Roadha Mihaaru
ނުހައްގުން ފަންސާހަކަށް ބިން ދީފައި އެބަހުރި: ފަޒުލް

ހުޅުމާލެ އިން ނުހައްގުން ފަންސާހަކަށް ބިން ދީފައި އެބަހުރި: ފަޒުލް

04 މާޗް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ފަންސާހަކަށް ބިން ނުހައްގުން ދޫކޮށްފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ފަންސާހަކަށް ބިން ނުހައްގުން ދޫކޮށްފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ، ހުޅުމާލެ އިން ދޫކުރި ބިންތަކުގެ ތެރެއިން 100-300 އެއްހާ އަދަދެއްގެ ބިން ގެއްލިގެން އުޅޭ ވާހަކަ ބައެއް ނޫސްތަކުގެ ސުރުހީތަކުން ފެނިވަޑައިގެންނެވި ކަމަށާއި އެހެންވެ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ހުޅުމާލެ އިން ދޫކުރި ބިންތަކަށްވީ ގޮތެއް ބެއްލުން ކަމަށެވެ.

ފަޒުލް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ވަނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 އަދި ހުޅުމާލެ 3 ގެ އިތުރުން ނުހިއްކައި އޮތް ބިމުން ވެސް 50 ވަރަކަށް ބިން އެކި ފަރާތްތަކަށް ދީ ނިންމާފައި ކަމަށެވެ. ވިޔަފާރި އުސޫލުންނާއި ނުހައްގުން ދީފައިވާ އެ ބިންތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"ހުޅުމާލޭގެ އެކަކާއި ދެޔަކާއި އަދި ނުހިއްކާ އޮތް ތަނުން ގާތްގަނޑަކަށް 50 އަކަށް ބިން މި އޮތީ އެކި މީހުންނަށް ހަލާސް ކޮށްލާފައި. [އެޗްޑީސީގެ އެމްޑީގެ މަގާމާ] ހަވާލުވީއިރުގައި ވިޔަފާރީގެ އުސޫލުންނާއި އަދި ނުހައްގުން ދީފައި ހުރި. މިއަދު ވެސް އެބަހުރި. މި ވާހަކަ ދައްކަން އެބަޖެހޭ،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނުހައްގުން ބިން ދޫކުރީ ކޮން ބަޔަކަށްތޯ ބަލައި އެ މީހުންގެ މައުލޫމާތު ވެސް އާންމުކުރައްވާނެ ކަމަށެވެ.

"މި ވާހަކަ ރައްޔިތުންނާ ހަމައަށް ނުގެނެސް އަޅުގަނޑުމެންނަށް ނެތް ކުރިއަކަށް ދެވޭކަށް. އެހެންވީމާ ކުރިއަށް އޮތް ތަނުގައި އެއީ ކޮން ފަރާތްތަކެއް ކަމަށް ވަންޏާ އެ ފަރާތްތަކުގެ މައުލޫމާތު ވެސް ހާމަކުރާނަން،" ރޭގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

މާލެ މީހުންނަށް ހުޅުމާލެއިން ބިން ދޫކުރާ ސަރަހަައްު.- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މާލެ މީހުންނަށް ހުޅުމާލެއިން ބިން ދޫކުރާ ސަރަހަައްު.- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ޕްލޮޓްތައް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް އިއްޔެ ވަޑައިގެންނެވިކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ، އެ ޕްލޮޓްތައް ގޮސް އަރަނީ "ޖެހިގެން ހުރި ފަރުބަދަ" އަށް ކަމަށެވެ. އެހެންވެ، ފަޒުލް ވަނީ އޭނާ އެ ތަނުން ބިން ދެނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.

"ހިލަފަރުބަދަ ނޫނިއްޔާ ވެލި ފަރުބަދައަށް މި ބިންތައް މި އޮތް އަރަނީ. ދެން އަޅުގަނޑު ކައިރީގައި ނޫހަކުން ގުޅާފައި މި އަހަނީ ކީއްވެގެންތޯ ނުދެވިގެން އުޅެނީ،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބިންތައް ހަވާލު ކުރެވެން އޮތީ ފުންޏަކަށް ޖަހާފައިވާ ވެލިތަކާއި ހިލަތައް ނަގައި، ހުސްކޮށްގެންނެވެ. އެކަން ވެސް ކޮށްދެއްވާނެ ކަަމަށް ފަޒުލް ވިދާޅުވި އެވެ.

ފަޒުލް އެ ގޮތަށް ވިދާޅުވިއިރު ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތި ދޫކުރި ކަމުގެ ޝަކުވާ ލިބިގެން، އެ މައްސަލަ އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު އެ މައްސަލައިގެ ތަފުސީލެއް އޭސީސީން އަދި ހާމައެއް ނުކުރެ އެވެ.

ފަޒުލް ވަނީ އެޗްޑީސީގެ ބެލުމުގެ ދަށުން ހިންގާ ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބުނެ ދެއްކެވޭ ވާހަކަތަކަށް ވެސް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށާއި އެކަމަކު މި ވަގުތުގެ ހާލަތު އޮތް ގޮތުން އެ މަސައްކަތްތައް ރާވާލާފައިވާ ގޮތަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ފަޒުލް ވިދާޅުވި ގޮތުގައި ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު އެއްކޮށް ނިންމިފައިވާއިރު، ދެން އޮންނާނީ ހުޅުމާލެ 3 ގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދީގެން ކުރުމެވެ. އެ ތަންތަނުން ބިން ލިބުނު މީހުންނަށް ބިން ހިއްކައިގެން މި ސަރުކާރުން ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގައި ގޯއްޗަށް ކުރިމަތިލެވެނީ މާލޭ މީހުންނާއި މާލޭގައި އުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް އެކަންޏެވެ. އެ ސްކީމުގެ ދަށުން ހުޅުމާލެ އިން 1،000 ގޯތި ދޫކުރަން ނިންމި އެވެ.