Roadha Mihaaru
އެވަޓަންގެ އަދަބު ލުއިކޮށް 4 ޕޮއިންޓް އަނބުރާ ދީފި

އެވަޓަން އަތުން އުނިކުރި 10 ޕޮއިންޓުގެ ތެރެއިން ހަތަރު ޕޮއިންޓް އިސްތިއުނާފުން ހޯދައި ދީފި

27 ފެބުރުއަރީ 2024

ލިވަޕޫލް (ފެބްރުއަރީ 27) – ޕްރިމިއާ ލީގުގެ ދެމެހެއްޓެނިވި އުސޫލާއި ފައިދާގެ އުސޫލު (ޕީއެސްއާރް) މުގުރާލުމުގެ ތުހުމަތުގައި އެވަޓަން އަތުން އުނިކުރި 10 ޕޮއިންޓްގެ މައްސަލަ އިސްތިއުނާފު ކުރުމުން، ލީގުގެ މިނިވަން ކޮމިޓީން އަދަބު ލުއިކޮށް ހަތަރު ޕޮއިންޓް އަނބުރާ ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލިވަޕޫލް (ފެބްރުއަރީ 27) – ޕްރިމިއާ ލީގުގެ ދެމެހެއްޓެނިވި އުސޫލާއި ފައިދާގެ އުސޫލު (ޕީއެސްއާރް) މުގުރާލުމުގެ ތުހުމަތުގައި އެވަޓަން އަތުން އުނިކުރި 10 ޕޮއިންޓްގެ މައްސަލަ އިސްތިއުނާފު ކުރުމުން، ލީގުގެ މިނިވަން ކޮމިޓީން އަދަބު ލުއިކޮށް ހަތަރު ޕޮއިންޓް އަނބުރާ ދީފި އެވެ.

ޕީއެސްއާރްގެ އުސޫލުތައް 2021 ގައި މުގުރާލިކަން ފާހަގަ ކުރެވޭތީ، އެވަޓަންގެ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

މައްސަލަ ބަލައި ނިމި، ނޮވެމްބަރު މަހު ޕްރިމިއާ ލީގުން ނިންމީ އެ ކްލަބްގެ އަތުން 10 ޕޮއިންޓް އުނި ކުރުމަށެވެ.

އޭގެ ދެ ހަފުތާ ފަހުން ނުވަ ކަމެއް ފާހަގަ ކުރުމަށް ފަހު އެވަޓަންއިން އިސްތިއުނާފަށް އެވަޓަންއިން ހުށަހެޅީ 10 ޕޮއިންޓް އެއްކޮށް އަނބުރާ ދިނުމަށެވެ. އެކަމަކު މިނިވަން ކޮމިޓީން ވަނީ އޭގެ ތެރެއިން ދެކަމެއް ފިޔަވައި އަނެއް ހަތް މައްސަލަ އުވާލައިފަ އެވެ. އޭގެ ސަބަބުން ހަތަރު ޕޮއިންޓް އުނިވި ކަމަށް ނިންމި އެވެ.

އިސްތިއުނާފުގައި ކާމިޔާބު ނުވި ދެ މައްސަލައިގައި ހަ ޕޮއިންޓް އުނި ކުރަން ޖެހޭ ކަމަށް ވެސް ކޮމިޓީން ނިންމި އެވެ.

ހަތަރު ޕޮއިންޓް އަނބުރާ ލިބުމުން، އެވަޓަން އަށް ހަމަ ނޭވާއެއް ލެވޭނެ އެވެ. ކުރިން ރެލިގޭޓް ވެދާނެ ކަމުގެ ބިރު ކުރިމަތިވެފައި އޮތް ޓީމު ވަނީ 25 ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައަށް މިހާރު ޖެހިލައިފަ އެވެ.

އެ ޓީމާ ދެކޮޅަށް ފިޔަވަޅު އެޅުމުން އެވަޓަންއިން އެކަން ސިފަ ކުރީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ނިންމި އެންމެ ބޭއިންސާފުވެރި ނިންމުމުގެ ގޮތުގަ އެވެ.

އޭގެ ފަހުން އަމިއްލަ ދަނޑު، ގޫޑިސަން ޕާކުގައި ކުޅޭ ކޮންމެ މެޗެއްގައި އެވަޓަންގެ ސަޕޯޓަރުން، ޕްރިމިއާ ލީގުގެ ވެރިންނަށް މަލާމާތްކޮށް ޖޯކް ޖަހަ އެވެ.

ޕްރިމިއާ ލީގުގެ ޕީއެސްއާރު އުސޫލަކީ ވަކި މުއްދަތެއްގެ ތެރޭގައި ކްލަބްތަކުން އިތުރު ފައިސާއެއް އެކައުންޓަށް ނުވައްދައި ވަކި އަދަދެއްގެ ހަރަދުކުރުމަށް ކަނޑައަޅާފައިވާ އޫސޫލެވެ. އިތުރު އާމުދަނީއެއް ނުވައްދައި ކޮންމެ ސީޒަނެއްގައި 35 މިލިއަން ޑޮލަރަށް ވުރެ ގިނަ ނޫން އަދަދެއް ކޮންމެ ކްލަބަކަށް ހޭދަ ކުރެވޭނެ އެވެ. އެއަށް ވުރެ އިތުރަށް ހަރަދު ކުރެވޭނީ ލިބޭ އާމުދަނީއަކަށް ބެލުމަށް ފަހު އެވެ. އާމުދަނީއާ ނުބައްދަލު ހަރަދުކޮށްފިނަމަ އެ ކްލަބަކުން ޕީއެސްއާރް އުސޫލާ ހިލާފުވިކަމަށް ބަލައި ފިޔަވަޅު އަޅާނެ އެވެ.