Roadha Mihaaru
ޑޮލަރުގެ ރޭޓް ތިރިވާން ފަށައިފި: ރައީސް

ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ތިރިވާން ފަށައިފި: ރައީސް

05 މާޗް 2024

ފައިސާ ޗާޕްކުރުން ހުއްޓާލުމުން އޭގެ ރަނގަޅު އަސަރެއްގެ ގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ނުވަތަ ބްލެކް މާކެޓް ދަށްވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފައިސާ ޗާޕްކުރުން ހުއްޓާލުމުން އޭގެ ރަނގަޅު އަސަރެއްގެ ގޮތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ނުވަތަ ބްލެކް މާކެޓް ދަށްވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދ. މީދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އެކިއެކި ކުންފުނިތަކަށް ދައުލަތުން ދައްކަން ޖެހޭ 9 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އެހެންވެ އެ ދަރަނިތަކާއި ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މަސައްކަތަށް ވަރަަށް އިސްކަމެއް ދީގެން ސަރުކާރުން ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ހިލާފަށް ފައިސާ ޗާޕްކޮށްގެން ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް ޓަކައި، ފައިސާ ޗާޕް ކުރުމުގެ ގޯސް ނިންމުން ވާނީ ހުއްޓާލައިފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ އަޅުގަނޑުމެންގެ ގައުމު ބަގުރޫޓްވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ ވިހި ރުފިޔާ އަށް ވުރެ ވެސް މައްޗަށް. އިގުތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެ ނިންމުމަކީ ފައިސާ ޗާޕްކުރަން ނިންމި ނިންމުމެއް ނޫން. ވަރަށް ފަސޭހަވީސް ހަމަ ފައިސާ ޗާޕްކޮށްލި ނަމަ. އެ 9 ބިލިއަން ރުފިޔާ އަށް ވާ ވަރަށް ފައިސާ ޗާޕްކޮށްލި ނަމަ އެކަން އެ ނިންމުނީ ނޫންތޯ؟ އެކަމަކު އެކަން ނުކުރީ ހަމަ ދިވެހި ރައްޔިތުންނަށްޓަކައި."

ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ ހެޔޮ އަސަރު މިހާރު ވެސް ފެންނަމުން އަންނަ ކަމަށާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ދަށްވެ، އިގުތިސާދު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

"މިހާރު އޭގެ އަސަރު ފެނޭ އެބަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މީދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

މީދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިގުތިސާދު ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަވަހަށް ނިންމުމަށް މަސައްކަތް ކުރަނީ ވެސް އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދު ދެން އިތުރަށް ފުޅާކުރެވޭނީ ވެސް ވެލާނާ އެއާޕޯޓް އަވަހަށް ނިންމައި ހުޅުވާލެވުނުހާ އަވަހަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި އެއާ އެކު، އިތުރު ރިސޯޓްތައް ހެދުމުގެ ފުރުސަތު ވެސް މި ދެނީ. ހަދަން ފަށާފައި ނުނިމި ހުރި ރިސޯޓްތައް ނިންމަން ވެސް އެކި ކަހަލަ ފުރުސަތުތައް ދިނުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އޭރަށް އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވެގެން މި ދަނީ،" ރައީސް ވިދާޅުވި އެވެ.

"އިގުތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުން ޓޫރިޒަމް ދާއިރާ އަށް ވެސް އިންވެސްޓް ކުރާނެ މީހުން ވާނެ. ކޮންފިޑެންސް ލިބޭ ވަރަކުން އިންވެސްޓް ކުރަމުން ދާނެ."

ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ އަޅުގަނޑުމެންގެ ގައުމު ބަގުރޫޓްވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ ވިހި ރުފިޔާ އަށް ވުރެ ވެސް މައްޗަށް. އިގުތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ،"---ރައީސް

ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ވެސް އޮތީ އެއްކޮށް އިނދަޖެހިފައި ކަމަށާއި މި ސަރުކާރާ ހަވާލުވިއިރު 240 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އޮތް ކަމަށެވެ. އެ ފައިސާ އާއި އޭގެ އިތުރަށް ވެސް މިހާރު މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާނެ ކަމަށާއި ބާކީ ހުރި ފައިސާ ވެސް ދައްކަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މިފްކޯ އަށް މަސްވެރިން ކިރުވާ މަހުގެ އަގަށް ވާ ފައިސާ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރުގެ ތެރޭގައި ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، މިފްކޯ ވެސް އޮތް ހާލަތުން އަރައިގަތުމުގެ މަސައްކަތަށް މިހާރު ވަރަށް ބޮޑު އިސްކަމެއް މި ސަރުކާރުން ދޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ވާނީ އިސްރާފު ކުޑަކުރަން ވެސް ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. އެހެންވެ ،ސަރުކާރުން މިހާރު ބޮޑެތި އިވެންޓްތައް ބޭއްވުން ވެސް ހުއްޓައިލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރޭގައި އެތައް މިލިއަން ހަރަދު ކޮށްގެން އިވެންޓްތައް ބޭއްވުމާއި ދަތުރުތައް ކުރުން ވެސް ހުއްޓާލާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.