Roadha Mihaaru
ރާއްޖޭގެ ޓްރޭޑް ވަފްދު އެމެރިކާއަށް ދަނީ ޖުލައި މަހު

ރާއްޖޭގެ ޓްރޭޑް ވަފުދު އެމެރިކާއަށް ވަޑައިގަންނަވަނީ ޖުލައި މަހު

27 ފެބުރުއަރީ 2024

ރާއްޖޭގެ ޓްރޭޑް ޑެލިގޭޝަނެއް އަންނަ ޖުލައި މަހު އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ށ. މިލަންދޫން އިފްރާޒް އަލީ

ރާއްޖޭގެ ޓްރޭޑް ޑެލިގޭޝަނެއް އަންނަ ޖުލައި މަހު އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ބަނގުރޫޓުވުމުގެ މަގުމަތީގައި އޮތް ރާއްޖޭގެ އިގުތިސާދު ހަމަ މަގަށް އަޅުވަން ރައީސްގެ ލަފާފުޅުގެ މަތިން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި އޭގެ ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖުލައި 10 ވަނަ ދުވަހު ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް، އަޅުގަނޑު މައުލޫމާތު ކުށް ކަމަށް ނުވަންޏާ، ޓްރޭޑް ޑެލިގޭޝަނެއް އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން އަށް ދާނެ. އެކަން ރައީސުލްޖުމްހޫރިއްޔާ އަށްޓަކައި އެމެރިކާގެ ސަރުކާރުން ވަނީ ފަހިކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. މިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. މިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ހަމައެއާ އެކު، އަންނަ މެއި މަހުގެ 15 ވަނަ ދުވަހު އިނގެރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ވެސް ރާއްޖެއިން ޓްރޭޑް ޑެލިގޭޝަނެއް ވަޑައިގެންނަވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، މި ދަތުރުތަކުގައި ރާއްޖެއިން މާލީ ކަންކަމުގައި ދެން މިސްރާބު ބައްޓަންކުރާނެ ޒަމާނީ ހައްލު ހޯދުމަށް މާލީ ކަންކަމުގައި އެންމެ ކުރިއަރާފައިވާ މާލީ ނިޒާމްތަކާ މަޝްވަރާކުރާނެ އެވެ.

ރައީސްގެ ވެރިކަމުގެ ކުރީކޮޅުގައި ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދުތައް ހުރި ބައެއް ގައުމުތަކަށް ވަޑައިގެން، ރާއްޖެއަށް މިހާރު ވެސް ގިނަ ފުރުސަތުތަކެއް އެމަނިކުފާނު ހޯއްދަވައިދެއްވާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. މިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. މިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ސައީދު ވިދާޅުވީ ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެން 11 އެއްބަސްވުމެއްގައި ސޮއިކުރެއްވި އިރު، އެ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިމްޕޯޓަށް ބަރޯސާނުވެ ކާބޯތަކެތި އުފެއްދޭނެ ޒަމާނީ ޓެކްނޮލޮޖީ އާއި އާލާތްތަކާއި ފައިސާ ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އަަދި އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވި ފަހުން ރާއްޖެ އަންނަ އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވެ މާކެޓް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރާއްޖެއަށް ކާޑު އެތެރެކުރަން އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަން ވެސް ސައީދު ފާހަގަކުރެއްވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، ތުރުކީން ގެންނަ ކާޑުގެ ފުރަތަމަ ޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެއަށް ގެންނާނެ އެވެ. ކާޑު ޝިޕްމަންޓާ އެކު ބޯޓު މިހާރު ވަނީ އެކޮޅުން ފުރައިފަ އެވެ.