Roadha Mihaaru
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި

މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި

10 މާޗް 2024

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ހުރި 281 ވެހިކަލް ނައްތާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ހުރި 281 ވެހިކަލް ނައްތާލައިފި އެވެ.

މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވާ އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށީ މިދިޔަ މަހުގެ 17 ގަ އެވެ.

އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ، "ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް 281 އުޅަނދު ނައްތާލާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ނައްތާލި އުޅަނދުތަކުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ހަލާކުވެގެން ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ކާރުތައް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ މަގުތަކުގައި ގިނަ ދުވަސް ވަންދެން، ގަވާއިދާ ހިލާފަށް ބަަހައްޓާފައި ހުރި ވެހިކަލްތަކެވެ.

އެއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މާލޭގެ މަގުތަކުގައި، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން މާލޭގެ ތޮއްޖެހުން ބޮޑުވެ، ޝަކުވާ އިތުރުވެ މިހާރު އަންނަނީ ވެހިކަލްތައް ޓޯކުރަމުންނެވެ. އެކަމަކު ވެސް މާލޭގެ މަގުތަކުގައި ހިތުހުރި ގޮތަކަށް ދަނީ ޕާކުކުރަމުންނެވެ.