސައްކަތް ނުނިމުނަސް، ބޭނުން ކުރެވޭ ވަރަށް އަޅުގަނޑުމެންގެ މަސައްކަތް ކޮށްދޭނަން."

އާ ސަހަރާ މަރާމާތުކުރާތީ ޖަނާޒާ އާއި މީހުން ވަޅުލަނީ ވެސް ހުޅުމާލޭގެ އެވެ.

އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އެ މަސައްކަތް 4.9 މިލިއަން ރުފިޔާއަށް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް، އެއް މަސް ދުވަހަށް ހަވާލުކުރި މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުން ކައުންސިލުން އެ އެއްބަސްވުން ބާތިލުކުރީ އެވެ. އެކަމަކު، އޭރު އޮތީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

އެ މަޝްރޫއު މިހާރު ހަވާލުކޮށްފައި ވަނީ ބީސިކްސް އިންވެސްޓްމަންޓަށް 4.6 މިލިއަން ރުފިޔާ އަށެވެ. ހަވާލުކުރުމަށް ފަހު ސްޓަރްކަޗާގެ ކުރެހުންތަކާ އެކު، ގިނަ ބަދަލުތަކެއް ޕްލޭނަށް ގެނެސްފައިވެ އެވެ.

މަޝްރޫއު ބާތިލު ކުރި އިރު، ފުރަތަމަ އޮތް ޕްލޭންގެ 76 ޕަސެންޓް ވަނީ ނިމިފަ އެވެ. އެކަމަކު، ފަހުން ގެނައި ބަދަލުތަކާ އެކު، އޭރު މުޅި މަޝްރޫއުގެ ނިމިފައި ވަނީ އެންމެ 45 ޕަސެންޓު ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.