Roadha Mihaaru
ސާފުބޯޑު އުފުލުމުގެ ފީ ރައީސް ވިދާޅުވިގޮތަށް ކުޑަކޮށްފި

ސާފު ބޯޑު އުފުލުމަށް މޯލްޑިވިއަން އިން ނަގާ ފީ ރައީސް ވިދާޅުވި ގޮތަށް ކުޑަކޮށްދީފި

25 ފެބުރުއަރީ 2024

ރާޅާ އެޅުމަށް ބޭނުންކުރާ ކަނދު ނުވަތަ ސާފު ބޯޑު މޯލްޑިވިއަން އެއާލައިނަށް އެރުވުމަށް ނަގާ ފީ ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވައުދުވެވަޑައިގެންނެވި ގޮތަށް އޭގެ ފީ އެ އެއާލައިނުން ކުޑަކޮށްދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާޅާ އެޅުމަށް ބޭނުންކުރާ ކަނދު ނުވަތަ ސާފު ބޯޑު މޯލްޑިވިއަން އެއާލައިނަށް އެރުވުމަށް ނަގާ ފީ ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވައުދުވެވަޑައިގެންނެވި ގޮތަށް އޭގެ ފީ އެ އެއާލައިނުން ކުޑަކޮށްދީފި އެވެ.

ސާފިން ބޯޑު ގެނައުމަށް ނަގާ ފީ ކުޑަކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދުނީ "ރައީސްގެ ޖަވާބު" ސިިލްސިލާގައި ގދ. ގައްދޫ، އަހުމަދު ރަޝީދެވެ.

މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ގދ. ގައްދު އަށް ކުރެއްވި ދަތުރުފުޅުގައި އަހުމަދު ރަޝީދުގެ ކަންބޮޑުވުމަކީ، ރާޅާ އެޅުމަކީ ލޯކަލް ޓޫރިޒަމުގެ ތެރެއިން ކުރަމުން އަންނަ ކަމަކަށް ވިޔަސް ސާފު ބޯޑު އުފުލުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބޮޑު ފީއެއް ނަގާ މައްސަލަ އެވެ. އެހެންވެ، އޭގެ ދަތިތައް ކުރިމަތިވާ ކަމަށް އޭނާގެ ސުވާލުގައި ފާހަގަކުރި އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ސާފު ބޯޑު އުފުލުމަށް މޯލްޑިވިއަން އެއާލައިނުން ނަގާ ފީ ބޮޑުކަމަށް އެ މަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެންވެ، އެކަމުގެ މަޝްވަރާކުރައްވައި ވީހާ ވެސް ލުއި ގޮތެއް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

އޭގެ ހަތަރު ދުވަސް ފަހުން އެ އެއާލައިނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސާފު ބޯޑު އުފުލުމަށް ނަގާ ފީ މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. އޭގައިވާ ގޮތުން އެންމެ ބޮޑު ސައިޒުގެ ގޮތުގައި ހިމެނޭ 86 އިންޗި އަދި ފުޅާމިނުގައި 24 އިންޗި އާއި އުސްމިނުގައި 6-10 އިންޗި ހުންނަ ސާފު ބޯޑުން ނަގާ ފީގެ އަގުން ވަނީ 33 ޕަސެންޓަށް ދަށްކޮށްފަ އެވެ.

އަދި ކުޑަ ސާފު ބޯޑުގެ ގޮތުގައި ބަލާ، ދިގު މިނުގައި 86 އިންޗި އާއި ފުޅާމިނުގައި 24 އިންޗި އަދި އުސްމިނުގައި ފަސް އިންޗިއަށް އަށް ވުރެ ކުޑަ ސާފު ބޯޑުން ނަގާ ފީ 66 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

'ރައީސްގެ ޖަވާބު' އަކީ ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވާ ޕްރޮގްރާމެކެވެ. ރައީސް އޮފީހުގެ އެ ޕްރޮގްރާމު، ކޮންމެ ދުވަހަކު ވެސް ހިންގަ އެވެ. މިހާރު ވަނީ ރައްޔިތުން ބޭނުންވާ ހިޔާލާއި ޝަކުވާ އަދި ސުވާލުތައް ސީދާ ރައީސަށް ހުށަހެޅޭ ހާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" ގެ ނަމުގައި ވެސް އިފުތިތާހުކޮށްފަ އެވެ.