Roadha Mihaaru
ވާނުވާގައި ތިބި މީހުން ކޭސްތައް ރިވިއުކޮށް، ދޫކޮށްލަނީ

ވާނުވާ ބަންދުގައި ތިބި މީހުންގެ ކޭސްތައް ރިވިއުކޮށް، ދޫކޮށްލަނީ

05 މާޗް 2024

ޝަރީއަތުން ވަކި ގޮތެއް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ނުވަތަ "ވާނުވާ" ބަންދު މީހުންގެ ކޭސްތައް މުރާޖައާކޮށް، ދޫކޮށްލެވޭ ވަރުގެ މީހުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް ހޯމް ލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޝަރީއަތުން ވަކި ގޮތެއް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ނުވަތަ "ވާނުވާ" ބަންދު މީހުންގެ ކޭސްތައް މުރާޖައާކޮށް، ދޫކޮށްލެވޭ ވަރުގެ މީހުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް ހޯމް ލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި ހުރިހާ މީހުންގެ މައްސަލަތައް ބެލުމަށް ފަހު، އޭގެ ތެރެއިން އެއްވެސް މީހަކަށް ލުޔެއް ދެވިދާނެތޯ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވާނުވާ ބަންދުގައި ތިބީ ބޮޑެތި މާރަމާރީތަކާއި ޓެރަރިޒަމްގެ ކުށަށް ތުހުމަތު ކުރެވޭ މީހުންނާއި ކުޑަކުދިންނަށް ހާއްސަކޮށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި ހައްޔަރު ކޮށްފައި ތިބި މީހުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޯޓު އަމުރުގެ ދަށުން އެ މީހުން ބަންދުގައި ބައިތިއްބާފައިވަނީ މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"އެ މީހުންނަކީ ފުލުހުންގެ އެދުމުގެ މަތިން، ޝަރީއަތުން އަމުރު ކޮށްގެން އެގޮތަށް ރިމާންޑު ކޮށްގެން ބޭތިއްބިފައި ތިބި މީހުން. ނަމަވެސް ރައީސްގެ ހާއްސަ އެންގެވުމާ އެކު، އަޅުގަނޑުމެން މި ދަނީ ރިވިއު ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގައި މިހާރު ތިބި މީހުންނަށް އެއްވެސް ލުޔެެއް ދެވޭނެ ގޮތް ވެއްޖެ ނަމަ މުޖުތަމައަށް ގެއްލުން ނުވާ ގޮތަށް އެކަން ކުރެވޭ ގޮތެއް ވޭތޯ ސަރުކާރުން އަންނަނީ ބަލަމުންނެވެ.

ކުރީގެ އެއްވެސް ސަރުކާރަކަށް މި މައްސަލަ ހައްލު ނުވެ އޮއްވައި، ވާނުވާ ޖެހުން ނިމުމަކަށް ގެންނަން މަސައްކަތް ފަށާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ވަނީ އިއުލާން ކުރައްވައިފަ އެވެ.

ވާނުވާ ބަންދަށް މީހުން ގެންދާ މައްސަލަ މިހާރުގެ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ކަންބޮޑުވުމާ އެކު ފާހަގަކުރައްވައިފަ އެވެ.