Roadha Mihaaru
މާފުށީ ޖަލުން ދާން ބޭނުމީ މި ސާދާ ދިރިއުޅުމަށް!

މާފުށީ ޖަލުން ދާން ބޭނުމީ މި ސާދާ ދިރިއުޅުމަށް!

03 ސެޕްޓެމްބަރ 2024

މާލެއިން ފުރައިގެން ބައި ގަޑިއިރު އިރުގެ ދަތުރަކަށް ފަހު ކ. މާފުށީ ޖަލުގެ ފަހަތު ޖެޓީއަށް މަޑުކޮށްލާފައި މި ވަންނަނީ ޖަލުގެ ގޯތިތެރެއަށެވެ. ރާއްޖޭގައި އޮތް ކުށުގެ ވެށީގެ ހާލަތު އެންމެ ރަނގަޅަށް ތަމްސީލުވާ ބިރުވެރި މާހައުލަކީ މާފުށި ޖަލެވެ. އެކަމަކު ޖަލުގެ ތޭރިތަކާ ހިސާބަށް ދިއުމުގެ ކުރިން ފެނުނީ އިހުގެ ސާދާ ދިރިއުޅުމުގެ ތެރެއަށް ހަނދާންތައް ގެންގޮސްދިން އެ ޒަމާނުގެ އަވަށަކަށެވެ.

ފާތިމަތު އަޖްފާން މާފުށީ ޖަލުން ފާތިމަތު އަޖްފާން

މާލެއިން ފުރައިގެން ބައި ގަޑިއިރު އިރުގެ ދަތުރަކަށް ފަހު ކ. މާފުށީ ޖަލުގެ ފަހަތު ޖެޓީއަށް މަޑުކޮށްލާފައި މި ވަންނަނީ ޖަލުގެ ގޯތިތެރެއަށެވެ. ރާއްޖޭގައި އޮތް ކުށުގެ ވެށީގެ ހާލަތު އެންމެ ރަނގަޅަށް ތަމްސީލުވާ ބިރުވެރި މާހައުލަކީ މާފުށި ޖަލެވެ. އެކަމަކު ޖަލުގެ ތޭރިތަކާ ހިސާބަށް ދިއުމުގެ ކުރިން ފެނުނީ އިހުގެ ސާދާ ދިރިއުޅުމުގެ ތެރެއަށް ހަނދާންތައް ގެންގޮސްދިން އެ ޒަމާނުގެ އަވަށަކަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގެ ގޯތި ތެރޭގައި ހުޅުވި "ދިވެހި ސަގާފީ ގޯތި" ތެރޭގައި ހަދާފައިވާ އެންމެ ހާއްސަ އެއް ތަނަކީ އިހު ޒަމާނުގެ އެދުރުގެ އެވެ. ތަނުގައި އެދުރުދައިތައާ އެކު ކުދިންތަކެއް ވޮށުފިލާގައި އަކުރު އަޅައިގެން ކިޔަވަން ތިއްބެވެ. ހަރުދަނާ އެތައް ބަޔަކު ބިނާކޮށްދިނުމުގެ ބިންގާ އެ ޒަމާނުގައި އަޅައިދިން ފަދަ އެދުރުގެއެކެވެ.

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގެއެއްގައި އެދުރު ދައިތައެއް ކިޔަވައިދެނީ.-- ފޮޓޯ: ރައީސް އޮފީސް

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގެއެއްގައި އެދުރު ދައިތައެއް ކިޔަވައިދެނީ.-- ފޮޓޯ: ރައީސް އޮފީސް

އެއް ކުއްޖަކު ފިލާގައި ކިޔަވަމުން ދިޔައިރު، އަނެއް ކުއްޖަކަށް އަކުރު އަޅައިދެމުން ދިޔައީ ހަނޑޫ ދޮލަނގަކުންނެވެ. އެކަމަކު އެއީ އަހަރެމެން އެތައް ބައެއްގެ އުނގެނުން ފެށުނު ހިސާބެވެ. އަހަރެމެން އެ ބަޔަކަށް ނުހަނު އިހުތިރާމާއި ލޯބި އަދިއަދަށް ދާންދެން ވެސް ދެމުން އަންނަ އެދުރު ދައިތައިންނާއި އެދުރުބެއިންނެވެ.

ކިޔަވާގެއިން ނުކުތް އިރު ދިވެހި ސަގާފީ ހެދުމުގައި މީހުން ކޮޅުކޮޅަށް ހިނގާތީ ފެނެ އެވެ. އެކި މީހުން އެކި ކަންކަމުގަ އެވެ.

އޭރު އެދުރުގޭގެ ކަނާތްފަޅީގައި ހުރި ގިފިއްޔެއްގައި، ތެޅިގަލުން ރާނާފައި ހުރި ވަޅަކުން ދާނިން ފެން ނަގަމުން ކުއްޖަކު ފެންވަރުވަން ތައްޔާރުވަނީ އެވެ.

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގިފިއްޔެއްގައި ކުއްޖަކު ފެންވަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގިފިއްޔެއްގައި ކުއްޖަކު ފެންވަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރޯނު ވެށުމާއި ވަޑާންގެ އާއި އަޅި އުނދުންލީ ބަދިގެ އާއި މި ނޫނަސް އެ ޒަމާނުގެ މަސައްކަތްތަކަށް ހާއްސަ އެތައް ތަނެއް އެ އަވަށުގައި އެބަހުއްޓެވެ. އެތަނުގައި މަސް ކައްކައި ހިއްކުމަށް މީހުންތައް އަވަދިވެތި އުޅެމުން ދިޔަ އެވެ. ތިލޭރުގެއަކާއި އަތްތެރި މަސައްކަތް ދަސްކޮށްދޭ ގެތައް ވެސް ހުއްޓެވެ.

އިރުކޮޅަކުން ފެނުނީ ރުކަކުން މީހަކު ރާ އަރައިގެން މީހަކު ފައިބަނިކޮށެވެ. ރުއް ކައިރީ ހުރި ހޮޅުއައްޓެއްގައި މަސްވެރިންގެ ބަޔަކު އެ ތިބީ އެންދަމާ ދަލެއް މަރާމާތުކުރުމުގަ އެވެ. އަންހެންވެރިން އެހެން ގެއެއްގައި ފަންގިވިދެ އިލޮށި މަށައި މަދު ފަޅަނީ އެވެ. އަނެއް ބަޔަކު ކަށިކެޔޮ ލިޔެ ބިންބި ތަޅާއިރު ކަސަބު ގެތުމާއި އިސްތިރިކުރުމުގައި އަވަދިނެތި އުޅޭ ބަޔަކު ވެސް ތިއްބެވެ.

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ރާ އަރަނީ.-- ފޮޓޯ: ރައީސް އޮފީސް

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ރާ އަރަނީ.-- ފޮޓޯ: ރައީސް އޮފީސް

އެތަނުގެ ކުރިމަތީ ކުޑަކުދިން ކުޅުމާއި ދަނޑުހެއްދުމަށް ހުސް ބިމެކެވެ. އަހަރެމެންގެ ގައުމު މި ހިސާބަށް ގެނެސްދިން އަމާން ވެއްޓެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރު އަހުމަދު ނަސީމް ވިދާޅުވީ ހަތް މަސް ދުވަހުން ޖަލު އޮފިސަރުން ހެދި މި ތަނުގައި ގައިދީންނަށް ވެސް އެތައް ކަމެއް ދަސްކޮށްދެމުން އަންނަ ކަމަށެވެ.

"މިތަން ތައްޔާރު ކޮށްފައި މި ވަނީ ކަރެކްޝަންގެ އޮފިސަރުންގެ ޓީމުތައް ރަށްރަށަށް ދަތުރުކޮށް، އެ ތަންތަން އަސްލު ހަދާފައި ހުންނަ ގޮތަށް ބަލައިގެން. އޮފިސަރުން ވަނީ އެ ކަންކަން އެ ރަށްރަށުން ދަސް ވެސް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ވަޑާންގެ އެއްގައި ބަޔަކު މަސައްކަތް ކުރަނީ.-- ފޮޓޯ: ރައީސް އޮފީސް

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ވަޑާންގެ އެއްގައި ބަޔަކު މަސައްކަތް ކުރަނީ.-- ފޮޓޯ: ރައީސް އޮފީސް

ގައިދީންނަށް މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ އެ ސަރަހައްދު އާންމުންނަށް ވެސް ހުޅުވާލަން ކަރެކްޝަންސް އިން ވަނީ ނިންމައިފަ އެވެ. ސްކޫލްތަކުގެ ކުދިންނާއި ޓޫރިސްޓުންނަށް ވެސް ޒިޔާރަތްކޮށް އެތަން ބަލައިލުމުގެ ފުރުސަތު ދޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން ރިހެބިލިޓޭޝަންގައި ބައިވެރިވެވަޑައިގެން އިސްލާހުވެ، އަލުން އެނބުރި މުޖުތަމައަށް ގެނައުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ. ޖަލަކީ އަދަބު ދޭ ތަނަކަށް ވުރެ ބޮޑަށް މީހުން އިސްލާހުކުރާ ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް ހިތްވަރު ދިނުމަށް، ރިހެބިލިޓޭޝަންގައި ބައިވެރިވުމުން ޖަލު ހުކުމުން ދުވަސްތައް އުނިވާ ގޮތް ހަދަން ނިންމަވާފައިކަން ވެސް އިއުލާން ކުރެއްވި އެވެ.

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގެއެއްގައި މީހަކު ރޯނު ވަށަނީ.-- ފޮޓޯ: ރައީސް އޮފީސް

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގެއެއްގައި މީހަކު ރޯނު ވަށަނީ.-- ފޮޓޯ: ރައީސް އޮފީސް

އިހްސާން ވިދާޅުވީ ގައިދީންނަކީ ހަމައެކަނި "ތޭރިތަކުގައި ބަންދުކޮށްގެން" ގެންގުޅޭ ބަޔަކަށް ހެދުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ވެސް މުޖުތަމައަށް އަނބުރާ އެ ގައިދީން ނުކުންނައިރު މަސައްކަތްތެރި އަދި އުފެއްދުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުމް ކަނޑައަޅާފައިވާ އާ ސިޔާސަތެއް އެއީ، ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ގައިދީއަކީ، އެ މީހާ [ކޮންމެ ދާއިރާއަކުން] ވިޔަސް މަސައްކަތް އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އެއް ދުވަސް ކެނޑޭނެ ދުވަހެއްގެ ގޮތުގައި [ހަމަޖެއްސެވުން]." އިހުސާން ވިދާޅުވި އެވެ.

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގެ އެއްގައި ކަސަބު ވިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގެ އެއްގައި ކަސަބު ވިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

ޕްރިޒަންސް ކޮމިޝަނަރު ހަސަން ޒަރީރު ވިދާޅުވީ ގައިދީން ގިނަ ދުވަހު ޖަލުގައި ހޭދަކުރަންޖެހުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރިހިބިލިޓޭޓް ކޮށްގެން އެ މީހުން އަނބުރާ މުޖުތަމައަށް ނެރެން ކަމަށް އޭނާ ވިދާޅުވި އެވެ.

މާފުށީ ޖަލުގެ ސަގާފީ ގޯތީގައި އުފެއްދުންތެރި އެތައް މަސައްކަތްތަކެއް ޖަލުގެ މުވައްޒަފުންނަށް ދަސްކޮށްދީފައިވާ ވާއިރު، އެ މަސައްކަތްތައް ކުރިމަގުގައި ގައިދީންނަށް ދަސްކޮށްދޭނެކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި": ގައިދީން ތައްޔާރު ކޮށްފައިވާ ބައެއް ތަކެތި.-- ފޮޓޯ: ރައީސް އޮފީސް

މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި": ގައިދީން ތައްޔާރު ކޮށްފައިވާ ބައެއް ތަކެތި.-- ފޮޓޯ: ރައީސް އޮފީސް

މިވަގުތު ވެސް ރާއްޖޭގެ ޖަލުތަކުގައި 1،600 އަށް ވުރެ ގިނަ ގައިދީން އެބަތިއްބެވެ. އޭގެ ތެރެއިން 65 ޕަސެންޓް ގައިދީންނަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި މީހުން ކަން ފާހަގަކުރައްވައި ކޮމިޝަނަރު ޒަރީރު ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައި އޮތީ ކުށުގެ ވެށި ނައްތާލެވިގެން ކަމަށެވެ.

ޖަލު ވާން ޖެހޭނީ ކުށުގެ ވެށިން ނެރެދޭ ތަނަކަށެވެ.

ޖަލުގެ "ސަގާފީ ގޯތި" އެ ސިފަކޮށްދެނީ ގައިދީންގެ މި އެދުމެވެ. ޖަލުގެ އަނދިރިކަމުން ނުކުމެ ކޮންމެ މީހެއްގެ ވެސް އުންމީދަކީ މި ގޯތިން ހަނދާންތައް ގެންގޮސްދޭ އިހުގެ އެ އަމާން އުފާވެރި އަދި ހާސްކަމެއް ނެތް ސާދާ ދިރިއުޅުމެވެ.