Roadha Mihaaru
ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި މި އަހަރު ފަށަނީ

ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި މި އަހަރު ފަށަނީ

16 މާޗް 2024

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި "ހެލިކޮޕްޓަރު ސާވިސަސް" ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި "ހެލިކޮޕްޓަރު ސާވިސަސް" ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ބޭނުންކުރަން ފެށުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ތާރީހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ދިވެހި ސިފައިން އަމިއްލަ އަށް ބެލެހެއްޓުމަށްޓަކައި ތުރުކީ އިން ވަނީ ތިން ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް" (ޔޫއޭވީ) ގެނެސް ރޭގައި ބޭނުންކުރަން ފަށައިފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އޭގެ ތެރެއިން ގިނަ އާލާތްތައް ލިބުނީ ތުރުކީގެ ރައީސް އަދި އެ ގައުމުގެ ސަރުކާރާ އެކު ރާއްޖެ އިން ގެންގުޅޭ ގާތްކަމެއްގެ ސަބަބުން ހިލޭ ކަމަށެވެ. އިތުރު ޑްރޯންތައް ވެސް މި އަހަރުގެ ތެރޭގައި ގެންނަން ވަނީ ނިންމައިފަ އެވެ.

ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށްޓަކައި ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީ ޕްލޭނެއް ވެސް އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުންކުރަން މި ސަރުކާރުން މި މަހު ހިދުމަތަށް ނެރެފައިވާ ކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މި އަހަރު ނިމުމުގެ ގާއިމްކުރާ "ހެލިކޮޕްޓާ ސާވިސަސް" ގެ ތެރޭގައި ވެސް މެޑިކަލް އިވެކުއޭޝަނަށް ހާއްސަ ހެލިކޮޕްޓަރެއް އޮންނާނެ ކަމަށެވެ.

އެހެން މީހުންގެ އެހީތެރިކަން ހޯދަންޖެހޭ ކަހަލަ ކަންކަމުގައި އެހީތެރިކަން ހޯދާނީ. މި ކަހަލަ ކަންކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމާ އެކީގައި ކުރެވެން ޖެހޭނެ ކަންކަން ކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ އެހެން ވެގެން،"--- ރައީސް

"އެހެންވީމާ ތިން އުޅަނދު އެއާ އެމްބިއުލާންސް ސާވިސްގެ ތެރެއަށް އިތުރު ކުރެވިގެން ދިޔައީމާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ މި ކަމުގައި ވެސް ގާއިމް ކުރެވިގެން ދިޔައީ. މި ކުރެވޭ މަސައްކަތަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ވެސް އެ ކަމަށްޓަކައި ފަހުރުވެރިވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށްޓަކައި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެއް އިންޑިއާ އިން ރާއްޖެ އަށް ކުރިއްސުރެ ހަދިޔާ ކޮށްފައިވީ ނަމަވެސް އެ ތަކެތި އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ އަސްކަރީ ސިފައިން ފޮނުވާލުމަށް ރައީސް މުއިއްޒު ނިންމެވުމާ އެކު، އެ އުޅަނދުތައް މި ސަރުކާރު އައި ފަހުން ބޭނުންނުކުރާ ކަމަށް އެނގިފައި ވެ އެވެ. އޭގެ ބަދަލުގައި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާ އަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީ ޕްލޭނެއް، އެއާ އެމްބިއުލާންސަކަށް ބަދަލުކޮށް ހިދުމަތަށް ނެރެފަ އެވެ.

ރާއްޖެ އަށް ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯންތައް ރޭ ތައާރަފު ކުރުމަށް ރޭ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ތާރީހީ ރަސްމިއްުޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އަށް ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯންތައް ރޭ ތައާރަފު ކުރުމަށް ރޭ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ތާރީހީ ރަސްމިއްުޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެހެންވެ، ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށްޓަކައި މިހާރު ރާއްޖޭގައި ހަރަކާތްތެރިވަނީ ދިވެހި ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ދެ އުޅަނދެވެ.

އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުން އެނގޭ ގޮތުގައި ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށް ވައިގެ ސިފައިންގެ ތެރެއަށް ހެލިކޮޕްޓަރުތަކެއް ވެސް ތައާރަފު ކުރާނެ އެވެ. އެ މަނިކުފާނު ވަނީ ތުރުކީ އިން މި އަހަރު އަސްކަރީ އިތުރު އެހީތެރިކަން ލިބޭނެ ކަމުގެ އިޝާރާތް ވެސް ރޭ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރުތައް ވެސް ހިމެނޭ ކަމަށް އެނގިފައި ވެ އެވެ.

ރައީސް ރޭ ވިދާޅުވި ގޮތުގައި، ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށްޓަކައި ދިވެހިންގެ އަމިއްލަ ބާރުވެރިކަން ހޯދަން ނިންމީ އަމިއްލަ މިނިވަންކަމާއި ކަންކަން ކުރުމުގެ މިނިވަންކަން ދިވެހިންނަށް ލިބިދިނުމަށެވެ.

"އެހެން މީހުންގެ އެހީތެރިކަން ހޯދަންޖެހޭ ކަހަލަ ކަންކަމުގައި އެހީތެރިކަން ހޯދާނީ. މި ކަހަލަ ކަންކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަމާ އެކީގައި ކުރެވެން ޖެހޭނެ ކަންކަން ކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ އެހެން ވެގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާ އިން ހަދިޔާ ކޮށްގެން ރާއްޖޭގައި ބޭނުންކުރާ ހެލިކޮޮޕްޓަރު: މި ސަރުކާރު އައި ފަހުން މި ހެލިކޮޕްޓަރު ބޭނުންކުރުން ވަނީ ހުއްޓާލާފައި.

އިންޑިއާ އިން ހަދިޔާ ކޮށްގެން ރާއްޖޭގައި ބޭނުންކުރާ ހެލިކޮޮޕްޓަރު: މި ސަރުކާރު އައި ފަހުން މި ހެލިކޮޕްޓަރު ބޭނުންކުރުން ވަނީ ހުއްޓާލާފައި.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއިރު، އިންޑިއާ އިން މިހާރު ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓާ މެދު އަމަލު ކުރާނެ ގޮތެއް އަދި މި ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެ އުޅަނދުތައް އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ ހުރިހާ ސިފައިން މި އަހަރުގެ މޭ 10 ގެ ކުރިން ބޭލި ނަމަވެސް އެ ތަކެތި އޮޕަރޭޓް ކުރަން އިންޑިއާގެ ސިވިލިއަނުން ގެންނަން ވަނީ އެއްބަސްވެ އަދި ބައެއް ސިވިލިއަނުން އައިސްފައި ވެ އެވެ. މިހާރު ރާއްޖޭގައި ތިބީ އައްޑޫ ގަމުގައި ބޭނުންކުރާ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ގެނައި އެ ގައުމުގެ ސިވިލިއަނުންނެވެ.

ރައީސް މުއިއްޒު ފެށުނީއްސުރެ ވިދާޅުވަނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓާނީ ދިވެހިން ކަމަށާއި ބޭރުގެ ގައުމެއްގެ ކޮންޓްރޯލް އެ ކަމުގައި އޮވެގެން ނުވާނެ ކަމަށެވެ.