Roadha Mihaaru
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ

އެއާ އެމްބިއުލާންސްގެ ހިދުމަތް ދެ މަތިންދާބޯޓާ އެކު ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެ

28 ފެބުރުއަރީ 2024

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

އިފްރާޒް އަލީ ނ. މަނަދޫން އިފްރާޒް އަލީ

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ރައީސް ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ނޭޝަނަލް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާބޯޓެއް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ.

"އޭރުން އޮންނާނީ ފުލްޓައިމްކޮށް މޯލްޑިވިއަން އިން އޮޕަރޭޓްކުރާ އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް. ކޮންމެ ތަނަކުން، ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ބަލި މީހުން ކުއްލި ހާލަތުގައި އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ ބޯޓެއް،" ރައީސް ވިދާޅުވި އެވެ.

"ލަންކާއާ ހިސާބަށް ދާން ވިޔަސް ގެންދެވޭނެ. އަދި އެ ތަނަށް މަޑުކޮށްފައި ތެޔޮ އަޅައިގެން އަދި އެ އަށް ވުރެ ދުރަށް ވެސް ދެވޭނެ."

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވިދާޅުވީ، ޑޭޝް 8 މަރުކާގެ މަތިންދާބޯޓުގެ އިތުރުން ސީޕްލޭން މަތިންދާބޯޓެއް ވެސް އެއާ އެބްލިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ ކަމަށެވެ.

"ސީޕްލޭން ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި އޮޕަރޭޓް ކުރާނީ. އެކަމަކު ސީޕްލޭންގެ އެޑްވާންޓޭޖަކީ ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކޮށްލެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ދެ ބޯޓު އޮޕަރޭޝަނަށް އައުމާ އެކު ދިވެހި ސަރުކާރުން އަމިއްލަ އަށް މެޑިކަލް އިވެކުއޭޝަންތައް ހެދުމުގެ ގާބިލުކުން ހޯދުނީ އެވެ. މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.

މި ހިދުމަތް ފަށަން ތައްޔާރުވިކަން ރައީސް މުއިއްޒު މިރޭ އިއުލާންކުރެއްވި އިރު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވަނީ ވެލާނާ އެއާޕޯޓަށް ވަޑައިގެން، އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފަ އެވެ.

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެ އިން ބޭރަށް ބަލި މީހުން ވީހާ ވެސް އަވަހަށް ފޮނުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްރީ ލަންކާ އަށް އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމުގެ ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމް ވެސް ވަނީ މިދިޔަ މަހު ސަރުކާރުން ހަމަޖައްސައިފަ އެވެ.

ދިވެހިންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އަދި އެ މަނިކުފާނުގެ ވައުދެވެ.

ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ސަރަހައްދީ ގައުމުތަކުގެ އިތުރުން ޔޫއޭއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސްފަރުވާގެ އިންތިޒާމު ވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެ ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލުމުގެ އަަވަސް އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.