Roadha Mihaaru
ލަންކާގެ ދަރަނި ދެއްކުން 2028 އަށް ފަސްވޭތޯ ބަލަނީ

ލަންކާގެ ދަރަނި ދެއްކުން 2028 އާ ހަމަޔަށް ފަސްކުރެވޭތޯ ބަލަނީ

07 މާޗް 2024

މީގެ ދެ އަހަރުގެ ކުރިން އިގްތިސާދު ހުއްޓުމަކަށް އައި ސްރީ ލަންކާގެ ބޭރު ދަރަނިތައް ދެއްކުން 2028 ވަނަ އަަހަރާ ހަމަޔަށް ފަސްކުރެވޭތޯ ބެލުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރެމަސިންހާ އިއްޔެ ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރުގެ ކުރިން އިގްތިސާދު ހުއްޓުމަކަށް އައި ސްރީ ލަންކާގެ ބޭރު ދަރަނިތައް ދެއްކުން 2028 ވަނަ އަަހަރާ ހަމަޔަށް ފަސްކުރެވޭތޯ ބެލުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރެމަސިންހާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ ދަރަނި ނުދެއްކޭ ހިސާބަށް 2022 ވަނަ އަހަރު ދިއުމުން ބޭހާއި ތެލާއި ކާނާ ފަދަ އަސާސީ ތަކެތި އިމްޕޯޓް ނުކުރެވި އާންމުން ރުޅިވެރިކަމާ އެކު މަގުތަކަށް ނުކުމެ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދޭން މަޖުބޫރުކުރުވި އެވެ.

އޭގެ ފަހުން ލަންކާ އިން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފެ ރެސްކިއު ޕެކޭޖް ނަގައިފަ އެވެ. އަދި އެ އިދާރާގެ ޝަރުތުތަކާ އެއްގޮތަށް ގައުމުގެ މާލީ ކަންކަން ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރައީސް ރަނިލް ވިދާޅުވީ ދަރަންޏަށް އެތައް ބިލިއަން ޑޮލަރަކާއި ބޮންޑް ދޫކުރި ގައުމުތަކާއި ޕްރައިވެޓް އެކި ފަރާތްތަކާ އެކު، ދަރަނި ފަސްކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދަރަނިތައް ފަސްކުރެވޭނެ ގޮތެއް ހަމަޖެހޭތޯ،" ގާނޫނު ހަދާ މަޖިލީހުގައި ރަނިލް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 2023 ގެ ނިޔަލަށް ލަންކާގެ ބޭރުގެ ދަރަނި 52.65 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

އައިއެމްއެފްގެ ބެއިލްއައުޓް ޕްރޮގްރާމް ދެމެހެއްޓުމަށްޓަކައި، މިއަހަރުގެ ޖޫން މަހު އައިއެމްއެފުން ލަންކާގެ އިގްތިސާދު ރިވިއުކުރުމުގެ ކުރިން، ދަރަނި ދޫކުރި ފަރާތްތަކާ އެކު އާ އެއްބަސްވުންތަކެއް ހަދަން ޖެހެ އެވެ. އައިއެމްއެފްގެ ބެއިލްއައުޓް ލޯނުގެ 337 މިލިއަން ޑޮލަރުގެ ދެވަނަ ޕޭމަންޓް މިދިޔަ ޑިސެމްބަރު މަހު ދޫކުރީ ވެސް ލަންކާއަށް ޗައިނާއިން ދީފައިވާ ދަރަނި ލުއި ގޮތަކަށް ހަމަޖައްސަން "އުސޫލީ ގޮތުން" އެއްބަސްވުމެއް ހެދުމުންނެވެ. އެކަމަކު އައިއެމްއެފުން ބުނީ ދެ ވަނަ ރިވިއުގެ ކުރިން މި އެއްބަސްވުން އިތުރަށް ވަރުގަދަކުރަން ޖެހޭނެ ކަމަށެވެ.

ލަންކާއަށް އެންމެ ގިނަ ލޯނު ނަގާފައިވަނީ ޗައިނާއިންނެވެ. އެއީ ބޭރުގެ ޖުމްލަ ދަރަނީގެ 10 ޕަސެންޓެވެ. --އޭއެފްޕީ