Roadha Mihaaru
އާސަހަރާ ރޯދައަށް ނިންމަން މަސައްކަތްކުރަނީ

އާސަހަރާ މަރާމާތުކުރުން ރޯދަމަހަށް ނިންމަން މަސައްކަތްކުރަނީ

30 ޖެނުއަރީ 2024

އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ ލައުންޖު، އަންނަ ރޯދަމަހުގެ ނިޔަލަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާ ސަހަރާ އަށް ޖަނާޒާ އަށް ދާ މީހުން މަޑުކުރުމަށް ހަދާ ލައުންޖު، އަންނަ ރޯދަމަހުގެ ނިޔަލަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ތަރުޖަމާން އާމިނަތު ޝަތުފާ ވިދާޅުވީ އާ ސަހަރާގެ މަސައްކަތް އަވަސްކުރުމަށް މާލޭގެ އާ މޭޔަރު އާދަމް އާޒިމް، އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާ ވަރަށް ފަހުން ބައްދަލުކުރެއްވި ކަމަށެވެ. އެ ތަނުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، މި އަންނަ ރޯދަމަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަސް ފެށޭނީ މާޗު 11 އިގަ އެވެ.

އާ ސަރަހަރާ އަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ 4.9 މިލިއަން ރުފިޔާ އަށެވެ.

ނަމަވެސް، އެއް މަސް ދުވަހަށް ހަވާލުކުރި މަސައްކަތް ނުނިމި ދިގުލައިގެން ދާން ފެށުމުން ކައުންސިލުން އެ އެއްބަސްވުން ބާތިލުކުރީ އެވެ. އެކަމަކު، އޭރު އޮތީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

އެ މަޝްރޫއު މިހާރު ހަވާލުކޮށްފައި ވަނީ ބީސިކްސް އިންވެސްޓްމަންޓްއަށް، 4.6 މިލިއަން ރުފިޔާ އަށެވެ.

ކައުންސިލުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމުގައި، އެ އިދާރާގެ މުވައްޒަފަކު ވިދާޅުވެފައި ވަނީ އެއްބަސްވުން ބާތިލްކުރި އިރު ޕީއެންޕީ މޯލްޑިވްސް އަށް ދޫކުރީ 15 ޕަސެންޓް އެޑްވާންސް ފައިސާއާ އެކު، މަސައްކަތަށް ދޫކުރީ 2.6 މިލިއަން ރުފިޔާ އަށް ކަމަށެވެ. އެއީ މުޅި ޕްރޮޖެކްޓުގެ 53 ޕަސެންޓް ފައިސާ އެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް ފަހު ސްޓަރްކަޗަރަލް ކުރެހުންތަކާ އެކު، ގިނަ ބަދަލުތަކެއް ޕްލޭނަށް ގެނެސްފައިވެ އެވެ. މަޝްރޫއު ބާތިލު ކުރި އިރު، ފުރަތަމަ އޮތް ޕްލޭންގެ 76 ޕަސެންޓް ނިމިފައިވެ އެވެ. އެކަމަކު، ފަހުން ގެނައި ބަދަލުތަކާ އެކު، އޭރު މުޅި މަޝްރޫއުގެ ނިމިފައި ވަނީ އެންމެ 45 ޕަސެންޓު ކަމަށް އެ މުވައްޒަފު ވިދާޅުވި އެވެ.

އާ ސަހަރާ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އެތަނުގައި ހުރި ބާ އިމާރާތް ތަޅާލައި މިސްކިތުގެ ޖާގަ ބޮޑުކޮށް، ލައުންޖަކާއި ހިނަވާގެއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.