Roadha Mihaaru
ރާއްޖޭގެ މިނިވަންކަން ޔަގީންވާ ވަރު ކުރާނަން: ރައީސް

ރާއްޖޭގެ މިނިވަންކަން ޔަގީންވާ ވަރު ކުރާނަން، އެއީ އެންމެ ބޮޑު ޒިންމާ: ރައީސް

02 މާޗް 2024

ރާއްޖޭގެ ހަގީގީ މިނިވަންކަން މި ވަގުތު ގާއިމްވެފައި ނެތް ކަމަށާއި އެންމެ އިސްކަމެއް ދީގެން މި ސަރުކާރުން ކުރާނެ ކަމަކީ ރާއްޖޭގެ ހަގީގީ މިނިވަންކަން ޔަގީން ކުރެވޭ ވަރު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ރ. މީދޫ އިން ނާޒިމް ހަސަން

ރާއްޖޭގެ ހަގީގީ މިނިވަންކަން މި ވަގުތު ގާއިމްވެފައި ނެތް ކަމަށާއި އެންމެ އިސްކަމެއް ދީގެން މި ސަރުކާރުން ކުރާނެ ކަމަކީ ރާއްޖޭގެ ހަގީގީ މިނިވަންކަން ޔަގީން ކުރެވޭ ވަރު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ކަނޑުގެ ސަރަހައްދަށް ހަގީގީ އަމިއްލަ ބާރެއް ނެތް ކަމަށާއި އެ ތަންތަން ރާއްޖެއަށް ނުބެލެހެއްޓޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އިގުތިސޯދު ފުޅާ ކުރެވެން އޮތް ބިޔަ ބޮޑު ސަރަހައްދެއް އެއީ. އެއީ އަޅުގަނޑުމެންގެ ގައުމުގެ ބައެއް. މިއަދާ ހަމައަށް ކަނޑުގެ ބޮޑު ބައި ނުބެލެހެއްޓޭ. އެއީ އަޅުގަނޑުމެންގެ ކެޕޭސިޓީ ޒަމާނުންސުރެ އޮތް ވަރު. އެހެންވީމަ މި ބޮޑު ސަރަަހައްދަށް އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިޔަސް އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. ކޮންމެ ފަދަ ނުރައްކަލެއް އަޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯވޭ އެހެން ބަޔެއްގެ އެހީތެރިކަން ހޯދައިގެން ނޫނިއްޔާ ވާނެ އެއްވެސް ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

"ހަގީގީ އަމިއްލަ ފައި މައްޗަށް ތެދުވުމެއް އިހްސާސް ކުރެވިފައެއް ނެތް މިވީހާ ތަނަކަށް. ހަގީގީ މިނިވަން ކަމެއް ނެތް."

ރައީސް ވިދާޅުވީ މި މަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެއްޓުމުގެ ނިޒާމް ހަމަޖެހި، އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"އޭރަށް އަޅުގަނޑުމެންނަށް އެ އިހްސާސްވެގެން ދަނީ އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންނަށް އަމިއްލަ އަށް އެބަ ބެލެހެއްޓޭކަން، އޭރަށް އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން މިނިވަންކަން އިހްސާސްވެގެން ދާނީ،" މީދޫ ސްކޫލްގައި އޮތް ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ޔަގީން ކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމަށާއި އެ ވައުދު ފުއްދުމަށްޓަކައި ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތަކީ މުހިންމު ކަމެއް ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ބޭރު ދަރަނި އޮތީ ވަރަށް ބޮޑަށް އެއް ގައުމަކަށް ބަރޯސާވާ ގޮތަށް ބައްޓަން ކޮށްފައި ކަމަށާއި އެހެންކަމުން، އެ ދަރަނިތައް ދައްކައި ރާއްޖޭގެ އިގްތިސޯދީ މިނިވަންކަން އަލުން ހޯދުމަށް ވެސް އިސްކަން ދެއްވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ މީދޫ ގައި ވާހަކަފުޅު ދައްކަވަނީ: ރާއްޖޭގެ މިނިވަންކަން ޔަގީން ކުރުމަކީ އެންމެ ބޮޑު ޒިންމާ ކަމަށް ވިދާޅުވި

ރައީސް މިރޭ މީދޫ ގައި ވާހަކަފުޅު ދައްކަވަނީ: ރާއްޖޭގެ މިނިވަންކަން ޔަގީން ކުރުމަކީ އެންމެ ބޮޑު ޒިންމާ ކަމަށް ވިދާޅުވި

"އަޅުގަނޑުމެންގެ މިނިވަންކަން ޔަގީންވާ ވަރު ކުރާނަން. އެކަން ކުރުމަކީ އެންމެ ބޮޑު ޒިންމާ،" ރައީސް ވިދާޅުވި އެވެ.

ކުންފުނިތަކުގެ އިސްރާފު ހުއްޓުވައިފިން: ރައީސް

މީދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރު ހުރިހާ ގޮތަކުން ވެސް ރާއްޖޭގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ވައްޓާލާފައި ކަމަށެވެ. ސަރުކާރު ކުންފުނިތައް ވެސް އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރަމުންދާ ކަމަށާއި ކުންފުނިތަކުން ކުރާ އިސްރާފު މިހާރު ހުއްޓުވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޖުމްލަ ގޮތެއްގައި މިހާރު ކުންފުނިތަކުގައި އިސްރާފެއް ނުހިނގާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުންފުނިތަކުން އަމިއްލަ މީހުންނާއި ކުންފުނިތަކަށް ދޭން ޖެހޭނެ ވަރަށް ގިނަ ފައިސާ، ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް ކަމަށާއި އެ ދަރަނިތައް ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ރަށުގައި ހިނގާ ބައެއް މަޝްރޫއުތައް ހިނގާ ކުންފުނިތަކަށް ވެސް ފައިސާ ނުދީ ހުރުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެހެންވެ މަޝްރޫއުތައް އަވަސް ކުރުމަށް އެ ފައިސާ ކުންފުނިތަކަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މިދިޔަ ސަރުކާރުން މި އަހަރުގެ ބަޖެޓް ފާސްކުރީ ހިނގަމުންދާ މަޝްރޫއުތަކާއި ފަށަން ތާވަލުކޮށްފައި ހުރި މަޝްރޫއުތައް ވެސް ފެށޭ ވަރަށް ވުރެ މަދުން ފައިސާ ބަޖެޓްގައި ޖަހައިގެން ކަމަށާއި އެއީ މި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ދަތި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް، އިތުރު ގޮތްތައް ހޯދައިގެންނާއި އާމްދަނީ އިތުރު ކުރާނެ ގޮތްތައް ހޯދައިގެން މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ މީދޫގެ ޖަލްސާއަށް ވަޑައިގަންނަވަނީ: ރާއްޖޭގެ މިނިވަންކަން ޔަގީން ކުރުމަކީ އެންމެ ބޮޑު ޒިންމާ ކަމަށް ވިދާޅުވި

ރައީސް މިރޭ މީދޫގެ ޖަލްސާއަށް ވަޑައިގަންނަވަނީ: ރާއްޖޭގެ މިނިވަންކަން ޔަގީން ކުރުމަކީ އެންމެ ބޮޑު ޒިންމާ ކަމަށް ވިދާޅުވި

ރައީސް ވިދާޅުވީ ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވާއިރު، މިދިޔަ 100 ދުވަސް މަޖިލީހުން އަމަލު ކުރި ގޮތް ރައްޔިތުން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. ރައްޔިތުން ހޮވި ސަރުކާރަކުން ރައްޔިތުން އެދޭ ކަންކަން ހާސިލް ކުރުމަށް ހުރިހާ ހުރަހެއް އެޅި ކަމަށާއި އެއީ ރައްޔިތުން ގަބޫލުކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

މީދޫ އަށް ރައީސް ދެއްވި ޔަގީން ކަން

ރައީސް ވަނީ މީދޫ އަށް އެމަނިކުފާނު ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން މިރޭ ދެއްވައިފަ އެވެ.

- ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކުން (8-10 ހެކްޓަރު)

- ހޮސްޕިޓަލް އެޅުން

- ބަނދަރު އިތުރަށް ބޮޑުކޮށް ތަރައްގީ ކުރުން

- ސްޕޯޓްސް ކޮމްޕްލެކްސް

- މަގުތައް ހެދުން

- އިސްލާމީ މަރުކަޒެއް

- ފަޅު ރަށް، ތަވަތާ މީދޫއަށް ދިނުން

ރައީސް ވިދާޅުވީ އެމަނިކުފާނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދި އެމަނިކުފާނު މަސައްކަތް ކުރައްވާނީ ވެސް ރައްޔިތުންގެ މުއްސަނދިކަން އިތުރު ކުރުމަށް ކަމަށެވެ. އެއީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެން ލިބޭ މުއްސަނދިކަމާއި ގެދޮރުވެރިކަމުގެ ސަބަބުން ލިބޭ މުއްސަނދިކަމާއި އިޖުތިމާއީ ގޮތުން ހިތަށް ލިބޭ މުއްސަނދިކަމާއި ދިރިއުޅުން ފަހިވެގެން ލިބޭ އުފާވެރިކަމުގެ މުއްސަނދިކަން ކަމަށް ރައީސް ވިދާޅުވި އެވެ.